ރަމަޟާންމަހުގެ ހެޔޮ ދަރުމަ އާއި ބަރަކާތާއި ޘަވާބަށް އެދިގެން އަޅުގަނޑުމެން ވަރަށް ގިނަ ކަންކަން ކުރީމުއެވެ. ރަމަމާން މަސް އަޅުގަނޑުމެންނާއި ވަކިވެހިނގައްޖެއެވެ. ގިނަ ބައަކު ޝައްވާލް މަހުގެ 6 ރޯދަވެސް ހިފާނެއެވެ. ސުވާލަކީ ރަމަޟާންމަހު އަޅުގަނޑުމެން ކުރި ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިހެއްޔެވެ؟
ސުވާލުގެ ފރިހަމަ ޖަވާބު ލިބޭނީ ޤިޔާމަތް ދުވަހުގައެވެ. ޢަމަލުތަކަށް ޖަޒާ ދެއްވާ ވަގުތުގައެވެ. ނަމަވެސް އަޅުގަނޑުމެން ކުރި ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަމުގެ ހެއްކެއް މިހާރުވެސް ހޯދިދާނެއެވެ.
ޢިލްމްވެރިއަކު ވދާޅުވެފައިވެއެވެ.
"ބަރަކާތްތެރި ރަމަޟާން މަސް ނިމުމަށްފަހުގައިވެސް ރަމަޟާން މަހު ހެޔޮ އަމަލުތައް ކުރިފަދައިން ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރެވުމަކީ ވެސް ރަމަޟާން މަހު ކުރި ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވި ކަމުގެ ހެއްކެކެވެ. އެއިގެ ތެރޭގައި ރަމަޟާން މަހު ފަދައިން އެމަހު ކުރި ހެޔޮ ޢަމަލުތައް ކުރަން ހިތްޖެހި، ކުރުމަށް ޝައުޤުވެރިކަން އުފެދި ޝައުޤުވެރިވުން ވެސް ހިމެނެއެވެ.
މިސާލަކަށް ދަމު ނަމާދާއި އެހެންވެސް އަޅުކަމުގެ އިތުރުން މުޅި އަހަރު ދުވަސްތެރޭގައި ދައުވަތުދީގެން ގެއަށް ނުގެންނަވަރު ގިނަ އަދަދަކަށް ޢާއިލާގެ މީހުންނާއި އެހެން މީހުން ގެނެސްގެންވެސް ރޯދަވީއްލުންދިނުން ފަދަ ކަންކަން ކޮށްފީމުއެވެ. ރަމަޟާން މަސް ނިމުމުންވެސް އެ ގުޅުން ހަމަ އެގޮތަށް ދެމެހެއްޓުމަށް ޝައުޤުވެރިވެ އެކަން ކުރުން އެއީވެސް ޢަލާމާތެކެވެ."
ރަމަޟާން މަސް ނިމުމުން ޖަމާއަތުގައި ރޭއަޅުކަން ނުކުރަމުއެވެ. ނަމަވެސް ކޮންމެ މީހަކުވެސް އެންމެ ކުޑަމިނުން ވިތުރިގެ 3 ރަކްޢަތްކޮށްލަން މަސައްކަތްކުރާށެވެ. އަދި ވީވަރަކުން ދަމުނަމާދުވެސް ކުރާށެވެ. މާނައަކީ ދަމުނަމާދުނުކުރެވޭ މީހާ އެންމެ ކުޑަމިނުން ވިތުރިގެ 3 ރަކްޢަތް ކުރުން ދޫކޮށްނުލާށެވެ.
ހަމަ އެއާއިއެކު ޞަދަޤާތް ދިނުމާއި ޢާއިލާގެ މީހުންނަށް ހެޔޮކޮށް ހިތުމާއި މީސްތަކުންނަށް އެހީތެރިވުން ދޫކޮށްނުލާށެވެ. ވަގުތުވާވަރަކުން ޤުރްއާން ކިޔެވުމާއި އެނޫންވެސް ކަންކަމުގައި ވަގުތުތައް ހޭދަކުރަމުން ގެންދާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން