އަހަރެމެންނަށް ލިބޭނެ އެންމެ އަގުހުރި ބައެއް ނަޞޭހަތްތައް ކީރިތި ޤުރުޢާނުން-

ކިޔުމަށް ހޭދަވާނީ 2މ 50ސ
އަހަރެމެންނަށް ލިބޭނެ އެންމެ އަގުހުރި ބައެއް ނަޞޭހަތްތައް ކީރިތި ޤުރުޢާނުން-

ފާޠިމަތު ނަޢީޝާ

 

މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ ރުހިވޮޑިގަންނަވާނެ ފަދައިން ދިރިއުޅުން ބައްޓަންކުރަންވީގޮތް ކީރިތި ޤުރުޢާނުގެ މޫރިތި އާޔައްތައް އަހަރެމެންނަށް ދަސްކޮށްދެއެވެ. އެހެންކަމުން، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބެން އޮތީ ގިނަގިނައިން ޤުރުއާން ކިޔަވާ އެއަށް ޢަމަލުކޮށްގެންނެވެ. 

ކީރިތި ޤުރުއާނުގައި އަހަރެމެންނަށްވާ މުހިއްމު 4 ނަޞޭޙަތް: 

1.    އަބަދުވެސް މާތްﷲ ޞުބުހާނަހޫ ވަޠަޢާލާގެ މަގަށް ރުޖޫޢަވާށެވެ. 

ސޫރަތުލް ބަޤަރާގައި މާތްﷲ ވަޙީކުރެއްވިއެވެ. "އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާއި ސުވާލުކޮށްފިނަމަ، ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ އެއުރެންނާ ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ، އެދުޢާ ތިމަންރަސްކަލާނގެ ޢިޖާބަކުރައްވަމެވެ. ފަހެ، ތިމަންރަސްކަލާނގެ އަޅުން ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ! އެއީ އެއުރެންނަށް ތެދުމަގު ލިބިގަތުމަށްޓަކައެވެ." (2:186)

ތިބާއަށް ފާފައެއްކުރެވުމުން، ނުވަތަ ފާފައަކަށް އެތައް ފަހަރަކު އަރައިގަނެވިފައިވާތީ މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާގެ މަގަށް ރުޖޫޢަވެ، ޠަޢުބާވުމަށް ފަސްޖެހެވެއެވެ. އަބަދުވެސް ހަނދުމަކުރަންވީ ތިބާގެ މަރުމަތިންނެވެ. ޠަޢުބާނުވެ ފާފަކުރުންމަތީހުއްޓައި ތިބާގެ މަރާއި ބައްދަލުވެއްޖެނަމަ ކޮންފަދަހެއްޔެވެ؟ 

سورة الزّمرގައި މާތްﷲ ވަޙީކުރެއްވިއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިށްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާޏގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ އެންމެހާ ފާފަތައް ފުއްސަވާ ރަސސްކަލާނގެއެވެ. ހަމަކަށަވަރުން. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ." (53)  

2.    ހިތްހެޔޮމީހަކަށްވާށެވެ. 

" އެޞަދަޤާތަކާއި ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ، ރަނގަޅު ހެޔޮބަހެއް ބުނުމާއި ޢަފޫކުރުމުގެ ހެޔޮކަން މާބޮޑެވެ. ﷲ އީ ފުދިވޮޑިގެންވާ، ޙަލީމްވަންތަ ރަސްކަލާނގެއެވެ." (2:263)  

3.    ނުބައި ހީތަކުންނާއި، ޖާސޫސްކުރުމުންނާއި، އަދި ޣީބަބުނުމުން ދުރުހެލިވާށެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަނަށް  ޖާސޫސްނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން،  ﷲއީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ." (49:12) 

4.    މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ، އެކަލާނގެ އަޅުން އިމްތިހާނުކުރައްވާނެއެވެ.

"މީސްތަކުން ތިމަންމެން އީމާންވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިހާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީހެއްޔެވެ؟ " (29:2) 

މިދުނިޔެމަތީ ތިބާއަށް ދިމާވާ ކޮންމެ ކަމަކީވެސް އިމްތިހާނެއްކަން ހަނދުމަކުރާށެވެ. އަދި މިއީ ވަގުތީ ފާލަމެއްކަމާއި، ޤިޔާމަތްދުވަހު ތިބާއަށް ޝަފާޢަތްތެރިވާނީ ހަމައެކަނި ކީރތި ޤުރުޢާނާއި މިދުނިޔެމަތީ ތިބާ ކޮށްފައިވާ ހެޔޮ ޢަމަލުތައްކަން ހަނދުމަކުރާށެވެ. 

ވިސްނައިފ ކޮންމެ މީހަކަށް ޢިބުރަތް ލިބޭނެކަންކަށަވަރެވެ. ﷲގެ މަގަށް ރުޖޫޢަވުން އަވަސްކުރާށެވެ. ގިނަގިނައިން ޠަޢުބާވެ ފާފަފުއްސެވުން އެދި ދުޢާކުރާށެވެ. އަދި ކީރިތި ޤުރުޢާނަކީ ތިބާގެ އެންމެ ގާޔް އެކުވެރިޔާކަމަށް ދެކި އެއަށް ޢަމަލުކުރާށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ އޭރުންނެވެ.

މިއަދު އޮންލައިން