ޢާއިޝަތުގެފާނުގެ ސީރަތު: ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ޢާއިޝަތުގެފާނުގެ ނަންފުޅުގައި ދައުރުކުރި ދޮގު ސިޓީތައް-

ކިޔުމަށް ހޭދަވާނީ 2މ 6ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ޢާއިޝަތުގެފާނުގެ ނަންފުޅުގައި ދައުރުކުރި ދޮގު ސިޓީތައް-

- ޢަލީ އިޙްޞާން ފިރާޤް- 

 

ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ޢާއިޝަތުގެފާނު

 

ތިންވަނަ އަމީރުގެފަހު ދައުރަކީ، ހާދަ ހިތާމަވެރި ބާބެކޭ

     ބިންމަތީ ތަމްސީލު ކުރީ، ހާދަ ރަޙުމްކުޑަ ގޮތްތަކޭ- 

އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ޝަހީދުވުމުން ދެން މުސްލިމުންގެ ޚިލާފަތުގެ މަސަންދުގައި އިށީންދެވަޑައިގެންނެވީ، އަމީރުލް މުއުމިނީން ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހުއެވެ. އަމީރުލް މުއުމިނީން ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގެ ފުރަތަމަ ހައެއްކަ އަހަރު ވަރަށް އަމާންކަމާއެކު ކަންތައްތައް ހިނގަމުން ދިޔައެވެ. ނަމަވެސް އެކަލޭގެފާނުގެ ޚިލާފަތުގެ ފަހުކޮޅުގައި ވަރަށް ބޮޑެތި ފިތުނަތަކެއް އެކަލޭގެފާނާ ދެކޮޅަށް ފިތުނަވެރީން ރޭވިއެވެ. 

ޢާއިޝަތުގެފާނުގެ ނަންފުޅުގައި ދޮގު ސިޓީތަކެއް: 

ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ އޭނާ ލިޔުއްވި ޢުޘްމާނުގެފާނުގެ ސީރަތުގައި ވިދާޅުވެފައިވެއެވެ. ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ފިތުނަވެރީން ޢުޘްމާނުގެފާނު ކުށްވެރިކޮށް ޞަޙާބީންގެ ދަރަޖަމަތިވެރި ބޭކަލުންގެ ނަންފުޅުގައި އެކިތަންތަނަށް ދޮގު ސިޓީ ލިޔެ އުޅުނެވެ. އެބައިމީހުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ނަންފުޅު މަތީގައިވެސް ދޮގު ސިޓީތައް ދައުރުކުރިއެވެ. ހަމައެބީދައިން ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހާއި، ޠަލްޙަތު ބިން ޢުބައިދުﷲ ރަޟިޔަﷲ ޢަންހާއި، އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހުގެ ނަންފުޅުގައި މުސްލިމުންގެ ޚަލީފާއާ ދެކޮޅަށް ބަޣާވާތް ކުރުމަށް ނުކުތުމަށް ދޮގު ސިޓީތައް ލިޔެ އުޅުނެވެ.

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 477} 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ނަންފުޅުގައި އެބައިމީހުން ލިޔުނު ދޮގު ސިޓީތަކުގައިވަނީ އަމީރުލް މުއުމިނީން ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހުގެ ޚިލާފަތާ ދެކޮޅަށް ބަޣާވާތް ކުރުމަށް ނިކުތުމަށް ގޮވައިލައްވައިފައެވެ. ބައެއް މީހުން އެއީ ހަމަ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ލިޔުއްވައިފައިވާ ސިޓީފުޅުތަކެއް ކަމަށް ހީކުރިއެވެ. އެ ޚަބަރު އެކަމަނާއަށް ލިބުމުން ވިދާޅުވިއެވެ. 

[ނޫނެކެވެ. އީމާންވާ ބަޔަކު އެ އީމާންވާ ފަރާތާއި، ކާފިރުވާ ބަޔަކު އެ ކާފިރުވާ ފަރާތް ގަންދީ ބުނަމެވެ. އަހަރެން ދުވަހަކުވެސް އެބައިމީހުންނަށް އެފަދަ އެއްވެސް އެއްޗެއް ނުލިޔަމެވެ.]

{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 537}

 

މިއަދު އޮންލައިން