ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މ. އޯޝަން ރީޑު، އަލްމަރްޙޫމް އާދަމް މޫސާ (ބުޗާގޭ ދޮންމަނިކު)ގެ އާއިލާއަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު، އޮނަރަބަލް ޤާސިމް އިބްރާހީމް ތައުޒިޔާ ދަންނަވައިފިއެވެ.
އާދަމް މޫސާ އަވަހާރަވުމާ ގުޅިގެން، ޤާސިމް އިބްރާހިމް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ، އެމަނިކުފާނުގެ ސްޕެޝަލް ޕޮލިޓިކަލް އެޑްވައިޒަރ އަދި ކުރީގެ މިނިސްޓަރ އިރުތިޝާމް އާދަމްގެ ލޮބުވެތި ބައްޕާފުޅު އަލްމަރުޙޫމް އާދަމް މޫސާ (ބުޗާގޭ ދޮންމަނިކު) އަވަހާރަވި ޚަބަރު އެހީ ނުހަނު ހިތާމައާއެކުގައި ކަމަށެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ޤާސިމް އިބްރާހީމްގެ އަމިއްލަ ނަންފުޅުގައި އަދި އެމަނިކުފާނު ލީޑުކުރައްވާ ޖުމްހޫރީ ޕާޓީގެ ފަރާތުން އިޚްލާޞްތެރި ތަޢުޒިޔާ އިރުތިޝާމް އާދަމްގެ ޢާއިލާއަށް އަރިސްކުރައްވާކަމަށް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވި ގޮތުގައި، މަރުޙޫމް ބުޗާގޭ ދޮންމަނިކަކީ ވަރަށް ގިނަދުވަހު ދިވެހި ސަރުކާރަށް ޚިދުމަތްކުރެއްވި ދައުލަތާއި ރައްޔިތުންގެ ނުހަނު އިޚްލާޞްތެރި ޚާދިމެކެވެ.
ޤާސިމް އިބްރާހިމްވަނީ ކީރިތި ﷲ ސުބްޙާނަޙޫ ވަތަޢާލާ، މަރުހޫމު ދޮންމަނިކުގެ ފާފަތައްފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.
ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ އާދަމް މޫސާ، އުމުރުން 91 އަހަރުގައި އަވަހާރަވެފައި ވަނީ ރޭގެ ވަގުތެއްގައި އޮސްޓްރޭލިއާގައެވެ. އެމަނިކުފާނަކީ ކުރީގެ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އިރުތިޝާމް އާދަމްގެ ބައްޕާފުޅެވެ.
އާދަމް މޫސާ އަވަހާރަވީއިރު އެމަނިކުފާނުގެ ތިން ކައިވެންޏަކަށް 22 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.