ޢަލީ އިޙްޞާން ފިރާޤް
ޢުޘްމާނުގެފާނު ޝަހީދުކޮށްލުން:
އަމީރުލް މުއުމިނީން ޢުޘްމާން ރަޟިޔަﷲ ޢަންހު ޝަހީދުކޮށްލުމުގެ ކުރީން އެކަލޭގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އަބޫބަކުރުގެފާނާއި، ޢުމަރުގެފާނު މަޖިލިސެއްގައި ތިއްބަވަނިކޮށެވެ. އެވަގުތު މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ. [އޭ ޢުޘްމާނެވެ. ވަޑައިގަންނަވާށެވެ. ވަޑައިގެން މިއަދުގެ ރޯދަފުޅު ވީއްލަވަންވާނީ އަހަރެންނާއެކުގައެވެ.] ކަންތައްވީވެސް ހަމައެގޮތަށެވެ. އަމީރުލް މުއުމިނީން ޢުޘްމާން ރަޟިޔަﷲ ޢަންހު ޝަހީދުކޮށްލެވުނީ އެކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށެވެ.
އަމީރުލް މުއުމިނީން ޢުޘްމާން ރަޟިޔަﷲ ޢަންހު ޝަހީދުކޮށްލި ޚަބަރު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ލިބިވަޑައިގަތީ އެކަމަނާ މައްކާގެ ރަށްބޭރުގައި ހުންނަވަނިކޮށެވެ. އެ ޚަބަރު ލިބިވަޑައިގެންނެވުމުން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ.
[އެކަލޭގެފާނު ޝަހީދުކޮށްލެވުނީ، އެއްވެސް ކިލައެއްމިލައެއްނެތް ސާފު ފޭރާމެއް ފަދައިން ހުންނަވަނިކޮށެވެ. އެބައިމީހުން އެކަލޭގެފާނު ޝަހީދުކޮށްލީ ޤުރްބާންކުރެވޭ ކަންބަޅިއެއް ފަދައިންނެވެ.]
މި އަޑު އައްސަވައި މަސްރޫޤު ދެންނެވިއެވެ. [އެކަން އެހެންވީ ކަމަނާގެ ސަބަބުންނެވެ. އެކަލޭގެފާނާ ދެކޮޅަށް ބަޣާވާތް ކުރުމަށް މީސްތަކުންނަށް ސީޓީ ލިޔުއްވައިގެން ގެންނެވީ ކަމަނާއެވެ.] މިއަށް ރައްދުދެއްވައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. [ނޫނެކެވެ. އީމާންވާ ބަޔަކު އެ އީމާންވާ ފަރާތާއި، ކާފިރުވާ ބަޔަކު އެ ކާފިރުވާ ފަރާތް ގަންދީ ބުނަމެވެ. މިއަދާ ހަމައަށް ދުވަހަކުވެސް އަހަރެން އެބައިމީހުންނަށް އެއްވެސް އެއްޗެއް ނުލިޔަމެވެ.]
އަމީރުލް މުއުމިނީން ޢުޘްމާން ރަޟިޔަﷲ ޢަންހު ޝަހީދުކޮށްލި ޚަބަރު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ލިބިވަޑައިގެންނެވުމުން އެކަމަނާ މަދީނާއަށް ވަޑައިގެންނެވުމުގެ ބަދަލުގައި އެނބުރި މައްކާއަށް ވަޑައިގެންނެވިއެވެ. އެކަމަނާ މައްކާއަށް ވަޑައިގެންނެވުމުން މީސްތަކުން އެކަމަނާގެ އަރިހަށް އައިސް ވަށައިލައިފިއެވެ. އެކަމަނާ އެބައިމީހުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.
[އޭ މީސްތަކުންނޭވެ. އެބައިމީހުން އެކަލޭގެފާނު ޝަހީދުކުރީ މަޤާމަތަކަށް ޒުވާނުން ލައްވާތީއެވެ. ޝައްކެއްނެތެވެ. އެކަލޭގެފާނުގެ ކުރީގައިވެސް ހަމަ އެ އުމުރުގެ ޒުވާނުން މަޤާމުތަކުގައި ތިއްބެވިއެވެ. ޖަނަވާރު ހުއިހައްޕާ ދަނޑުބިންތައް ބޮޑުކުރުމުން، އެބައިމީހުން އެކަލޭގެފާނަށް ފާޑުކިޔެއެވެ. އެއީވެސް އޭގެ ކުރިން ކޮށްއުޅުނު ކަމެކެވެ. ޢުޘްމާނުގެފާނު އެކަލޭގެފާނުގެ މައްޗަށް އެބައިމީހުން ކުރި ތުހުމަތުތަކަށް ރައްދު ދެއްވިއެވެ. އެކަން އޮޅުން ފިލުވައިދެއްވިއެވެ. ނަމަވެސް އެބައިމީހުން އަވަސްވެގަތީ އެކަލޭގެފާނަށް އަނިޔާކުރުމަށެވެ. އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވައިލުމަށެވެ. އެބައިމީހުންގެ ދުލުކުރީގައި ވަނީ އެހެން ވާހަކައެކެވެ. ޢަމަލުކުރީ އެއާ އިދިކޮޅަށެވެ. އެބައިމީހުން އެ އޮހޮރުވައިލީ ނުޙައްޤު ލޭފޮދެކެވެ. ޙުރުމަތްތެރި ކުރެއްވި މައްސަރުގެ ޙުރުމަތް އެބައިމީހުން ކަނޑައިލައިފިއެވެ. އެބައިމީހުން ނިގުޅައިގަތީ ޙަރާމް މުދަލެވެ. މާތްﷲ ގަންދީ ބުނަމެވެ. ޢުޘްމާނުގެފާނުގެ އެންމެ އިނގިލިފުޅެއްވެސް، އެބައިމީހުންގެ މުޅިބިންފުރޭހާ ބޮޑު ޖަމާއަތަކަށްވުރެ ހެޔޮވެގެންވެއެވެ. މާތްﷲ ގަންދެމެވެ. އެބައިމީހުން ޢުޘްމާނުގެފާނު ޤަތުލުކުރީ އެކަލޭގެފާނުގެ އެއްވެސް ކުށަކުން ކަމުގައިވަނީނަމަ، ފޭރާމެއް ދޮވެލުމުން އެއިން ކިލާތައް ފިލައިގެންދާފަދައިން އެކަލޭގެފާނުގެ ފާފަތައް ފޮހެވިގެން ހިނގައްޖެއެވެ.]
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 587-589}