ހެޔޮލަފާ މީހުން މަރުވުމަށްފަހު ހުވަފެނުގަ ކުރާ ވަޞިއްޔަތް ފުއްދާށެވެ! ދޭ ނަޞޭޙަތްވެސް ޤަބޫލުކުރާށެވެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހެޔޮލަފާ މީހުން މަރުވުމަށްފަހު ހުވަފެނުގަ ކުރާ ވަޞިއްޔަތް ފުއްދާށެވެ! ދޭ ނަޞޭޙަތްވެސް ޤަބޫލުކުރާށެވެ!: ޢުމަރު ސުލައިމާން

ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރަންޖެހޭ މުއްދަތުގައި ކަންކަން މެދުވެރިވާނީ އެންމެންނަށް އެއްގޮތަކަށް ނޫނެވެ. މަރުވުމަށްފަހު އަލުން ދުނިޔެއަށް އައިސް ކަންކަން ކުރުމަކީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. މަރުވުމުން ދުނިޔެއަށް އަލުން އައިސް ކަންކަން ކުރުމުގެ ފުރުޞަތު އެންމެންނަށްވެސް ބަންދުވާނެއެވެ.

ނަމަވެސް މަރުވެފައިވާ ހެޔޮލަފާ މީހުން ހުވަފެނުގައި ފެނެއެވެ. އަދި ހުވަފެނުގައި އެމީހުންގެ ޙާލަތުވެސް ކިޔައިދެއެވެ. ބައެއް ކަންކަން ކޮށްދިނުމަށްވެސް އެދެއެވެ. ތިބާއަށް ފައިދާކުރާނެ ކަންކަން ކުރަންވެސް ބުނެއެވެ.

އަދި ބައެއް ފަހަރު ތިބާއަށް ކުރެވެން އުޅެވޭ ކަމަކީ ރަނގަޅު ކަމެއް ނޫންނަމަ ރުޅިއައިސްފައި ހުއްޓައިވެސް ފެނިދާނެއެވެ. ރަނގަޅުކަމެއް ނަމަ އުފާވެފައި ހުއްޓާވެސް ފެނިދާނެއެވެ. މިފަދަ ކަންކަން ވަނީ އެތައް ބައަކަށް ތަޖުރިބާ ކުރެވިފައެވެ. އަދި މިހާރުވެސްދަނީ ތަޖުރިބާކުރެވެމުންނެވެ. މިފަދަ ކަންކަމުން އެނގެނީ މަރުވި ނަމަވެސް ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅުންނަށް ފުރުޞަތުތަކެއް ދެއްވަވާ ކަމެވެ.

އެއްފަހަރު ގިނަ ދަރިންތަކެއް ތިބި މީހެއްގެ ހުރިހާ ދަރިންނަށް އެއްރޭ ހުވަފެނުގައި ބައްޕަ ވަޞިއްޔަތެއް ކުރިއެވެ. މީހެއްގެ ގާތަށް ގޮސް ބައްޕަގެ ފަރާތުން މާފަށް އެދުމަށެވެ. އެކުދިން އެކަންކުރިއެވެ. އެކަންވީވެސް ހަމަކުރަންޖެހިފައި އޮތް ކަމަކަށެވެ.

އޭނާއަކީ ވަރަށް މާތް، ހެޔޮލަފާ ދިރިއުޅުމެއް އުޅުނު މީހެކެވެ. މިކަމުންވެސް އެނގެނީ ކިތަންމެ ތަޤްވާވެރި ނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެވިއްޖެނަމަ މާފަށް އެދެންޖެހޭނެ ކަމެވެ.

ހަމައެއާއިއެކު ހުވަފެނުގައި ބައްޕައަކު އޭނާގެ ދަރަންޏެއް އަދާކުރަން ދަރިންނަށް ވަޞިއްޔަތްކުރިއެވެ. ދަރިން އޭނާގެ ގާތަށް ގޮސްބެލިއިރު އެކަން އޮތީ ހަމަ އަދާކުރަންޖެހޭ ދަރަންޏެއްގެ ގޮތުގައެވެ. ވީމާ މަރުވުމުގެ ކުރިން ދަރަނިތައް އަދާކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ހުވަފެނުގައި ވަޞިއްޔަތްކުރުމުގެ ފުރުޞަތު ނުދެއްވަވައިފާނެކަމަށް ބިރުވެތިވާށެވެ! އަދި ވަޞިއްޔަތްކުރިނަމަވެސް ނުފުއްދައިފާނެކަމަށްޓަކައެވެ.

--އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން