މީހަކަށް ކިތަންމެ ބޮޑު ދެރައެއް ލިބުނަސް އެއީ ﷲ ތަޢާލާގެ ކޯފާކަމަށް ނުބުނާށެވެ! އަދި އެއީ ކޯފާކަމަށް އެމީހަކުވެސް ޤަބޫލު ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މީހަކަށް ކިތަންމެ ބޮޑު ދެރައެއް ލިބުނަސް އެއީ ﷲ ތަޢާލާގެ ކޯފާކަމަށް ނުބުނާށެވެ! އަދި އެއީ ކޯފާކަމަށް އެމީހަކުވެސް ޤަބޫލު ނުކުރާށެވެ!

ބައެއް ފަހަރު ހިތާމައެއް ލިބުމުން، ނުވަތަ ދެރަ ގޮތެއް މެދުވެރިވުމުން އެއީ ﷲ ތަޢާލާ ލެއްވެވި ކޯފާއެއްކަމަށް އެބަ ބުނެއެވެ. އަދި ކޯފާ ލެއްވެވީ މިވެނި އެވެނި ކަމެއް ކުރުމުން ކަމަށްވެސް އެބަ ބުނެއެވެ. 

މިޘާލަކަށް މީހަކު އެކްސިޑެންޓެއް ވެދާނެއެވެ. ކުރިމަތިލައިގެން އުޅުނު ވަޒީފާ ނުލިބިދާނެއެވެ. ހިތާވެގެން އުޅުނު ލޯބިވެރިޔާ ނުލިބިދާނެއެވެ. ވަޒީފާ ގެއްލިވެސްދާނެއެވެ. ކުރަމުން އައި ވިޔަފާރި ބަނގުރޫޓުވެސްވެދާނެއެވެ. އަދި ކައިވެނި ރޫޅުން ފަދަ ގޮތެއްވެސް މެދުވެރިވެދާނެއެވެ. 

މިފަދަ އެއްވެސް ކަމަކާއި ގުޅުވައިގެން އެއީ ﷲ ތަޢާލާ ލެއްވެވި ކޯފާއެއް ކަމަށް ނުބުނާށެވެ! އަދި އެގޮތަށް ޤަބޫލުވެސް ނުކުރާށެވެ! އެއީ އެއްވެސް މީހަކަށް އެނގޭނެ ކަންކަމެއް ނޫނެވެ. އަދި އެފަދަ ކަންކަން މެދުވެރިކުރައްވަވާ ސަބަބުތައްވެސް ވަރަށް ގިނައެވެ. އެއިގެ ތެރޭގައި އެމީހަކަށް ކުރިމަތިވާން އޮތް ނުބައިކަމަކުން ސަލާމަތްކުރެއްވެވުން، ހެޔޮ ރަޙްމަތެއް ލެއްވެވުން، ތަޤްވާވެރިވުމަށް މަގުދެއްކެވުން ފަދަ އެތައް ކަމެއް ހިމެނިގެންވެއެވެ. 

މީސްތަކުންނޭވެ! މީހަކަށް ކަމެއް ކުރިމަތިވުމުން އެއީ ﷲ ތަޢާލާ ލެއްވެވި ކޯފާއެއްކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ވަޙީ އިއްވަވަނީހެއްޔެވެ؟ ޣައިބު އެނގެނީ ހެއްޔެވެ؟ މިހިރީ ނުވާނެ ކަންކަމެވެ. 

ދެން އޮތީ އެއީ ކޯފާއެއް ކަމުގައިވުމެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ ހަމައެކަނި ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެއް ތިމާއަށް އެނގޭކަމަށް ބުނާނަމަ އެކުރެވެނީ ކޮންފަދަ ބޮޑު ފާފައެއް ހެއްޔެވެ؟ 

ވީމާ ދުލަށް ސަމާލުކަންދޭށެވެ! ދުލުން ބުނެވޭ ބަސްތަކަށް ފަރުވާތެރިވާށެވެ! ފާފަވެރިވެދާނެ ބަސްތައް ނުބުނާށެވެ! ނޫންނަމަ އެކަމުގެ ހިތާމަތައް އުފުލަންޖެހޭނީ ކޮންފަދައަކުން ކަމެއްވެސް ނުއެނގޭނެއެވެ. 

ދެން ބުނެލަން އޮތީ ﷲ ތަޢާލާ ކޯފާ ލައްވަވާނެ ކަންކަން އަނުރެމެންނަށް އެނގޭއިރު އެފަދަ ކަންކަން ނުކުރާށެވެ! ތައުބާވުންމަތީގައި ދެމިހުންނާށެވެ! އެއިރުން ހުރެވޭނީ ސަލާމަތުންނެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން