ޢިބްރަތްތެރި ވާހަކަ: ދުޢާކޮށްފަ ބޭރަށް ނުކުތްއިރު ދުޢާކުރި ބޭނުން ފުދި ނިމެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ޢިބްރަތްތެރި ވާހަކަ: ދުޢާކޮށްފަ ބޭރަށް ނުކުތްއިރު ދުޢާކުރި ބޭނުން ފުދި ނިމެނީ!

ޢިލްމްވެރިން ދަރުސްދެއްވާއިރު ވަރަށް ގިނައިން "ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ދުޢާކުރަން" ވިދާޅުވެއެވެ. މިޒަމާނުގައިވެސް އެހާ ފަސޭހައިން ދުޢާ ޢިޖާބަ ކުރައްވަވާތޯއެވެ؟ ނޫނީ އެކަމުގެ ޙިކުމަތަކީ ކޮބައިތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލުގައި ހިމެނެނީ ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލުތަކެކެވެ. ދަންނަވާލަން އޮތީ ތިމާހުރީ ދުޢާކުރެވޭނެ ޙާލަތުގައި (ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެގެން ކަމުގައިވާނަމަ) ދުޢާ ވަޤުތުން ޢިޖާބަ ކުރައްވަވާކަމުގެ ވާހަކަތައް މިހާރުވެސް ދަނީ ޢާންމުވަމުންނެވެ. ކޮންމެ ދުޢާއެއް ވަޤުތުން ޢިޖާވިކަން އެމީހަކަށް ނުއެނގުނު ނަމަވެސް އެމީހަކަށް ރަނގަޅު ގޮތްތައް މެދުވެރިކުރައްވަވައެވެ. 

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ދުޢާކުރުމަށެވެ. 

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ." (އަލްޣާފިރު: 60) 

ޢިލްމުވެރިން އެފަދަ ބަސްފުޅުތައް އެވިދާޅުވަނީ މިފަދަ އާޔަތްތައް ފެންނަން ހުރުމުންނެވެ. 

ތިރީގައިވާ ވާހަކަވެސް ވިދާޅުވެލައްވާށެވެ! ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ 

އަހަރެންނަކީ އަމިއްލައަށް ކުޑަވަރެއްގެ "ކާރުޚާނާއެއް" ހިންގާ އަންހެނަކީމެވެ. މެންދުކުރުފަހު މަސައްކަތްފެށިތަނާ ކުއްލިއަކަށް މައިމެޝިން ހުއްޓުނީއެވެ. ބޭނުންވާ ޓެކްނީޝިއަން ފޮނުވައިދޭތޯ ކުންފުންޏަށް ގުޅުމުން ބުނީ ފޮނުވައިދެވޭނީ އެންމެ އަވަހަށްވެސް މާދަމާ (ޖެހިގެން އަންނަ ދުވަހު) ކަމަށެވެ. 

ހަދާނެ ގޮތް ހުސްވިއެވެ. އެދުވަހު ކޮންމެހެން ނިންމަންޖެހޭ އޯޑަރުތައް ހުއްޓެވެ. ނުނިމިއްޖެނަމަ ބޮޑު މާލީ ގެއްލުމެއްވެސް ކުރިމަތިވާނެއެވެ. 

ބައެއް މުވައްޒިފުން އެއިރު ދިއައީ ޓިކްނީޝިއަނަކަށް ގުޅޭނެ ގޮތެއްވޭތޯ އަމިއްލައަށް މަސައްކަތްކުރަމުންނެވެ. 

އަހަރެންނަކީ ކިތަންމެ ބޮޑު ކަމެއް ކުރިމަތިވި ނަމަވެސް ނަމާދު ވަގުތުޖެހުމުން ނަމާދުކުރަން އަވަސްވެގަންނަ އަންހެނަކީމެވެ. އެހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައިވެސް ޢަޞްރުވަގުތުވުމުން އަހަރެން އޮފީހަށް ވަދެ އެރީ ނަމާދަށެވެ. ނަމާދަށްފަހު ޙާލަތު ބަޔާންކޮށް ތަކުރާރުކޮށް ﷲ ތަޢާލާއަށް ދުޢާކުރީމެވެ. އާދޭސް ދެންނެވީމެވެ. 

ނަތީޖާ އެނގޭހެއްޔެވެ؟ ނަމާދުން ފައިގެން ކާރުޚާނާއަށް ނުކުތްއިރު ނުފޮނުވޭނެ ކަމަށް ކުންފުނިން އެބުނި އެންމެ ބޮޑު ޓެކްނިޝިއަން ހުރީ އަހަރެންގެ ކާރުޚާނާގައެވެ. 15 ވަރަކަށް މިނިޓުތެރޭގައި މެޝިން ރަނިންގ ކަންޑިޝަނަށް ގެނެސްފައި ނުކުމެގެން އެދިއައީއެވެ. އަގަކަށްވެސް ނެގީ ވަރަށް ކުޑަކުޑަ މިންވަރެކެވެ. 

މިވާހަކަކޮޅު ނޫހުގެ ކިޔުންތެރިންނާއި ހިއްޞާކޮށްލަން ބޭނުންވީ އެންމެ ކަމަކުއެވެ. އެއީ މިހާރަކަށް އައިސް ގިނަބައަކަށް ﷲ ތަޢާލާއަށް އިތުބާރުނުކުރެވޭކަން ފާހަގަކުރުމަށެވެ! ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އިތުބާރުކުރާނަމަ ހީވެސް ނުކުރެވޭފަދަ ގޮތްގޮތުން މިހާރުވެސް ރަޙްމަތް ލައްވަވާކަމުގެ ހެކި ދެއްކުމަށެވެ. 

ޢިލްމުވެރިން އެވިދާޅުވަނީ ހަމަތެދަށެވެ! އަހަރެމެންކުރާ ދުޢާ ވަގުތުން އައްސަވައިވޮޑިގެންވެއެވެ. ފެއިލްވެގެން މިއުޅެނީ ހަމަ އަހަރެމެންނެވެ. ކިޔަމަންތެރިވާންޖެހޭ މިންވަރާއި ގާތަކަށްވެސް އަހަރެމެންނަށް ކިޔަމަންތެރިނުވެވެނީއެވެ. 

މިއީ ވަރަށް ކުރު ވާހަކަކޮޅެކެވެ. ޢިބްރަތެއް ޙާޞިލުކުރަން ބޭނުން މީހާއަށް ވަރަށް ގިނަ ވާހަކަތަކެއްކަމަށް ދެކެމެވެ. 

- ޛުލައިޚާ ޔަޢްޤޫބް ޚާން/ ކަރާޗީ ޕާކިސްތާން

 

މިއަދު އޮންލައިން