މީހުންދެކެ ބިރުގަނެފައި ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިނުވެވޭނަމަ އެމީހެއްގެ ޙާލު އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މީހުންދެކެ ބިރުގަނެފައި ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިނުވެވޭނަމަ އެމީހެއްގެ ޙާލު އެނގޭހެއްޔެވެ؟

މީސްތަކުންގެ މިއަދުގެ ޙާލަތަށް ބަލާއިރު ނުބައި ނުލަފާ މީހަކު އެމީހަކު ދެކެ ރުޅިއައިސްގެން އުޅޭކަން އެނގޭނަމަ ބިރުން ލޮލަށް ނިދިވެސް ނުއަންނާނެއެވެ. އެކަމަކި ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރަން އެއްވެސް ވަރަކަށް ބިރެއް ނުގަނެއެވެ. އެކަމެއް ކުރުމުން ﷲ ތަޢާލާ އެމީހަކަށް ލަޢްނަތް ލައްވަވާނެކަން އެނގެންހުރި ކަންކަން ކުރަންވެސް ބިރެއް ނުގަނެއެވެ. 

އެކަމަކުވެސް މިބުނަނީ ތިމަންމެން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށެވެ. ﷲ ތަޢާލާގެ ޢަޛާބަށް ބިރުގަންނަ ކަމަށެވެ. ޤިޔާމަތް ދުވަހު ނަރަކައަށް ވައްދަވައިފާނެކަމަށް ބިރުގަންނަ ކަމަށެވެ. 

ނިކަން ބުނެބަލާށެވެ! ދެއްކޭ ވާހަކަތަކާއި ތިމާއަށް ޢަމަލުކުރެވޭ ގޮތް އެއިރުން ދިމާވާނީ ކިހިނަކުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ބުނާ ބަހާއި ކުރާ ޢަމަލު ދިމާނުކުރެވޭނަމަ ނުވަތަ ޢަމަލުކުރާ ގޮތް ދިމާނުވާނަމަ އެއީ މުނާފިޤުންގެ ސިފައެކެވެ. ވީމާ ފުރިހަމަ މުސްލިމަކަށް ވެވޭނީ ބުނާބަހާއި ކުރާ ޢަމަލުތައް ދިމާކުރެވިގެންނެވެ. 

މިފަދަ ކަންކަން މެދުވެރިމިވަނީ ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަން ޤަބޫލުނުކުރެވޭތީއެވެ. ޢުމުރުގައި ވަރަށް ގިނަ ދުވަސްތަކެއް ބާކީ އެބަ އޮތް ކަމަށް ޤަބޫލުކުރެވޭތީއެވެ. މިއީ އެންމެ ދެރަ އެއް ކަންތަކެވެ. އެހެނީ މުސްލިމުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ މަރަށެވެ. މުސްލިމުންނަކީ ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ޤަބޫލުކޮށް މަރަށް ތައްޔާރުވެގެން ތިބެންޖެހޭނެ ބައެކެވެ. 

ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެކަމަށް ޤަބޫލުކުރެވޭމީހާ ފާފަކުރަން ބިރުގަންނާނެއެވެ. އަބަދުވެސް ހުންނާނީ ﷲ ތަޢާލާގެ ކޯފާއަށް ބިރުންނެވެ. އާޚިރަތް ދުވަހު ސަލާމަތްކަން ހޯދެން އޮތީ އެގޮތުގައި ދެމިހުރެގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން