ލޭ ވިއްކައި ވިޔަފާރިކުރުމެއް ނެތް! ލޭހަދިޔާކުރުމަކީ ޘަވާބާއި ދަރުމަ ދެއްވަވާނެ އަޅުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 51ސ
ލޭ ވިއްކައި ވިޔަފާރިކުރުމެއް ނެތް! ލޭހަދިޔާކުރުމަކީ ޘަވާބާއި ދަރުމަ ދެއްވަވާނެ އަޅުކަމެއް!

ލޭ ހަދިޔާ ކުރުމާއި ބެހޭ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ ފަޟީލަތުއްޝައިޚް މުޙައްމަދު އިބްރާހީމް- ރަޙިމަހު ﷲ- އާއި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ. 

ތިޔަ މައްސަލާގައި ތިން ކަމަކަށް ވާހަކަ ދައްކަން ޖެހެއެވެ.

ފުރަތަމަ ކަމަކީ: ލޭދެވެނީ ކާކަށްތޯ؟

ދެވަނަ ކަމަކީ: ލޭ ނެގެނީ ކާކުގެ ހަށިގަނޑަކުންތޯ؟

ތިންވަނަކަމަކީ: ލޭ ދެވެނީ ކާކުގެ ބަހަށް އިތުބާރުކޮށްގެންތޯ؟ 

ލޭދެވޭނީ ބަލިވުމުގެ ސަބަބުން ނުވަތަ ހަށިގަނޑުގެ ތަނެއް ކަނޑައިގެން ދިޔުމުގެ ސަބަބުން އެމީހެއްގެ ފުރާނަ ނުވަތަ ޞިއްޙަތު ސަލާމަތް ކުރުން ލޭ އެޅުމުގެ މައްޗަށް ބިނާވެފައިވަނީ ނަމައެވެ.  މިކަމުގެ ދަލީލަކީ ސޫރަތުލް ބަގަރާގެ 173 ވަނަ އާޔަތާއި (إِنَّمَا حَرَّمّ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنْزِيْرِ وَمَا أُهِلَّ بِهِ لِغَيْرِ اللهِ فَمَنِ اضْطُرَّ غَيْرَ بَاغٍ وَّلَا عَادٍ فَلَا إِثْمَ عَلَيْهِ)

މާނައަކީ: "ތިޔަބައިމީހުންނަށް ޙަރާމް ކުރައްވައިފައިވާކަން ކަށަވަރީ، މުޅަތަކެއްޗާއި، ލެޔާއި، އޫރުމަހެވެ. އަދި މާތް ﷲ ފިޔަވާ އެހެންފަރާތެއްގެ ނަމުގައި ކަތިލެވިފައިވާ ތަކެއްޗެވެ. ދެކޮޅުވެރިވުމެއް ނުކިޔަމަންތެރިވުމެއްނެތި، މަޖްބޫރުވެއްޖެމީހާ ގެ މައްޗަށް ފާފައެއް ނެތެވެ".ސޫރަތުލް މާއިދާ ގެ 3 ވަނަ އާޔަތާއި (فَمَنِ اضْطُرَّ فِيْ مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإثْمٍ فَإِنَّ اللهَ غَفُوْرٌ رَّحِيْمٌ)، މާނައަކީ: "ބަނޑުހައިހޫނު ކަމެއްގެ ތެރޭގައި، ފާފަވެރިކަމުގެ ފަރާތަށް ލެނބިގަތުމެއްނެތި (އިސްވެދިޔަ ޙަރާމްތަކެތީގެ ތެރެއިން އެއްޗެއްކާން މަޖްބޫރުވެއްޖެމީހާ ދަންނާށެވެ! ހަމަކަށަވަރުން މާތް ﷲ އީ، ފާފަ ފުއްސަވާ ރަޙްމަތްވަންތަ އިލާހެވެ". ސޫރަތުލް އަންޢާމް ގެ 119 ވަނަ އާޔަތެވެ.(وَقَدْ فَصَّلَ لَكُمْ مَّا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ).މާނައަކީ: "އެކަލާނގެ ވަނީ ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވައިފައިވާ ތަކެތި ތަފްޞީލްކޮށް ބަޔާންކޮށްދެއްވާފައެވެ. ނަމަވެސް (ޙަރާމްކުރެއްވި ތަކެތީގެ ތެރެއިން) އެއެއްޗަކަށް ތިޔަބައިމީހުން ކޮންމެހެން ބޭނުންވެގެން ކާންޖެހިފައިވާ އެއްޗެއް ޙަލާލެވެ". 

މިއާޔަތް ތަކުން ލޭހަދިޔާ ކުރުމަށް ދަލީލު ލިބޭ ގޮތަކީ ބަލިމީހަކަށް ނުވަތަ ތަނެއް ކަނޑައިގެން ގޮސްފައިވާ މީހަކަށް ލޭ އެޅުމުން ފިޔަވާ އެހެން އެއްވެސް ފަރުވާ އެއް ނެތް ކަމަށް ވަނީ ނަމަ، އެމީހެއްގެ ހަށިގަނޑަށް ލޭ އެޅުން ހިމެނިގެން ވަނީ ކާނާގެ ތެރޭގައެވެ. ބޭހުގެ ތެރެއަކު ނޫނެވެ. ޟަރޫރީ ޙާލަތުގައި ޙަރާމް ތަކެތި ހުއްދަވާފަދައިން ބަލިމީހެއްގެ ހަށިގަނޑަށް ލޭއެޅުން ހުއްދަވެގެންވެއެވެ. 

އެމީހެއްގެ ހަށިގަނޑުން ލޭނެގޭނީ ލޭނެގުމުގެ ސަބަބުން އެމީހަކަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެ މީހުންގެ ހަށިގަނޑުންނެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ)މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ". 

އެމީހެއްގެ ބަހަށް އިތުބާރުކޮށް ލޭ ދެވޭނީ އިތުބާރު ހުރި މުސްލިމް ޑޮކްޓަރަކު ބުނުމުންނެވެ. މުސްލިމް ޑޮކްޓަރަކު ނެތްނަމަ ޑޮކްޓަރީ ގޮތުން އިތުބާރު ހުރި ޣައިރު މުސްލިމް ޑޮކްޓަރެއްގެ ބަސްވެސް ގަބޫލު ކުރެވޭނެއެވެ. 

މި މައުޟޫޢު ގައި ސަޢޫދީގެ ފަތްވާ ކޮމެޓީން ނެރެފައިވާ ފަތްވާ ވެސް މިތަނުގައި ނަގްލު ކޮށްލާނަމެވެ. 

ފުރަތަމަ: ލޭ ހަދިޔާ ކުރިމީހާ އަށް އެކަމުގެ ސަބަބުން ގެއްލުމެއް ނުވަނީނަމަ، ލޭ ބޭނުންވެފައިވާ މުސްލިމަކަށް ލޭހަދިޔާ ކުރުމަކީ މައްސަލައެއް ނޫނެވެ. 

ދެވަނައަށް: ލޭ ބޭނުންވެފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ފައިސާ ނެގުމަކާ ނުލާ ލޭ ހަދިޔާ ކުރެވޭނެ އިންތިޡާމް ހަމަ ޖެއްސުމުގެ ގޮތުން ލޭގެ ބެންކެއް އުފެއްދުމަކީ ހުއްދަ ކަމެކެވެ. ވިޔަފާރީގެ ގޮތުން ލޭ ވިއްކާ ހެދުމަކީ ހުއްދަ ކަމެއް ނޫނެވެ. 

މިހެންކަމުން ސުވާލުގައިވާ ފަދައިން ތެލެސީމިޔާ ކުދިންނާއި މާބަނޑު އަންހެނުން އަދި އެނޫންވެސް ލޭގެބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ނިޔަތުގައި ލޭ ހަދިޔާކޮށްފިނަމަ އެކަމުން އިންޝާ ﷲ ދަރުމަ އާއި ޘަވާބު ލިބޭނެއެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން