ފުރަތަމަވެސް ބުނެލަން ބޭނުންވަނީ އަޅުގަނޑަށް ކަންކަން ދިމާވި ގޮތެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް 7 އަހަރުވެ 3 ދަރިން ލިބިފައި ތިއްބައި ފިރިމީހާ އަޅުގަނޑާއި ދުރުހެލިވާންފެށީއެވެ. ނިދަނީ އެއް އެނދުގައެވެ. ނަމަވެސް މެދުގައި ފާރަކަށް ދިގު ކަންނޭލެއް ބާއްވައިގެންނެވެ.
ފުރަތަމަކޮޅު އެފާރުމަތިން އަރަން މަސައްކަތްކުރީމެވެ. އެފާރުމަތިން އަޅުގަނޑުގެ އަތް ގެންގޮސް ފިރިމީހާގެ ގައިގައި ޖައްސައިފިނަމަ ދުރަށްލައެވެ. އެހެންވެ ދުވަސްކޮޅެއް ފަހުން ވިސްނުނީ އެފާރުމަތިން އަރަން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމެވެ. އެހެންވެ އެ މަސައްކަތް ހުއްޓާލާފައި ކެތްތެރިވާން މަސައްކަތްކުރީއެވެ.
3 ދަރިން ލިބިފައި ތިބިނަމަވެސް ޢުމުރުން 30 އަހަރުވެސް ނުވެއެވެ. އެހައިކުރިން ކައިވެނިކުރީވެސް އެކަނި ހުންނަން އުނދަގޫވާތީއެވެ. ޙަލާލުގޮތުގައި ނޫނީ ކަންކަން ކުރަން ބޭނުން ނުވާތީއެވެ. ނަމަވެސް ކައިވެނީގެ އެހައި ކުރީކޮޅު ލިބެން ފެށީ އެބޮޑު އަނިޔާއެވެ.
އެކަން އަޅުގަނޑަށް ބައްޔަތަކަށްވިއެވެ. ޑޮކްޓަރަށް ދެއްކީމެވެ. 3 ޑޮކްޓަރުންވެސް ބޭސްފަރުވާއަކަށް ބުނަނީ ފިރިމީހާ އާއިއެކު ގުޅުން ބޭއްވުމަށެވެ. އެވާހަކަ ބޭސް ސިޓީގައިވެސް ލިޔެއެވެ. ނަމަވެސް އެފަރުވާއަކީ ފާމަސީތަކުން ވިއްކާ ފަރުވާއެއް ނޫންވީމާ ގަންނަން ވެސް ލިބޭނެ ގޮތެއް ނުވިއެވެ.
ފިރިމީހާ ގާތު އެތައް ފަހަރަކު ރޮއި އާދޭސްކުރީމެވެ. ބޭސްފަރުވާއަކަށް ނަމަވެސް އަޅުގަނޑާއިއެކު އެއްދާން ކުރަން އެދުނީމެވެ. ނަމަވެސް އެކަމުން ކުރި އެއްވެސް ފައިދާއެއް ނެތެވެ. ހަޤީޤަތް އެނގުނީ އެވޭނުގައި އަޅުގަނޑު އުޅޭތާ 2 އަހަރުވީފަހުންނެވެ. ޙަޤީޤަތަކީ ފިރިމީހާ އަޅުގަނޑަށް ސިއްރުން 2 ވަނަ އަންތބަކު ހޯދީއެވެ. އަޅުގަނޑަށްވުރެ ހަގު ދޮން ކުއްޖެއް ލިބުމުން އަޅުގަނޑުމަތިން ފޫހިވީއެވެ.
ވަރިނުކުރަން ހުންނަނީ ގެއަކީ އަޅުގަނޑުިގެ ގެ ކަމަށްވުމުން އުޅެން ފަސޭހައަކަށެވެ. މާބޮޑު ޚަރަދެއް ނުކޮށް ދިރިއުޅެވޭތީއެވެ. ކޮންމެއަކަސް އެހިސާބުން އަޅުގަނޑު އޭނާ އާއި ވަކިވީމެވެ. ޢިއްދަ ހަމަވިތަނާހެން ދެވަނަ ކައިވެނިކުރީމެވެ. އެހައި އަވަސްކުރަން ޖެހުނީ ޞިއްޙީ ޙާލަތުހުރި ގޮތުން މަޖުބޫރުިވެގެންނެވެ.
ކޮންމެއަކަސް ދެވަނައަށް ކުރި ކައިވެނީގައި މިހާރު 10 އަހަރުވީއެވެ. ބުނަން ޖެހޭނީ އަދި މިހައިތަނަށް ފެންނަ ފެނުމުގައި ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށެވެ. އަޅުގަނޑާއި އަދި ދަރިންނާއި އަޅާލައި ލޯބިދޭ މީހެއް ކަމަށެވެ.
އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރީ ތިރީގައިވާ ވާހަކަ ކިޔާފައި ކުރި އަސަރުންނެވެ. އޭނާ އެބުނަނީ ވަރަށް ބޮޑު ތެދެކެވެ. އަނިޔާއަކީ ހަމައެކަނި ތަޅައިއަނިޔާކުރުމެއް ނޫނެވެ. ޞިއްޙަތު ސަލާމަތުން ތިއްބައި އަނބިންނަށް އަޅާނުލައި ބާކީކޮށްލުމަކީ އަނބިންނަށް ދެވޭނެ ހަމަ އެންމެ ބޮޑު އަނިޔާއެވެ.
އަޅުގަނޑު ހިތަށް އަރައެވެ. 4 އަނބިން ހަމަކުރަން ހުއްދަ ކަމަށް ދެކެގެން ގިނަ އަނބިން ހޯދާ ފިރިންނަށް "4 އަނބިން ހަމަކުރަން ހުއްދަ" ވެގެން ގިނަ އަނބިން ހޯދާއިރު "އަނބިން ހަމަހަމަކުރަން ޖެހޭނެކަމަށް އޮންނަކަން ހަމަނުއެނގެނީހެއްޔެވެ؟
--ނަޞީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: ފިރިމީހާ އަހަރެންނަށްކުރި ބޮޑު އަނިޔާ އެއްވެސް ފިރިއަކު އެއްވެސް އަންތބަކަށް ނުކުރުމަށް އެދި އާދޭސްކުރަން!
އަހަރެންނަކީ ރާއްޖޭގެ އުތުރުން މެދުރާއްޖެތެރެއަށް ނިޞްބަތްވާ އަންހެނަކީމެވެ. އަހަރެންނަކީވެސް ޒުވާން އުމުރުގައި މާލޭގައި އުޅުނު އަންހެނަކީމެވެ. މާލެއިން ބައްދަލުވި މީހަކާއި ކައިވެނިކުރީ ދެމަފިރިން އެކުގައި އުފާވެރިކަމާއިއެކު ޙަޔާތް ވޭތިކުރާނެކަމަށް އޭނާވީ ވައުދުތަކަށް އިތުބާރުކޮށްގެންނެވެ. އޭނާއަކީ ކުދިކުދި މަސައްކަތްކޮންޓްރެކްޓަށް ނަގައިގެން ވަރަށް އިތުބާރާއިއެކު މަސައްކަތްކޮށް ކުރިއެރުން ހޯދާ މީހަކަށްވާތީ ދެމީހުންގެ ދިރިއުޅުމާއިމެދުވީ ވަޢުދުތައްވެސް ހަމައެހައި އިތުބާރާއިއެކުގައި ފުއްދާނެކަމަށް ޔަޤީންކޮށްގެންނެވެ.
ކައިވެންޏަށްފަހު ދުވަސްކޮޅެއްފަހުން އަންނަންޖެހުނީ ރަށަށެވެ. ފިރިމީހާ ދޭތެރެ ދޭތެރެއިން ރަށަށް އާދެއެވެ. އަންނަ ފަހަރަކު ހަފްތާއެއްހައި ދުވަހު ރަށުގައި މަޑުވެސްކުރެއެވެ. އެހެންކަމުން ރަށުގައި އެކަނި ދިރިއުޅެމުން ދިއައީ ދެމަފިރިންނަށް އެކުގައި ދިރިއުޅެވޭނެ ކޮންމެވެސް ދުވަހެއް އަންނާނެ ކަމުގެ ފޮނި އުންމީދުގައެވެ.
އަހަރެންނަކީ އަބަދުވެސް ފިރިމީހާ އާއިއެކުގައި ދިރިއުޅެން ބޭނުންވާ އަންހެނެކެވެ. ފިރިމީހާގެ ލޯތްބާއި އަޅައިލުމާއި އޯގާތެރިކަމަށް ވެސް ވަރަށް ބޮޑަށް ބޭނުންވާ މީހެކެވެ. އެކަންކަމަކީ ކޮންމެ އަންހެނަކުވެސް އެންމެ ބޮޑަށް އެދޭނެ ކަންތަކެވެ. އެކަންކަމަށް ބޭނުންވުމުގައި އަހަރެންގެ އެދުން ކިތަންމެ ބޮޑު ނަމަވެސް އައީ ކެތްތެރިވަމުންނެވެ.
ކައިވެންޏަށް 10 އަހަރުވީއިރު ވަނީ ދެދަރިން ލިބިފައެވެ. އެއްދުވަހަކު ލިބުނީ އަޖައިބެއްފަދަ ފޯނު ކޯލެކެވެ. ގުޅި އަންހެނަކު ސުވާލުކުރީ އަހަރެންނަކީ ފިރިމީހާގެ އަނބިމީހާތޯއެވެ. އަދި އެގުޅީ ފެމިލީ ކޯޓުން ކަމަށްބުންޏެވެ. އަދި ގުޅީ ފިރިމީހާ ދެއަންބަށް ކައިވެނިކުރަން އެދިފައި އޮތުމުން ކަމަށްވެސް ބުންޏެވެ. ކުރި ސުވާލުތަކަށް ޖަވާބުދިނީމެވެ. ދެއްކިވާހަކައިގައި އެކަނިވެނިކޮށްދޭން ނިންމި ކަމަކަށްވެސް ނުބުނެއެވެ.
ކައިވެނިކުރިކަން ޔަޤީންކުރެވުނީ އެއިގެ އެތައް ދުވަހެއްފަހުން ފިރިމީހާ އާއި ސުވާލުކުރުމުންނެވެ. އެކަމަކަށް އެއްވެސް ބަހެއް ނުބުނަމެވެ. ޝަކުވާއެއްވެސް ނުކުރަމެވެ. ފިރިމީހާއަކީ މާލެއަށް ނިޞްބަތްވާ މީހެކެވެ. ނަމަވެސް އަމިއްލަ ގެދޮރުހުރި މީހެއް ނޫނެނެވެ. ކައިވެނިކުރީ މާލޭގައި ގެދޮރުހުރި އަންހެނަކާއިއެވެ. އެކަމުން ފިރިމީހާއަށް ފައިދާއެއް ކޮށްފިނަމަ އެކަމުގެ
ހިތްހަމަޖެހުން އޭނާއަށް ލިބޭނެތީ ކެތްތެރިވީ އަހަރެންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ކޮންމެވެސް ދުވަހަކުން ގެނެސްދޭނެ ކަމަށް ފިރިމީހާ ކުރިންސުރެ ވައުދުވަމުން އަންނާތީއެވެ.
މިއަހަރަކީ ދޮށީދަރިފުޅު ގްރޭޑް 8 އަށް ބަދަލުވި އަހަރެވެ. ފިރިމީހާ ބުނެގެން ދެދަރިން ގޮވައިގެން މާލެ ދިއައީ ދޮށީދަރިފުޅަށް ރަނގަޅު ތައުލީމެއް ދިނުމުގެ ބޭނުމުގައެވެ. ދެ ދަރިން ސްކޫލަށް ވައްދައިދިނުމުން ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ.
އަހަރެމެން 3 މައިން އުޅެން ކެއްކޭނެ ގޮތަށް ހުރި ކޮޓަރިއެއް ކަހަލަ ތަނެއް ފިރިމީހާ ދެއްކުމުން ދިރިއުޅެމުން އައީ އެތަނުގައެވެ. ކުރިންސުރެ އަނިޔާލިބެމުން އައި ހިތުގައި ޖެހުން ބޮޑުވެ ވޭން އަޅަންފެށީ އެހިސާބުންނެވެ.
ކޮރޯނާ ފެތުރެން ފަށައި ސްކޫލްތައް ބަންދުކުރުމާއިއެކު ދެ ދަރިން ގޮވައިގެން ރަށުބޯޓުގައި ރަށަށް އައިސް މިހާރު މިހުރީ ރަށުގައެވެ. ކޮރޯނާވެގެންދިއައީ އެބިރުވެރި ޖަލުން އަހަރެން ސަލާމަތްކޮށްދިން އަހަރެންގެ އެހީތެރިޔާއަށެވެ. އެހެން ނުވިނަމަ އަހަރެންނަށް މުޅި އަހަރުވެސް އަހަރެންނަށް ހޭދަކުރަން ޖެހުނީހީ އެ ބޮޑު ހިތްދަތިކަމުގައެވެ. ރުއިމާއި ކަރުނަ އެޅުމުގައެވެ.
މިހުރިހާ ވާހަކަތައް ކިޔައިދެވުނުއިރުވެސް ލިބުނު ބޮޑު އަނިޔާގެ ވާހަކަ އަދިވެސް މިއުޅެނީ ނުބުނެވިގެންނެވެ. ނަމަވެސް މިހާރު މިބުނަނީއެވެ.
ފިރިމީހާ އާއިއެކުގައި ވަގުތު ހޭދަކުރަން އަހަރެން ބޭނުންވާ މިންވަރު ފިރިމީހާއަށް ވަރަށް ރަނގަޅަށް އެނގޭނެއިރު، އަދި ކައިވެނީގެ މުޅި ޙަޔާތުގައި އެކުގައި އުޅުމުގެ ފުރުޞަތު ލިބިފައިނުވާއިރު މާލެދެވުމުން އަހަރެން އުންމީދުކޮށްގެން ހުރީ ފިރިމީހާ އިންޞާފުން ކަންކަން ކުރާނެ ކަމަށެވެ. ދެއަނބިންގެ މެދުގައި ހަމަހަމަކުރާނެ ކަމަށެވެ. އަހަރެންނަށްވެސް ޙައްޤު މިންވަރަށް ލޯބިދޭނެ ކަމަށެވެ. އަހަރެން ފިރިމީހާގެ ކިބައިން ދުވަހަކުވެސް ދިރިއުޅުމަށް ކޮންމެހެން ބޭނުން ނުވާ އެއްވެސް އެއްޗަކަށް ނުއެދެމެވެ. އަހަރެންގެ އަމިއްލަ ހިތްހަމަ ޖެހުމަށް އެއްވެސް ކަމަކަށް އެދިފައެއް ނުވާނެއެވެ. އަބަދުވެސް އެދެމުން އައީ ލޯތްބަށެވެ. އަޅައިލުމަށެވެ. އެކަންކަން ދޭނެ ކަމަށް އޭނާ އަބަދުވެސް އައީ ވަޢުދުވަމުންނެވެ. އެހެންކަމުން އަހަރެން ޔަޤީންކޮށްގެން ހުރީ މާލެ ގެންދިއަ އެންމެ ބޮޑު ބޭނުމަކީ އެކަންކަން އަހަރެންނަށް ދިނުން ކަމަށެވެ.
ނަމަވެސް ފޮނި އުންމީދުތަކަކާއިއެކު ދިއަ މާލެއިން 4 މަސްދުވަސްފަހުން ފުރަންޖެހުނީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ހިތްދަތިކަމާއިއެކުގައެވެ. އެއީ އުންމީދުކުރި އެއްވެސް ކަމެއް ނުލިބުމުގެ އިތުރުން 4 މަސްތެރޭގައި ދެމަފިރިން އެކުގައި "ގޮތަކަށް، ވަގުތުކޮޅަކަށް" ރޭކުރީވެސް އެންމެ 3 ރޭ ކަމަށްވުމުންނެވެ. އެހެން ހުރިހާ ރެއަކު ނިދަން ޖެހުނީ އިންތިޒާރުކުރަމުންނެވެ. ރޮއި ކަރުނައަޅަމުންނެވެ.
އަނބިންނަށް އަނިޔާކުރުމަކީ ހަމައެކަނި ގައިގައި ތަޅައިގެން ކުރާ ކަމެއް ނޫނެވެ. އަހަރެން ޙާލެ ގެންދިއުމަށްފަހު ފިރިމީހާ އެދިން އަނިޔާއަކީ ހަށިގަޑުގެ ކަށިތައް ބިންދުމަށްވުރެ ބޮޑު އަނިޔާއަކަށް އަހަރެންނަށްވަނީވެފައެވެ. އަހަރެން ޤަބޫލުކުރަނީ އަހަރެންފަދަ އެހެން އަންހެނުންވެސް އެކަން އެގޮތަށް ޤަބޫލުކުރާނެ ކަމަށެވެ.
ރާއްޖެ އާއި ދުނިޔޭގެ ހުރިހާ ފިރިހެނުންނަށް އަހަރެންކުރާ އިލްތިމާސަކީވެސް އާދޭހަކީވެސް އަނބިންނަށް މިފަދައިން އަނިޔާ ނުދިނުމަށެވެ. އަނިޠާވެރިވުމުގައި ހައްދުފަހަނައަޅައި ނުދިއުމަށެވެ. ގިނަ އަނބިންތަކަށް ކައިވެނިކޮށް ތިމާމެން ބޭނުންވާކަންކަންކޮށް އުފާ ޙާޞިލުކުރާ ފަދައިން އަނބިންވެސް ހަމައެކަންކަމަށް ބޭނުންވާނެކަމަށް ޤަބޫލުކުރުމަށެވެ. ދޮގާއި މަކަރާއި ޙީލަތް ހަދައިގެން މިއަދު އުޅެވިދާނެއެވެ. މިއަދު އެމީހާ ބޭނންވާ އަނބިމީހާއާއިއެކު އުފާކުރެވިދާނެއެވެ. ނަށައި ލަވަވެސްކިޔަމުން އުދުހެވިވެސްދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ޙައްޤުދޭން ނުޖެހިއެއް ނުދާނެއެވެ. މަހްޝަރުވާން ޖެހޭނީ ހަމަ އެއްފަޅި ވައުވެގެން ހުންނަ ޙާލުގައިކަން އެނގޭއިރުވެސް ބިރުވެތިނުވަނީ ﷲ އަށް އެއްވެސް ބިރެއް ނެތުމުންނެވެ.
އަހަރެންނަށް މިލިބުނު އަނިޔާ އެއްވެސް އެހެން އަންހެނަކަށް ލިބޭކަށް އަހަރެން ނޭދެމެވެ. ދުޢާއަކީ އަހަރެންގެ ފިރިމީހާ ފަދަ ބޮޑެތި އަނިޔާވެރިންގެ ކިބައިން ހުރިހާ އަންހެނުން ސަލާމަތްކުރައްވަވައި ދެއްވެވުމެވެ.
-------------------------------------------------------------
މަޢުލޫމާތު ޙިއްޞާކުރައްވާ! ޝާއިޢުކުރާނަން!
މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކުރި މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ! ގުޅުންހުރި ހެކިތައްވެސް އޭނާވަނީ ހިއްޞާކޮށްފައެވެ. މިފަދަ ކަންކަމަކީ އެންމެންނަށް ޢިބްރަތަށްވާއިރު މިފަދަ ހިތި ތަޖުރިބާތަކާއި އުފާވެރި ތަޖުރިބާތައް މިއަދުނޫހާއި ހިއްޞާކޮށްދެއްވުމުން ޝާއިޢުކުރަމުން ގެންދާނަމެވެ. އެކަމުގެ ފައިދާ ކިޔުންތެރިންނަށް ކުރުމުގެ އުންމީދުގައެވެ.