ޢިބްރަތްތެރި ވާހަކަ: ގޮތް ނޭނގޭ ބޮޑު ބައްޔެއްގަ އުޅެންޖެހުނީ އެއަށްވުރެ މާބޮޑު ބައްޔަކުން ސަލާމަތްވެވެންކަން އެނގި، އެބަލިޖެހުނުކަމަށްޓަކާ އުފާކުރަން ޖެހުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 10ސ
ޢިބްރަތްތެރި ވާހަކަ: ގޮތް ނޭނގޭ ބޮޑު ބައްޔެއްގަ އުޅެންޖެހުނީ އެއަށްވުރެ މާބޮޑު ބައްޔަކުން ސަލާމަތްވެވެންކަން އެނގި، އެބަލިޖެހުނުކަމަށްޓަކާ އުފާކުރަން ޖެހުނު މީހެއްގެ ވާހަކަ-

"އަޅުގަނޑުގެ ދައްތަ ފައިގަ ރިއްސާތީ އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހީއެއް ހިފައިގެންވެސް ދެވޭވަރެއް ނޫނެވެ. އެކަން ޖެހުނީތީ ޝަކުވާކުރާލެއް ގިނަކަމުންނެވެ. އެކަން ކުރަނީ ޤަޞްދުގައި ނޫން ކަމަށްވެދާނެއެވެ. އެކަމު އެހުރިހާ ޝަކުވާތަކެއް އަމާޒުވެގެން ދަނީ މާތް ﷲ އަށެވެ. މިކަމުގައި ދައްތައަށް ވިސްނައިދޭން ކުރެވޭނީޯ ކޮންކަމެއްތޯ؟"

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ވަރަށް ފުރިހަމަ ޖަވާބެއް ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ.  

އަޅުގަނޑުގެ ވަރަށް ގާތް ރަޙްމަތްތެރިއަކަށް މިދޭތެރެއަކުން ގޮތް ނުއެނގޭ ބައްޔެއް ޖެހުނެވެ. މޮޅަށް ކިޔަވައި ހުރިހާ ކަމެއް އެނގިގެން ޚިދުމަތުގައި ތިބި އެކި ޑޮކްޓަރުންނަށް ދެއްކީމެވެ. އެމީހުންގެ ފެންވަރުން ވަރަށް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތްވެސް ކުރިއެވެ.  

އަޅުގަނޑުގެ ރަޙްމަތްތެރިޔާއަކީ ކިތަންމެ ބަރާބަރު މީހަކުނަމަވެސް މިބަޔާންކުރާ ގޮޅިއަކަށް ނުފެތެއެވެ. 

"އަށް އީމާންވެގެންވާ މުއުމިނުއަޅާ އަބަދުވެސް އުޅެމުންދާނީ އުފާވެރި، ހިތްހަމަޖެހޭ އަރާމު ދިރިއުޅުމެއްގައެވެ. އޭނައަށް ނިޢުމަތެއްލިބޭހިނދު، އޭނާ އެކަމާ އުފާކޮށް ﷲއަށް ޙަމްދުކޮށް، އެއިލާހަށް ޝުކުރުކުރަމުންދާނެއެވެ. އަދި މުޞީބާތެއް ކުރިމަތިވާހިނދުވެސް އުފާކޮށް ކެތްތެރިކަމުން ވާގިލިބިގަންނަމުންދާނެއެވެ. އެހެނީ ކުރިމަތިވާ ކޮންމެ މުޞީބާތަކާއެކު ފާފަތަކެއްފޮހެވިގެންދާނެކަން އޭނާއަށް އެނގެއެވެ." 

އަދި މިޙަދީޘްފުޅު އޮންނަކަމެއްވެސް ނުއެނގެއެވެ.   

"ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. 

مَا مِنْ مُؤْمِنٍ وَلَا مُؤْمِنَةٍ وَلَا مُسْلِمٍ وَلَا مُسْلِمَةٍ يَمْرَضُ مَرَضًا إِلاَّ قَضَى اللهُ بِهِ عَنْهُ مِنْ خَطَايَاهُ  

"މުއުމިނު ފިރިހެނަކާއި މުއުމިނު އަންހެނަކަށް، އަދި މުސްލިމު ފިރިހެނަކާއި މުސްލިމު އަންހެނަކަށްވެސް ކުރިމަތިވާ ކޮންމެ ބައްޔަކާއެކު އޭނާގެ ފާފާތަކެއް ﷲތަޢާލާ ފުއްސަވައެވެ". 

ކޮންމެއަކަސް އޮޕަރޭޝަނެއް ކޮށްގެން އެޑްމިޓްކޮށްފައި އޮތްއިރު ރަޙްމަތްތެރިޔާއަށް ކުރި ޒިޔާރަތެއްގައި އަޅުގަނޑު ބުނީމެވެ. "ރަޙްމަތތެރިޔާއެވެ! މިޙާލަތު ކުރިމަތިވުމުގައިވެސް ފޮރުވިފައިވާ ރަޙްމަތެއް އޮންނާނެއެވެ. ކެތްތެރިވެ ދުޢާކުރާށެވެ! ޝިފާ ދެއްވަވާނެތެވެ! އިން ޝާ ﷲ- 

އަޅުގަނޑުގެ ވާހަކަ ރަޙްމަތްތެރިޔާއަށް ކަމަކު ނުދިޔައެވެ. އެހެންވެ ސުވާލުކުރިއެވެ. "މީހުން ބަލިވުމަކީވެސް ރަޙުމަތެއް ވިއްޔާ މިއޮތީ އެބޮޑު ރަޙްމަތް ލައްވަވާފަ! ތިއަބުނާ ގޮތުން އެންމެ ބޮޑު ރަޙަމަތަކަށްވާނީ ޖަމާއަތްތެރިންގެ އަތްދަށުވުންތާ؟" 

އެވާހަކަތަކަކަށް ޖަވާބެއް ނުދެމެވެ. ދެން ރަޙްމަތްތެރިޔާ އާއި ބައްދަލުވީ އެއިގެ 4 މަސް ދުވަސްފަހުންނެވެ! ދިމާވާއިރަށް ސަލާމްކޮށްލާފައި ރަޙްމަތްތެރިޔާ އަމިއްލައަށް ކިޔައިދޭން ފެށިއެވެ. "އެއިރު ޖެހިގެން އުޅުނު ގޮތް ނޭނގޭ ބަލީގެ ކަންކަން މިހާރު މުޅިން ރަނގަޅުވެއްޖެ. އަދި އެކަމަށް ހަދަން ޖެހުނު ޓެސްޓްތަކުގެ ސަބަބުން ކެންސަރުހުރިކަން ވެސް މިވަނީ އެނގިފަ. ވަރަށް ކުޑަކޮށް އަދި ހުރިކަމަށްވަނީ. އެމީހުން ބުނަނީ ކީމޯ ދިނީމަ ރަނގަޅުވެދާނެކަމަށް!" 

އަދިވެސް ބުންޏެވެ.

"މިކަންކަން އެނގުނު ދުވަހު ޢަލީ މަތިން ވަރަށް ހަނދާންވި! ބަލިޙާލު ކުރިމަތިވުމުގަވެސް ރަޙްމަތެއް އޮންނާނެ ކަމަށް ބުނީމެއްނު؟ އަޞްލު އެބަލި ޖެހިގެން މިހުރިހާ ޓެސްޓްތައް ހަދަން ނުޖެހުނުނަމަ ކެންސަރު މާވަރުގަދަވާފަހުންކަންނޭނގެ އެނގޭނީ! އެހިސާބުން ފަރުވާގެ ބޭނުން އޮންނާނީ ކެނޑިފަ. އެހެންވީމާ އެބަލިވިކަން އެއީ ހަމަ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެއް!" 

ލޮބުވެތިކިޔުންތެރިންނޭވެ! މި ކަމަކީ މިދިއަ 2019 ވަނަ އަހަރުގެ މެދުތެރޭގައި ހިނގައި ދިއަ ކަމެކެވެ. އަދި މިހާރުވެސް މިފަދަ އެތައް ކަންތައްތަކެއް ދާނީ ހިނގަމުންނެވެ. އަޅުގަނޑު މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާ ކޮށްލި ބޭނުމަކީ ނުރައްކާތެރި ބަލިތައް އަބަދުވެސް ފެތުރެމުންދާއިރު އެހައި ބޮޑަށް މާޔޫސްނުވުމަށް ބުނުމެވެ. 

ދުނިޔެއަށް ޢާންމުވާ ބޮޑެތި ބަލިތަކަށް ވެކްސިންޖެހީމާ މަދުވެއެވެ. ފިލައިގެނެއް ނުދެއެވެ. އެކަން އެނގެނީ ދޭތެރެދޭތެރެއިން ކޮންމެވެސް ޤައުމަކުން އެބަލީގެ ޢަލާމާތްތައް ފެންނާތީއެވެ. މުޅި ދުނިޔެ ސިއްސުވައިލި ކޮވިޑަށްވެސް ވާނީ ހަމަ އެހެންނެވެ. ދޭތެރެދޭތެރެއިން ފެންނާނެއެވެ. ގިނަވާނެއެވެ. މަދުވާނެއެވެ. މިއީ ހާސްވެ ތެޅިފޮޅެންޖެހޭ ކަމެއް ނޫނެވެ. 

"މުއުމިނު ފިރިހެނަކާއި މުއުމިނު އަންހެނަކަށް، އަދި މުސްލިމު ފިރިހެނަކާއި މުސްލިމު އަންހެނަކަށްވެސް ކުރިމަތިވާ ކޮންމެ ބައްޔަކާއެކު އޭނާގެ ފާފާތަކެއް ﷲތަޢާލާ ފުއްސަވައެވެ". މިއީ ޙަދީޘްފުޅެވެ. އާޔަތުގައި، ވަޙީ ބަސްފުޅުގައި އޮތީ ކޮންމެ ތަކްލީފަކާއެކު ރަޙްމަތެއްވާނެ ކަމަށެވެ! ޔަޤީންކުރަންވީ އެ ރަޙްމަތް މާމަތިވެރިވާނެކަމެވެ! 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން