އަނބިމީހާ/ފިރިމީހާ ވިޔަސް، އެހެން މީހަކުވިޔަސް ތިބާއަށް މާފުކުރުމަކީ ކުށް ތަކުރާރުކުރަން ލިބޭ ހުއްދައަކަށް ހަދައިގެންނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަނބިމީހާ/ފިރިމީހާ ވިޔަސް، އެހެން މީހަކުވިޔަސް ތިބާއަށް މާފުކުރުމަކީ ކުށް ތަކުރާރުކުރަން ލިބޭ ހުއްދައަކަށް ހަދައިގެންނުވާނެ!: މުފްތީ މެންކް

އިސްލާމް ދީން ބާރުއަޅަނީ ވީހާ ގިނައިން އެކަކު އަނެކަކަށް މާފުކުރުމަށެވެ. މީސްތަކުންނަށް މާފުކުރުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އެއް ޢަމަލެވެ. އަބަދުވެސް ބުނާފަދައިން ކޮންމެ މީހަކަށްވެސް އަބަދުވެސް ކުށް ކުރެވޭނެއެވެ. އެއީ އިންސާނުންގެ ޠަބީޢީ ކަމެކެވެ. ކުށެއް ކުރެވުމުން އޮތީ ތައުބާވުމަށް އަވަސްވެގަތުމެވެ. މާފަށް އެދެންވެސް އަވަސްވެގަތުމެވެ.

ވިސްނައިލަންޖެހޭނެ ކަމަކީ ކިތަންމެ ގިނައިން ތައުބާވިނަމަވެސް އެކަމަށް ލޯބިވެވޮޑިގެން ފާފަ ފުއްސަވައިދެއްވެވުން އެއީ ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެއްކަމެވެ. އިންސާނުންނަކީ ގިނަގިނައިން މާފުކުރަންޖެހިއްޖެނަމަ އެކަމަށް ފޫހިވާނެ ބައެކެވެ.

ވަޒީފާގެ މާހައުލަށް ބަލާށެވެ! ފުރަތަމަ މާފުކޮށް ކަމަކަށް ނުހަދައިފާނެއެވެ. ދެވަނަފަހަރު ތަކުރާރުކުރުމުން ނަބޭޙަތްދިނުމާއިއެކު އިންޒާރުވެސް ދޭނެއެވެ. އަލުން ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކިކުރެއެވެ.

އަމިއްލަ ދިރިއުޅުމުގައިވެސް މިކަމަށް ސަމާލުކަންދޭންވާނެއެވެ! ކުށެއް ކުރެވުމުން ބައިވެރިޔާ މާފުކޮށްފާނެއެވެ. ނަމަވެސް ތަކުރާރުވާނަމަ ފޫހިވެ ފިޔަވަޅު އަޅާނެއެވެ. އަދި އެންމެފަހުން ކައިވެނި ރޫޅެން މެދުވެރިވާ ސަބަބުކަމަށް ވެސް ވެގެންދެއެވެ.

ރައްޓެހިންގެ މެދުގައިވެސް މިކަން މެދުވަނީ ހަމަ މިފަދަ ގޮތަކަށެވެ. ފުރަތަމަ ފަހަރު މާފުކޮށްފާނެއެވެ. ނަމަވެސް ތަކުރާރުވާނަމަ ގުޅުން ކަނޑައިލުން އޮންނަނީ ދާދިގާތުގައެވެ. ވީމާ ބުނެލަން އޮތީ ބައިވެރިޔާވެސް އެހެން މީހަކުވެސް ތިބާއަށް މާފުކުރުމަކީ ކުށް ތަކުރާރުކުރަން ލިބޭ ލައިސަންސަކަށް ނުހަދާށެވެ! ކުށް ތަކުރާރުކުރާނަމަ ފިޔްވަޅު ނުއަޅާނެކަމަށް ހީވެސް ނުކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން