"އަޅުގަނޑުމެންވެސް ކައިވެނިކުރީ ލޯބިވެގެން އެތައް ދުވަހަކު އުޅެފައެވެ. 2 އަހަރަށްވުރެ ގިނަ ދުވަހު ވާހަކަދައްކައި އެކުގައި ވަޤުތުވެސް ހޭދަކޮށްފައެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަމަށް ދެމީހުންވެސް ބުނަމުންނެވެ.
ކައިވެނީގައި ދަރިއަކު ލިބުނު ހިސާބުން އަޅުގަނޑު ކަމަކު ނުދެއެވެ. އަބަދުވެސް ފިރިމީހާއަށް ފެންނަނީ އަޅުގަނޑުގެ ކުށްތަކެވެ. ސަބަބު އެނގޭތޯ ކުރި މަސައްކަތުން އެނގުނީ އަޅުގަނޑު ބަލިވެ އިންތަނާ އޭނާއަށް ތަނަވަސް އަންހެނަކާއި ގުޅުމުގެ ފުރުޞަތު ލިބިފައިވާކަމެވެ.
ކޮންމެއަކަސް މިހާރު ޙާލަތު ހުރިގޮތުން ވަރިކުރާނީ މިއަދުނޫންކަމެއްވެސް ނުއެނގެއެވެ. އަޅުގަނޑަކީ އަޅައިލާނެ އެއްވެސް މީހަކު ނެތް އެކަނިވެރިއަކީމެވެ. މިޙާލަތުގައި އަޅުގަނޑަށް ހަމްދަރުދީވާނެ މީހަކުވެސް ނެތެވެ.
އަޅުގަނޑުގެ ސުވާލަކީ މިފަދަ ބޮޑު ހިތްދަތިކަމަކުން އަރައިގަނެވޭނެ ގޮތަކީ ކޮބައިތޯއެވެ؟"
ކިޔުންތެރިޔާއަށް ބުނެލަންޖެހެނީ އެންމެ ފަހު ވަޤުތައްވެސް ކެތްތެރިވާން މަސައްކަތްކުރާށެވެ! ﷲ އަށް ތެދުވެރިވެ އިނދެ ދުޢާކުރަމުން ގެންދާށެވެ! އިޚްލާޞްތެރިއަޅުންގެ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެތެވެ! ވަރިކޮށްފައި ގެއިން ނެރެލިނަމަވެސް ނުކުމެވޭނީ އުފާވެރިކަމުގެ ފެށުމެއްގެ ކޮޅުމަތިކަން ޔަޤީންކޮށްގެން ހުރެ ދުޢާކުރަމުން ގެންދާށެވެ. ހަމައެއާއިއެކު އަނިޔާވެރިންނަށް ކަރުނައަޅަން ޖެހުން އޮންނާނީ ދާދި ގާތުގައެވެ.
ތިރީގައިވާ ލިޔުން ކިޔައިލާށެވެ! ހިތްވަރުލިބޭނެއެވެ. އިން ޝާ ﷲ އަދި ފިރިމީހާއަށް ޝެއާވެސްކޮށްލާށެވެ! ވިސްނި ހިތް ބަދަލުވެސްވެދާނެއެވެ. އިން ޝާ ﷲ
އިންސާނުންނަކީ އެމީހުން އަމިއްލައަށް ކުރާ ކަންކަން ބަދަލުކުރަން ބޭނުންވުމުންވެސް އުޒުރުތައް ދައްކާ ބައެކެވެ. އެކަމުގެ ހެކި އެންމެ ސާފުކޮށް ފެންނާނީ ކައިވެނިންނެވެ. ކައިވެނި ކުރަނީ ދެމީހުން ވަރަށް ބޮޑަށް ލޯބިވެގެންނެވެ. އެކެއްގެ ހުރިހާ ކަމެއް އަނެކަކު ބަލައިގަނެ އެކަންކަމަށް ތަޢްރީފްކުރަމުންނެވެ.
ނަމަވެސް ފަހުން ތިމާއަށް މާމޮޅުވެދާނެ ގޮތެއް ކަމަށް ޤަބޫލުކުރެވޭ ގޮތެއް ފެނިއްޖެނަމަ ބޭނުންވަނީ އަވަހަށް ކައިވެނި ރޫޅައިލާށެވެ. އެހާލަތު މެދުވެރިވުމުން ކުރިން ދެއްކި ވާހަކަތައް މުޅިން ބަދަލުކޮށްލައެވެ. ކުރިން ވީ އެއްބަސްވުންތައް އުވައިލައެވެ. އަނެކާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ހުންނަ ކަމަކަށް ނުވެއެވެ. ކުރިން ބަލައިގަނެ ތަޢްރީފް ކުރި ކަންކަން ވެސް ހަދައިލަނީ ކަމުނުދާ ކަންކަމަށެވެ. ނުބައި ސިފަތަކަކަށެވެ.
އެގޮތަށް ކަންކަން ކުރަނީ ކުރާނެ ޙައްޤު ވަކާލާތެއް ނެތުމުންނެވެ. ކުރާނެ ޙައްޤު ވަކާލާތެއް ނެތިއްޖެ ނަމަ ބާޠިލް ވަކާލާތު ކުރުން ނޫން ގޮތެއް ނުއޮންނާތީއެވެ. ކޮންމެވެސް އުޒުރުތަކެއް ދައްކަން ބޭނުންވާތީއެވެ. ދައްކާނެ އެއްވެސް ޢުޒުރެއް ނެތް ނަމަވެސް ތިމާ ހުރީ ޙައްޤުމަގުގައިކަން ސާބިތުކޮށްދޭން މަސައްކަތް ކުރުމުގެ ނުބައި އާދަ އަށަގެންފައިވާތީއެވެ.
މިފަދައިން އަމަލުކުރާ މީހުންނަކީ އިންޞާފު ޤަބޫލުކުރާނެ ބައެއް ނޫނެވެ. އެފަދަ މީހުންގެ ކުރިމަތީގައި އަބަދުވެސް އޮންނާނީ އެމީހުން ބޭނުންވާ ގޮތެވެ. އެފަދަ މީހުން އަބަދުވެސް އިސްކަން ދޭނީ އެމީހަކަށް އެވަގުތު އެންމެ ފައިދާ ބޮޑުވާނެ ކަމަށް ޤަބޫލުކުރެވޭ ގޮތަށެވެ. އެގޮތަށް އަމަލުކުރާ މީހުން ކަންކަން ކުރަނީ ތިމާމެން އަމަލު މިކުރަނީ އިންޞާފުންކަން ނުއެނގޭތީއެއް ވެސް ނޫނެވެ. ދުނިޔޭގެ ދަހިވެތިކަމުގައެވެ.
މިފަދަ މީހުން އަނެކާއަށް އެދޭ އަނިޔާ މިދުނިޔޭގައިވެސް އެމީހުންނާއި އަރައިހަމަކުރާނެއެވެ! ހިތާމަކޮށް ކަރުނައަޅަންޖެހޭނެއެވެ. އެކަން މިދަނީ އަބަދުހެން ފެނި ސާބިތުވަމުންނެވެ. ތިމާއަށް މާރަނގަޅުވެދާނެ ގޮތެއްކަމަށް ޤަބޫލުކުރެވޭ ގޮތެއް ފެނުމުން އެގޮތަކަށް ޢަމަލުކުރަން ކައިވެނި ރޫޅައިލުމަކީ ހިންގޭނެ އެންމެ ބޮޑު އެއް ޖަރީމާއެވެ. އަނެކާއަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާއެވެ. ވީމާ ކައިވެނި ރޫޅައިލުމުގެ ކުރިން މިކަންކަމަށް ފުންކޮށް ވިސްނަންވާނެއެވެ!
ކައިވެނި ރޫޅުން ހުއްދަވަނީ ދެމީހުންނަށް އެކުގައި ދިރިއުޅެވޭނެ ގޮތެއް ނުފެނުމުންނެވެ. މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމުންވެސް ޙައްލު ނުކުރެވުމުންނެވެ. އެއީ ތިމާއަށް މޮޅުވާނެ ގޮތެއް ފެނުމުން ކުރުން ހުއްދަ ކަމެއް ކަމަކަށް އަހަރެން ނުބުނާނަމެވެ. ދަލީލަކީ އެއީ އަނެކާއަށް ދެވޭ އަނިޔާއަކަށްވާނެކަމެވެ. އަނިޔާވެރިވުމަކީ ކަނޑައެޅިގެން ޙަރާމްކުރައްވަވާފައިވާ ކަމަކަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން