ޢާއިލާއާއި މުޢާމަލާތު ކުރާނެ ގޮތް ރަސޫލާގެ ސުންނަތުން ‍3

ކިޔުމަށް ހޭދަވާނީ 5މ 19ސ
ޢާއިލާއާއި މުޢާމަލާތު ކުރާނެ ގޮތް ރަސޫލާގެ ސުންނަތުން ‍3

· ރަސޫލުالله ގެ ލޯބީގެ ބަސް

ރަސޫލުالله އޭނާގެ އަނބިކަނބަލުންދެކެ ލޯބިވާކަން ހާމަކުރަން ވަރަށް ލޯބިކުރެއްވި ކަމަށާއި މުޅި ކައިވެނީގެ ތެރޭގައި ވެސް މެދުނުކެނޑި އެކަން ކުރައްވަމުން ގެންދެވި ކަމަށެވެ. ޢާއިޝަތުގެފާނުގެ މޫނުގެ ބައެއް ސިފަތައް ރަތްކުލައިގެ ކުލައަކަށް ވުމުން އެކަލޭގެފާނަށް އެކަން ވަރަށް ކަމުދިޔައެވެ. އަދި އެކަމަށް ތަޢުރީފު ކުރައްވާ ރީތި ނަމުން ހުމައިރާ (ރަތްކުލަ) ގޮވާލައްވައެވެ. އޭނާއަކީ ދުވަހަކުވެސް ލޯތްބާއި އޯގާތެރިކަމުގެ އިޝާރާތްތަކުން ރުޅިވެރިއެއް ނޫނެވެ. މިސާލަކަށް އެކަލޭގެފާނު، އައިޝަތުގެފާނު ފެން ބޮއެފައި ހުރި ތަށީގެ ހަމަ އެތަނުން ފެންފޮދު ހިތްޕަވައެވެ.

ޢާއިޝަތުގެފާނު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ސިފަކުރައްވާފައިވެއެވެ.

كنتُ أشربُ منَ القدَحِ وأنا حائضٌ فأناولُهُ النَّبيَّ فيضعُ فاهُ على موضعِ فيَّ فيشربُ منْهُ وأتعرَّقُ منَ العرقِ وأنا حائضٌ فأناولَهُ النَّبيَّ فيضعُ فاهُ على موضعِ فيَّ

މާނައީ: ތިމަންކަމަނާ މައްސަރު ކަންތައް ދިމާވާ ހިސާބަކުން ތަށިން ފެންފޮދެއް ހިއްޕެވީމެވެ. ދެން އެ ތަށި ރަސޫލާގެ އަރިހަށް ފޯރުކޮށްލީމެވެ. ދެން ރަސޫލާ ތިމަންކަމަނާގެ ތުންފަތް ޖައްސަވައިގެން ހުރި ތަނުގައި އޭކަލޭގެފާނުގެ ތުންފަތް ޖައްސަވައިގެން އެއިން ފެން ހިއްޕެވިއެވެ. އަދި ތިމަންކަމަނާ ކޮންމެވެސް ވަރަކަށް މަސް ބާކީ ހުރި ކަށިގަނޑެއް ފަރީއްކުޅިއްވީމެވެ. އަދި އެކަށިގަނޑު ދެން ރަސޫލާގެ އަރިހަށް ފޯރުކޮށްލީމެވެ. ދެން ތިމަންކަމަނާ ފަރިއްކުޅުއްވި ތަނުގައި އޭކަލޭގެފާނު ފަރީއްކުޅުއްވިއެވެ.

ރަސޫލުالله އަބަދުވެސް އައިޝަތުގެފާނަށް އެކަލޭގެފާނުގެ ފުން ލޯތްބާއި ޔަގީންކަން ދިނުމަށް އިތުރު ގޮތްތައް ހޯއްދަވައެވެ. ފިރިމީހާއާއި އަނބިމީހާގެ މެދުގައި ލޯބި ތަރުބިއްޔަތުކޮށް، މާ ފޮޅެމުން ގެންދަންޖެހޭކަން ރަސޫލާ ދެއްކެވިއެވެ. މީގެ އިތުރުން ކައިވެންޏެއް ރަނގަޅު ކުރުމަށް ފިރިމީހާއާއި އަނބިމީހާގެ މެދުގައި އެއްބާރުލުމާއި، ދިރިއުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން ވަރަށް މުހިންމެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވެސް ވަނީ އަޅުގަނޑުމެންނަށް އެކަން ދައްކަވައިދެއްވައިފައެވެ.

ނަބިއްޔާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަ ގޭތެރޭގެ މަސައްކަތްތައް ހަމަޖެއްސުމަށް ބަރޯސާވެވަޑައިގަތީ ހަމައެކަނި އައިޝަތު އަކަށް ނޫނެވެ. އަޅުގަނޑުމެންނަށް ސީރާއިން އެނގޭ ގޮތުގައި މުޙައްމަދު ރަސޫލާ އޭނާގެ ހެދުން ފަހާ ފަދަ ކަންތައްތައް އަމިއްލައަށް ގޭތެރޭ މަސައްކަތްތައް ކުރައްވައެވެ. ގޭތެރޭގެ މަސައްކަތްތަކުގައި އެކަލޭގެފާނު ހިއްސާ އަދާކުރެއްވިއެވެ. އަދި ކަންކަމުގައި އަމުރުކުރައްވާ ހަައްދަވާ ފިރިއެއް ނޫނެވެ.

ޢާއިޝާ ރަޟިޔަ ﷲ ވިދާޅުވެފައިވެއެވެ.

مَا كَانَ النَّبِيُّ صلى الله عليه وسلم يَصْنَعُ فِي بَيْتِهِ قَالَتْ كَانَ يَكُونُ فِي مِهْنَةِ أَهْلِهِ ـ تَعْنِي خِدْمَةَ أَهْلِهِ ـ فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ

ރަސޫލާ އެކަލޭގެފާނުގެ ގޭގައި ކުރައްވަނީ ކޮންކަމެއްހެއްޔެވެ؟ އެކަމަނާ ޖަވާބުދެއްވިއެވެ. އާއިލާއަށް ޚިދުމަތް ކުރުމުގައި އަވަދިނެތި އުޅެމުން ނަމާދު ވަގުތު ޖެހުމުން އެކަމަށް އަވަސްވެގަނެއެވެ.

އެހެންކަމުން މިޒަމާނުގެ ޢާއިލާތަކަށް އަދި ދެމަފިރިންނަށް މި ޙާދިޘާތަކުން ވަރަށް ގިނަ ކަންކަން ދަސްވެގެންދެއެވެ. ގޭތެރޭގެ މަސައްކަތަކީ ހަމައެކަނި އަނބިމީހާ ކުރަން ހުންނަ މަސައްކަތްތަކެެއް ނޫންކަމެވެ. ފިރިމީހާވެސް އެކަމުގައި ބައިވެރިވާންވާނެ ކަމެވެ. ފިރިމީހާއާއި އަނބިމީހާގެ މެދުގައި ވެވޭ އެއްބަސްވުންތަކެއްގެ މަތިން ގޭތެރޭގެ ވާޖިބުތައް ބަހާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރަސޫލުالله ގެ ވާހަކައިން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި އަންހެނުންނަކީ އަބަދު ބަދިގޭގައި ތިބެންޖެހޭ ބައެއް ނޫނެވެ. ކޮންމެ ދެމަފިރިއެއްގެ ދިރިއުޅުން ބިނާކޮށް ގުޅުން ރަނގަޅު ކުރުމުގައި ބޭނުންތައް ދެނެގަތުމާއި މުއާމަލާތް ކުރުން މުހިންމެވެ.

ލޯތްބާއި ރަޙްމަތާއި ހަމަޖެހުމުގެ މައްޗަށް ބިނާކޮށް ކައިވެންޏެއް ބިނާކުރުމުގައި ރަސޫލުالله އަޅުގަނޑުމެންނަށް ނަމޫނާ ސިފަތަކެއް ފޯރުކޮށްދެއްވައިފައެވެ. މިސާލުތަކެއް ދައްކަވައިދެއްވައިފައެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އައިޝަތުގެފާނު ދެކެވާ ލޯތްބަކީ ބާރުގަދަ ލޯތްބެއް ކަމަށާއި ރަސޫލުالله ދެކެ އޭނާގެ ލޯތްބަކީ ފުން ލޯތްބެކެވެ.

ރަސޫލާގެ ޙަދީޘެއްގެ މާނައިގައިވެއެވެ.

"ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ އޭނާގެ އާއިލާއާ މެދު އެންމެ ރަނގަޅަށް ކަންތައް ކުރާ މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅަށް ޢާއިލާއާއި މެދު ކަންތައް ކުރައްވަނީ ތިމަންކަލޭގެފާނެވެ."

ރަސޫލުﷲގެ ލޯބި ލިބިވަޑައިގަންނަވާނެ މީހުންގެ ތެރޭގައި ﷲ އަޅުގަނޑުމެން ލަހައްޓަވާށިއެވެ. އަދި އަޅުގަނޑުމެންގެ އަނބިންނާއި ފިރިންނާ މެދު އިންތިހާއަށް ލޯތްބާއި އިޙްތިރާމާއެކު ކަންތައް ކުރުމުގައި އެކަލޭގެފާނުގެ ފިޔަވަޅުމަތީގައި ތިއްބަވާ ބޭފުޅުންގެ ތެރޭގައި ތިއްބަވާށިއެވެ. އަދި އަޅުގަނޑުމެންގެ ހިތުގެ ވެރިރަސްކަލާނގެއަށް ތަބާވުމުގައި ތެދުވެރިވާ މީހުންގެ ތެރޭގައި އަޅުގަނޑުމެން ލައްވާށިއެވެ.

 

 

 

މިއަދު އޮންލައިން