ޢިބްރަތްތެރި ވާހަކަ: މަތީ މަޤާމާ ކިތަންމެ ގިނަ ފައިސާދިނަސް ޢިއްފަތްތެރިކަން ޤުރްބާން ނުކުރި މުވައްޒިފަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ޢިބްރަތްތެރި ވާހަކަ: މަތީ މަޤާމާ ކިތަންމެ ގިނަ ފައިސާދިނަސް ޢިއްފަތްތެރިކަން ޤުރްބާން ނުކުރި މުވައްޒިފަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަޅުގަނޑަކީވެސް އޮފީހެއްގައި ވަޒީފާއަދާކުރަމުން އައި އަންހެނަކީމެވެ. އެއޮފީހުގެ ވެރިއަކީ އޭނާ އެކުއްޖަކު ބޭނުންވެއްޖެނަމަ ބޮޑެތި ޚަރަދުތައްކޮށްގެންވެސް އެކުއްޖަކު ކާމިޔާބުކުރާ މީހެކެވެ. އޭނާއަށް ދެކޮޅުހަދައިފިނަމަ ކޮންމެވެސް ބޮޑު ބަދުނާމެއް އަޅުވާފައި އެކުއްޖަކު ވަޒިފާއިން ވަކިކުރާނެއެވެ. 

އޭނާގެ ވާހަކަތައް ރަށުތެރޭގައި ދެކެވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ކަމެއް ކުރަން ނުކެރޭތަނުގައި ބަހެއް ބުނަންވެސް ނުކެރެއެވެ. އެއީ އޭނާގެ ތަނަވަސްކަން ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. 

އެތަނުގައި ވަޒީފާއަދާކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ޙަޤީޤަތްތައް އެނގުމުން އަޅުގަނޑު ޤަޞްދުކުރީ ލިބޭ މުސާރައަށް ނުބަލައި އަވަހަށް ވަޒިފާއިން ވަކިވުމަށެވެ. އެހެންވެ އަވަސް އަވަހަށް ސިޓީއެއް ލިޔެ ވަޒީފާއިން ވަކިވާން އެދުނީމެވެ. 

ސިޓީ ފޮނުވި ދުވަސް ނޫން އަނެއް ދުވަހު ވެރިމީހާގެ ގާތަށް ގެންގޮސްފައި އަޅުގަނޑަށް އެހައި ބޮޑު މުސާރައެއްދޭއިރުވެސް ވަޒީފާއިން ވަކިވާން ބޭނުންވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީމެވެ. މާބޮޑު ކަމެއް ވެގެނެއް ނޫނެވެ. އިތުރަށް ކިޔަވަން ބޭނުންވަނީއެވެ. ނަމަވެސް އެވާހަކަ އޭނާ ޤަބޫލެއް ނުކުރިއެވެ. ބުނީ އެހެން މުވައްޒިފަކު ހޯދަންދެން މަޑުކުރަންޖެހޭނެ ކަމަށެވެ. އެކަމަށް ކިހާ ދުވަހެއް ނަގާނެތޯ ސުވާލުކުރުމުން ބުނީ އެއެއް ބުނަން ނުއެނގޭ ކަމަށެވެ. 

ދެން ފެށީ އަޅުގަނޑުގެ ރީތިކަމުގެ ވާހަކަ ދައްކާށެވެ. ތައްރީފްކުރާށެވެ! އަދި ވަރަށް އަވަހަށް މުސާރަބޮޑުކޮށްދޭނެކަމަށްވެސް ބުންޏެވެ. އަޅުގަނޑު ބުނީމެވެ. "ކެނޑެން މިއުޅޭ ސަބަބަކީވެސް ތިއައީއެވެ. ވަޒީފާއަށް ވަނީ މަސައްކަތްކުރާށެވެ! ޙަލާލުގޮތުގައި ފައިސާ ހޯދާށެވެ! ނަމަވެސް މިތަނަކީ އެފުރުޞަތު އޮތް ތަނެއް ނޫންކަން އެނގުމުން ވަކިވަނީއެވެ. އަޅުގަނޑު ހިފހައްޓަން ނުހަދާށެވެ! އަވަހަށް ވަޒީފާއިން ވަކިކޮށްދޭށެވެ! ވަޒިފާއިން ވަކިކޮސް ނުދިނަސް ދެން މިއޮފީހަކަށް ނުނުކުންނާނަމެވެ!" 

އެހެން ބުނެފައި ގެއަށް އައި ގޮތަށް އޮފީހަކަށް ނުދަމެވެ. އެހެން ވަޒީފާއެއް ހޯދަން މަސައްކަތްފެށީއެވެ. އެކަން އެހައި ފަސޭހަކަމަކަށް ނުވުމުން ﷲ އަށް ދުޢާކުރުންމަތީގައި ކެތްތެރިވެލައިގެން ހުރީއެވެ. 

އެހެން ހުންނަތާ ހައަކަމަސްދުވަސްވީތަނާ ކުރިން އަދާކުރި ވަޒީފާއަށްވުރެ މުސާރަވެސް ބޮޑު މާރަނގަޅު ވަޒިފާއެއް ލިބުނެވެ. އެތަނުގައި އުޅެން ފެށިތަނާ ތަނުގެ ވެރިމީހާގެ ދަރިއަކު އަޅުގަނޑާއި ގުޅެން ބޭނުންވެގެން ބުނުމުން އޭނާ އާއި ކައިވެނިވެސް ކުރީމެވެ. އެކައިވެނިމަތީގައި މިހާރު 15 އަހަރުވީއެވެ. 5 ދަރިންވެސް ލިބިއްޖެއެވެ. 

އަދި މިހާރު ދެމަފިރިންނަކީ އަމިއްލައަށް މަސައްކަތްކުރާ ބައެކެވެ. ހިންގަނީ އަމިއްލަ ވިޔަފާރިއެކެވެ. ދެމީހުން އެއްވަރަށް ޙިއްޞާވާ ކުންފުންޏެއް އުފައްދައިގެންނެވެ. ވިޔަފާރި ފަށަން ފިރިމީހާގެ ބައްޕަގެ އަތުން ނެގިލޯނުވެސް މިހާރުވަނީ އަދާކުރެވިފައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ ވަރަށް ބޮޑު ބޭނުމަކުއެވެ. ވަޒީފާއަށް ވަދެވުމާއިއެކު އަވަހަށް ޕްރަމޯޝަން ބޭނުންވެގެން ކަތިމަގުން ދެވޭ އަންހެންކުދިންނަށް ފިލާވަޅެއްގެ ގޮތުންނެވެ. ސީދާ މަގުން ކުރިއަށްދާން އުނދަގޫވިނަމަވެސް ޘާބިތުވުމުން ދެއްވަވާ ނިޢްމަތް މާބޮޑުކަން ވިސްނައިދިނުމަށެވެ. އަޅުގަނޑު މިހުރީ އެކަން ތަޖުރިބާކޮށްގެން ކަމަށްވާތީއެވެ. 

- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން