ޢަލީ އިޙްޞާން ފިރާޤް
އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ އާ މެދު ކަންތައް ހިނގައި ދިޔަގޮތް އެނގިވަޑައިގެން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވަރަށް ކޯފާ އިސްކުރެއްވިއެވެ. އެކަމަނާ ބާޣީންނާމެދު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި މަދީނާއިން ނުކުމެވަޑައިގެން މައްކާއަށް ވަޑައިގެންނެވިއެވެ. ފިތުނައިގެ ޖައްވުން ސަލާމަތްވެވަޑައިގެންނެވުމަށާއި، ޙައްޖުވެވަޑައިގެންނެވުމުގެ ބޭނުން ފުޅުގައެވެ. އެކަމަނާ މައްކާގައި އިންނަވަނިކޮށް މަރުވާނު ބުނުލް ޙަކަމު އެކަމަނާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.
[އޭ މުއުމިނުތަކުންގެ މަންމާފުޅާއެވެ. ކަމަނާ މައްކާއަށް ވަޑައިނުގެން މަދީނާގައި މަޑުކުރެއްވިނަމަ އެބައިމީހުން ކޮންމެވެސް ވަރެއްގެ ރަޙުމަކާއި އިޙްތިރާމެއް ޢުޘްމާނުގެފާނުގެ މައްޗަށް ކުރީސް ތޯއްޗެވެ.]
އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. [އެބައިމީހުން އުއްމު ޙަބީބާއާމެދު ކަންތައް ކުރިގޮތަށް އަހަރެންނާމެދުވެސް ކަންތައް ކުރުމަށް ކަލޭ އެދެނީ ހެއްޔެވެ؟ އެތަނުގައި އަހަރެންގެ ޙިމާޔަތުގައި ނުކުންނާނެ އެކަކުވެސް ނެތެވެ. މާތްﷲ ގަންދެމެވެ. އެފަދަ ނިކަމެތި ޙާލަކަށް ވެއްޓޭކަށް އަހަރެން ނޭދެމެވެ. މިކަންތައް ނިމިގެންދާނީ ކިހިއްނެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ.]
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 555}
ކޮންމެއަކަސް އެ އަހަރުގެ ޙައްޖުމޫސުން ނިމި ޙައްޖާޖީން މަދީނާއަށް އައުމަށްޓަކައި ދަތުރަށް ތައްޔާރުވިއެވެ. އެބައިމީހުންގެ ތެރޭގައި، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހާއި، އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ހިމެނިވަޑައިގެންނެވިއެވެ. އެބޭކަލުން ވަޑައިގަންނަވަނީ ބާޣީންގެ އަތްދަށުން އަމީރުލް މުއުމިނީން ޢުޘްމާން ރަޟިޔަﷲ ޢަންހު ސަލާމަތްކުރުމަށްޓަކައި އަޒުމު ކަނޑައަޅުއްވައިގެންކަން ބާޣީންނަށް އެނގުމުން އެބައިމީހުން ވަރަށް ކަންބޮޑުވިއެވެ. އެބައިމީހުން ބޭނުންވީ ޙައްޖަށް ދިޔަ މީހުން އައުމުގެ ކުރީން ޢުޘްމާނުގެފާނުގެ ލޭފޮދު އޮހޮރުވައިލައި، ޝަހީދުކޮށްލުމަށެވެ.