ދަމުނަމާދާއި ޤިޔާމުއްލައިލް

ކިޔުމަށް ހޭދަވާނީ 1މ 58ސ
ދަމުނަމާދާއި ޤިޔާމުއްލައިލް

ފާޠިމަތު ނަޢީޝާ

މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ ފަރުޟުކުރައްވާފައިވާ ކަންތައްތަކުގެ އިތުރުން ސުންނަތް އަޅުކަންތައްވެސް ކުރުމަކީ އޭގެ ސަބަބުން ތިބާއަށް އެތައް ސަވާބަކާއި ދަރުމައެއް ލިބޭނެކަމެކެވެ. އެސުންނަތް އަޅުކަންތައްތަކަކީ ތިބާގެ އީމާންތެރިކަން ވަރުގަދަކޮށް، ދެދުނިޔޭގެ ބާއްޖަވެރިކަން ލިއްބައިދޭނެ ކަންތައްތަކެވެ. އެގޮތުން، ތަހައްޖުދު (ދަމުނަމާދު) ، ޤިޔާމުއްލައިލްއަކީ އޭގެ ސުންނަތްކަން ގަދަ އަޅުކަމެކެވެ. 

"ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންނީ މަޑުމައިތިރިކަމާއިއެކު ބިމުގައި ހިނގާ އުޅޭ މީހުންނެވެ. އަދި އެއުރެންނާއި ޖާހިލުން މުޚާޠަބުކޮށް ވާހަކަ ދައްކައިފިހިނދަކު އެއުރެން ސަލާމްއޭ ބުނެތެވެ. އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމަށް، ސަޖިދަކުރުމުގައްޔާއި، ޤިޔާމަށްތިބުމުގައި ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ." (سورة الفرقان : 63-64)

ޤިޔާމުއްލައިލް އަކީ ރޭގަނޑުގައި ކުރާ އަޅުކަންތަކެވެ. ޚާއްސަކޮށް، ނަމާދަށްހުރެ މަޑުމައިތިރިކަމާއިއެކު ޤުރުޢާން ކިޔެވުމެވެ. ދުޢާކުރުމާއި އެކަލާނގެއަށް ޛިކުރުކުރުންވެސް ހިމެނެއެވެ.  

"ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށް ކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ. އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަ ތަންކޮޅެއް އުނިކޮށްލައްވާށެވެ! ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން ޤުރުޢާން ކިޔަވައި ވިދާޅުވާށެވެ! " (سورة المزّمل: 2-4) 

ތަހައްޖުދު ނުވަތަ ދަމުނަމާދަކީ، ރޭގަނޑު ކިތައްމެ ކުޑަ ވަގުތުކޮޅަކަށްވިޔަސް ނިދުމަށްފަހު ކުރާ ނަމާދެވެ. 

ދަމުނަމާދަކީ އެހެން ސުންނަތް ނަމާދެކޭވެސް އެއްފަދައިން ކުރެވޭ ނަމާދެކެވެ. މަދުވެގެން ކުރެވޭނީ ދެ ރަކުޢަތެވެ. ގިނައިންވެސް ކުރެވިދާނެއެވެ. ގިނައިން ކުރާނަމަ ކުރަންވާނީ ދެ ރަކުޢަތުން ދެރަކުޢަތުންނެވެ. 

ކީރިތި ރަސޫލާ محمد صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިބާ ރޭގަނޑު ކުރާ އެންމެ ފަހު ނަމާދަށް ވިތުރި ނަމާދު ހަދާށެވެ." (ސަޙީހް ބުޚާރީ) 

ވިތުރި ނަމާދުކުރާނީ ދަމުނަމާދަށްފަހުގައެވެ. ދަމުނަމާދަށް ހޭލެވޭނެކަމުގެ ޔަޤީންކަންނެތްނަމަ އިޝާ ނަމާދަށްފަހު ވިތުރި ނަމާދު ކުރާނީއެވެ. 

ވިތުރި ނަމާދުގައި ކުރުން އެންމެ ރަނގަޅީ 3 ރަކުޢަތެވެ. އެއީ އެންމެ ފުރަތަމަ 2 ރަކުޢަތްކޮށް ސަލާމްދިނުމަށްފަހު، އަދި އެއް ރަކުޢަތްކޮށް ސަލާމްދޭނީއެވެ.  

https://www.muslim.sg/articles/how-to-pray-tahajjud-and-perform-qiyamullail

މިއަދު އޮންލައިން