ޢަލީ އިޙްޞާން ފިރާޤް
ޢަލީގެފާނުގެ ޚިލާފަތުގައި، ޢާއިޝަތުގެފާނު-
ތިންވަނަ އަމީރުގެ ލޭފޮދުން، އުންމަތް މުޅިން ރޮއްވައިލުމުން
މިންނެތްފަށުން ފެއްޓީ އަލުން، ޞުލްޙައިގެ ކަންތައް މިންނަތުން
އަމީރުލް މުއުމިނީން ޢުޘްމާން ރަޟިޔަﷲ ޢަންހު ޝަހީދުކުރިތާ ބަރާބަރު ހަތަރު މަސްދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ޠަލްޙަތު ބިން ޢުބައިދުއްﷲ ރަޟިޔަﷲ ޢަންހާއި، ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު މައްކާއަށް ވަޑައިގެން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ބައްދަލު ކުރައްވައި، ނުޙައްޤުން ޝަހީދުކުރެވުނު ޚަލީފާގެ ލޭފޮދުގެ ބައްދަލު ޤާތިލުންގެ ފަރާތުން ހިއްޕެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެ މަޝްވަރާގެ ތެރޭގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ.
[ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުނީ އެއްވެސް ކުށަކާލައިގެނެއް ނޫންނެވެ. މާތްﷲ ގަންދީ ބުނަމެވެ. އަހަރެން އެކަލޭގެފާނުގެ ލޭފޮދުގެ ބަދަލު ހިފާނަމެވެ.]
ޠަލްޙަތު ބިން ޢުބައިދުއްﷲ ރަޟިޔަﷲ ޢަންހާއި، ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހުވެސް މިދެންނެވި ބީދައިން އެއްބަސްވެވަޑައިގެން ޢުޘްމާނުގެފާނުގެ ޤާތިލުންގެ ކިބައިން ބަދަލު ހިފުމަށްޓަކައި ބަޞަރާއަށް ވަޑައިގަންނަވަން ނިންމެވިއެވެ. އޭރު އަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުވަނީ މުސްލިމުންގެ ޚަލީފާއަކަށް އިސްކުރެވިފައެވެ. އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހަށް ބައިޢަތު ހިފައިގެން ތިބި މީސްތަކުންގެ ތެރޭގައި ޢުޘްމާނުގެފާނުގެ ޤަތުލުކުރުމުގެ ފިތުނައިގައި ބައިވެރިވި މީސްތަކުންވެސް ހިމެނުނެވެ.
މިދެންވި ދުވަސްވަރު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންވެސް ތިއްބެވީ މައްކާގައެވެ. އެބޭކަނބަލުންވެސް އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ރަޢުޔާ އެއްގޮތަށް އަމީރުލް މުއުމިނީން ޢުޘްމާން ރަޟިޔަﷲ ޢަންހުގެ ލޭފޮދުގެ ބައްދަލު ހިއްޕެވުމަށް އެއްބަސްވެވަޑައިގެންނެވިއެވެ. އޭރު މަދީނާގައި ބާޣީން ފޯރިމަރަމުން ގެންދެއެވެ. އެބޭކަނބަލުން ބޭނުންފުޅުވެވަޑައިގަތީ ޝަހީދުކުރެވުނު ޚަލީފާގެ ބަދަލުހިއްޕެވުމަށްޓަކައި މަދީނާއަށް ވަޑައިގެންނެވުމަށެވެ. ނަމަވެސް އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އެކަމަނާގެ އަރިހުގައިވާ މީސްތަކުން ބަޞަރާއަށް ވަޑައިގަންނަވާކަން އެނގިވަޑައިގެންނެވުމުން އެބޭކަނބަލުން ވިދާޅުވިއެވެ. [މަދީނާ ނޫން އިތުރު އެހެންތަނަކަށް އަޅުގަނޑުމެން ނުދާނަމެވެ.]
ޢުޘްމާނުގެފާނުގެ ލޭފޮދުގެ ބަދަލު ހިއްޕެވުމަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބަކަނބަލުންވެސް ބޭނުންފުޅުވެވަޑައިގަންނަވާ ގޮތެވެ. އެ ހުރިހާ ބޭކަނބަލުންވެސް އެކަމާ އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް އެބޭކަނބަލުން ޢާއިޝަތުގެފާނާ އިޚްތިލާފުވެވަޑައިގެންނެވީ އެކަމަނާ ބަޞަރާއަށް ވަޑައިގެންނެވުމުގެ ވިސްނުންފުޅު ގެންގުޅުއްވުމުންނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހުވަފަތް އަނބިއަނބިކަނބަލުންގެ ތެރެއިން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއެކު ބަޞަރާއަށް ވަޑައިގެންނެވުމަށް އެއްބަސްވެވަޑައިގެންނެވި ބޭކަނބަލަކީ، އުއްމުލް މުއުމިނީން އައްސައްޔިދާ ޙަފްޞާ ރަޟިޔަﷲ ޢަންހާއެވެ. ނަމަވެސް އެކަމަނާއަށް އެދަތުރުފުޅުގައި ބައިވެރިވެވަޑައި ނުގެންނެވުނީ، އެކަމަނާގެ އަޚު ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު އެކަމަނާ ހިފެހެއްޓެވުމުގެ ސަބަބުންނެވެ.
ހަވްއަބުގެ ފެންގަނޑު:
ޠަލްޙަތު ބިން ޢުބައިދުއްﷲ ރަޟިޔަﷲ ޢަންހާއި، ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހާއި، އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއާއެކު ބަޞަރާއަށް ދަތުރު ކުރަމުން ގެންދިޔަ ލަޝްކަރު ދަތުރުކުރަމުން ގޮސް ހަވްއަބުގެ ފެންގަނޑާހަމައަށް ދެވިއްޖެއެވެ. އެވަގުތު އެފެންގަނޑު ކައިރީގައި ދިރިއުޅެމުން ގެންދިޔަ ކުއްތާތަކުގެ ވައްވައް ޖެހުމުގެ އަޑުފަށްގަނޑު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް އިވިވަޑައިގެންނެވިއެވެ. އެވަގުތު އެކަމަނާ ވިދާޅުވިއެވެ.
[އަހަރެން މިތަނުން ގެންދާށެވެ. އެހެނީ މާތް ރަސޫލާ صلّى اللّـه عليه وسلّم އެއްފަހަރަކު ޙަދީޘް ކުރެއްވިއެވެ. ތިޔަބޭކަނބަލުންގެ ތެރެއިން އެބޭކަނބަލަކާ ދިމާއަށް، ހަވްއަބުގެ ކުއްތާތަށް ވައްވައްޖަހާނެ ބޭކަނބަލެއް ތިމަންކަލޭގެފާނަކަށް އެނގިވަޑައިގެންފައެއްނެތެވެ.]
ޢަބްދުﷲ ބުނުއް ޒުބައިރު ރަޟިޔަﷲ ޢަންހު އެކަމަނާއަށް ދެންނެވިއެވެ.
[ބޮޑުދައިތާފުޅާއެވެ. ދައިތާފުޅު އެނބުރި މަދީނާއަށް ވަޑައިގަންނަވަނީތޯއެވެ؟ ފަހަރެއްގައި ކަމަނާގެ ޒަރިއްޔާއިން މީސްތަކުންގެ ދެމެދުގައި އުފެދިފައިވާ ދެކޮޅުވެރިކަން ޙައްލުވެގެން ގޮސްފާނެއެވެ]
ކޮންމެއަކަސް މީސްތަކުންގެ އެދިވަޑައިގަތުމުގެ މަތީން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ބަޞަރާގެ ދަތުރުފުޅު ކުރިއަށް ގެންދަވަން ނިންމެވިއެވެ.
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު، ދެވަނަ ޖިލްދު}