ފުރަތަމަ ރޭ ކަންކަމަށް އިސްނަގަން އަނބިން ފަސްޖެހުމަކީ އެކުދިންގެ ނުކުޅެދުންތެރިކަމެއް ނޫން! މިހިރީ އެކަން ދިމާވާ ސަބަބުތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފުރަތަމަ ރޭ ކަންކަމަށް އިސްނަގަން އަނބިން ފަސްޖެހުމަކީ އެކުދިންގެ ނުކުޅެދުންތެރިކަމެއް ނޫން! މިހިރީ އެކަން ދިމާވާ ސަބަބުތައް!

އަހުރެންގެ މިވާހަކަކޮޅު ނިޞްބަތް މިކުރަނީ ކައިވެނިކުރެވުމުގެ ކުރިން ކައިވެނީގެ ހުރިހާ އުފާތަކެއް ޙާޞިލްކޮށްގެން އުޅޭ މީހުންނަކަށް ނޫނެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބެ ކައިވެނިކުރާ މީހުންނަށެވެ. 

ފުރަތަމަ ކަމަކީ ކައިވެނިކުރެވުމުގެ ކުރިން ކައިވެންޏަށްފަހު ލިބިގަންނަން ޖެހޭ ކަންކަން ލިބިގަނެފައިވާ މީހުންނަކަށް، އެމީހުންގެ ކައިވެނިކުރެވުނު ނަމަވެސް ކައިވެނީގެ އަލަތުރެއެއް ނެތެވެ. ހަނީމޫނެއްވެސް ނެތެވެ. އެކަންކަން އެމީހުންވަނީ ކައިވެނީގެ ބޭރުން ޙާޞިލްކޮށް ނިންމައިފައެވެ. 

ކޮންމެއަކަސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބެ ކައިވެނިކުރާ ދެމަފިރިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ އެއްކަމަކީ "ކަންކަމަށް" އަވަސްއަރައިނުގަތުމެވެ. މިއަދުގެ ޙާލަތަށް ބަލައިފިނަމަ އަނބިމީހާއަކީ ވަރަށް ހިތި ކަންތައްތަކެއް ތަޖުރިބާ ކުރަންޖެހިފައިވާ އަންހެނަކަށްވެސް ވެދާނެއެވެ. އަމިއްލަ ގޭތެރެއިން ހިތި ތަޖުރިބާތައް ކުރަންޖެހޭ އަންހެނުން މަދެއްނޫނެވެ. ގަދަކަމުން ޢިއްފަތްތެރިކަމަށް އަރައިގަތުންފަދަ ކަންކަމެވެ. އަދި އަރައިނުގަނެވުނު ނަމަވެސް ބިރުދެއްކުން ފަދަ ކަންކަމެވެ. މިފަދަ ކަންކަން ކުރިމަތިވެފައި ތިބޭ ކުދިން ތިބޭނީ ނަފްށާނީ ގޮތުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. 

ވީމާ ފުރަތަމަ ކަމަކަށްވެސް ދެމީހުންގެ މެދުގައި ލޯތްބާއި ކުލުނުވެރިކަން އުފައްދާށެވެ! ދެމަފިރިން، އެކަކު އަނެކާގެ މައްޗަށް އިތުބާރުހޯދާށެވެ! އެއަށްފަހު އެހެން ކަންކަމަށް ވިސްނާށެވެ. 

ކުރިން މިބުނި ޒާތުގެ ކަމެއް ދިމާވެފައި އޮތްނަމަވެސް އެކަމުގެ ވާހަކަ ކިޔައިދޭން އެކުދިން ޖެހިލުންވާނެއެވެ. ލަދުވެތިވެސްވާނެއެވެ. އެހެންކަމުން އެފަދަ ކަންކަމަށް ސުވާލުވެސް ނުކުރާށެވެ! 

ފުރަތަމަ ރޭ ކަންކަމަށް އިސްނަގަން އަނބިން ފަސްޖެހުމަކީ އެކުދިންގެ ކިބައިގައިވާ ނުކުޅެދުންތެރިކަން ކަމަށް ނުދެކޭށެވެ. އެޙާލަތު މެދުވެރިވުމަށް ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި މިބަޔާންކުރި ފަދަ ކަންކަންވެސް ހިމެނެއެވެ. އަދި ޠަބީޢީ ގޮތުން ލަދުވެތިމިޒާޖުގެ ކުދިންވެސް ތިބޭނެއެވެ. ވީމާ ފުރަތަމަވެސް އެކަކު އަނެކަކު ދެނެގަންނަން މަސައްކަތްކުރާށެވެ! ކައިވެނީގެ ފޮނިމީރުކަން ލިބޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން