ކަންބޮޑުވެ މާޔޫސްވާ މީހުންނަށް- ކަމެއް ކުރިމަތިވުމުން އިތުބާރު ނުކުރެވެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކަންބޮޑުވެ މާޔޫސްވާ މީހުންނަށް- ކަމެއް ކުރިމަތިވުމުން އިތުބާރު ނުކުރެވެނީ ކީއްވެ؟

މިއަދު އަހަރެމެންނަށް ވެގެން މިއުޅޭ ގޮތަކީ ﷲ ތަޢާލާ އާއިމެދު ވިސްނޭ މިންވަރު ކުޑަވުމެވެ. ވިސްނޭ ގޮތްވެސް ތަފާތުވުމެވެ. އެހެންކަމުން ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ލައްވަވާ ރަޙްމަތުގެ ބޮޑުކަމާއިމެދު ރަނގަޅު ގޮތުގައި ވިސްނައިވެސް ނުލެވެނީއެވެ.

ޔަޤީން ކުރާށެވެ! ﷲ ތަޢާލާ ތިބާއަށް އިތުބާރު ކުރައްވަވަތެވެ! ނަމަވެސް ތިބާއަށް އެކަލާނގެއަށް އިތުބާރެއް ނުކުރެވެއެވެ. ކަމެއް ކުރިމަތިވާއިރަށް މާޔޫސްވެ ކަންބޮޑުވާންޖެހޭ ސަބަބަކީ އެއީއެވެ.

"ﷲ، އެއްވެސް ނަފްސަކަށް، އެނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވަތެވެ.." (އަލްބަޤަރާ: 286)

މިވަޙީ ބަސްފުޅުން އެނގިގެން މިދަނީ ކޮންމެ މީހަކަށްވެސް ކަންކަން ކުރިމަތިކުރައްވަވަނީ އެކަމެއް އުފުލުމުގެ ޤާބިލުކަން އެމީހެއްގެ ކިބައިގައި ހުންނާނެ މިންވަރަށްކަމެވެ. އެމީހަކަށް ނުއުފުލޭނެ ވަރުގެ ތަކްލީފެއް އެމީހަކަށް ނުޖައްސަވާނެ ނުވަތަ ކުރިމަތި ނުކުރައްވަވާނެ ކަމެވެ.

ވީމާ ތިމާއަށް ކޮންމެފަދަ ކަމެއް ކުރިމަތިވި ނަމަވެސް ޔަޤީންކުރަންވީ އެކަމެއް އުފުލުމުގެ ބާރު ތިމާގެ ކިބައި ހުންނާނެކަމެވެ. އަހަރެމެންގެ ކިބައިގައި ބާރުތައް ހުންނާނެ މިންވަރު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އަހަރެމެން އުފައްދަވައި އަހަރެމެންނަށް ހުރިހާ ބާރުތަކެއް ދެއްވެވި ﷲ ތަޢާލާކަން ޠަޤީންކޮށް އެކަލާނގެއަށް ފުރިހަމައަށް އިތުބާރުކުރުމުން އެއްވެސް ކަމަކާއި ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ސާބިތުވުމުގެ ހިތްވަރު ލިބިގެންދާނެއެވެ!

ކަމެއް ދިމާވުމުން މާޔޫސްވެ ގޮތްހުސްވެ އަތްފައިން ގޯސް ހެދެނީ މިބަޔާންކުރި ޔަޤީންކަން އެމީހެއްގެ ކިބައި ނުހުންނާތީއެވެ. ވީމާ ތިމާއަކީ ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި އިތުބާރުކުރާ މީހަކު ކަމުގައިވާށެވެ! ހިތަށް އުފާބެރިކަން ލިބިގެންދާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން