ކޮންމެ ރެއަކުވެސް ޛިކުރުކުރުންމަތީގަ ނިދުމުގެ ފައިދާ މިހާބޮޑުކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކޮންމެ ރެއަކުވެސް ޛިކުރުކުރުންމަތީގަ ނިދުމުގެ ފައިދާ މިހާބޮޑުކަން އެނގޭހެއްޔެވެ؟

މިރޭ މިފާހަގަކޮށްލަނީ ނިދަން އޮށޯވެފައި ނުވަތަ ނިދަމުން ސުންނަތުގައިވާ ފަދައިން ޛިކުރުމުގެ ފައިދާތަކުގެ ތެރެއިން ގިނަ ބައަކަށް ފާހަގަނުކުރެވި އޮންނަ ކަމެކެވެ. ނިދަމުން ޛިކުރުކުރަންވީ ހަމައެކަނި ހަށިރައްކަލަކަށް ނޫނެވެ. އެކަމަކީ އެއަށްވުރެ މާބޮޑު ފައިދާއެއް އެކަމުގައި އެކުލެވިގެންވާ ކަމެކެވެ.

އެހެނީ އަހުރެމެން ދުވަސް ފަށަނީ ހެނދުނު ހޭލެވުމުންނެވެ. ހޭލެވޭ ހިސާބުންނެވެ. އެހިސާބުން މުޅި ދުވަސް އަހުރެމެން ހޭދަކުރަނީ ހެޔޮ ގޮތުގައެވެ. އަޅުކަންކުރުމާއި ދިރިއުޅެން މަސައްކަތްކުރުމުގައެވެ. ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން ކުރުމުގައެވެ.  

މިމޭރުމުން ބަލައިފިނަމަ ދިރިއުޅެން މަސައްކަތްކުރުމާއި ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން ކުރުމަކީވެސް ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ކުރެވުނުނަމަ ހަމަ އަޅުކަމެވެ. 

އެކަންކަމަށްފަހު އަހުރެމެން ދުވަސް ނިންމައިލަން އެންމެފަހުން ކުރާ ކަމަކީ ނިދުމެވެ. ވީމާ ނިދާއިރު ސުންނަތުގައިވާ ފަދައިން ނިދުމަކީ މުޅި ދުވަހު ކުރި ހުރިހާ ކަންކަން އަޅުކަމުގެ ގޮތުގައި ނިންމައިލުމެވެ.  

ނިދުމަކީވެސް މަރުވުމެކެވެ. އެހެނީ ނިދަނީ ހޭލެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތިއެވެ. ނިދީގައި މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ އެހެންކަމަށްވާއިރު ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ސުންނަތުގައިވާ ފަދައިން ކަންކަންކޮށްގެން ނިދާފައި އޮއްވައި މަރުވިނަމަވެސް އެމީހެއްގެ ފުރާނަ ގެންދަވާނީ ހެޔޮލަފާ މީހެއްގެ ގޮތުގައެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އަޅުކަންކުރި މީހެއްގެ ގޮތުގައެވެ. ކިޔަމަންތެރިއެއްގެ ގޮތުގައެވެ. އެހެނީ އޭނާ އެންމެފަހުން ކުރި ޢަމަލަކީވެސް ހެޔޮކަމެވެ. އިން ޝާ ﷲ 

އެއިރުން އެވެވެނީ ކޮންފަދަ ބޮޑު ނަޞީބުވެރިއަކަށްހެއްޔެވެ؟ އިން ޝާ ﷲ. ވީމާ ކިތަންމެ ބުރަކޮށް އުޅެފައި ނިދަމުން ނަމަވެސް ވުޟޫކޮށް، ޛިކުރުކުރުންމަތީގައި ނޫނީ ނުނިދާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން