އަޚުން، އުޚުތުންގެ އީމާންކަން ކުޑަވަމުން އަންނަނަމަ އެމީހަކަށް އެހީތެރިވެދީ އެކަމުން ސަލާމަތްކުރަން މަސައްކަތްކުރުމަކީ ތިބާއަށް ސުވަރުގެ ދެއްވަވާ ޢަމަލަށްވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
އަޚުން، އުޚުތުންގެ އީމާންކަން ކުޑަވަމުން އަންނަނަމަ އެމީހަކަށް އެހީތެރިވެދީ އެކަމުން ސަލާމަތްކުރަން މަސައްކަތްކުރުމަކީ ތިބާއަށް ސުވަރުގެ ދެއްވަވާ ޢަމަލަށްވެދާނެ!

މިހާރަކަށް އައިސް ގިނައިން މިފެންނަނީ ކަމެއް ގޯސްވާނަމަ ނަޞޭޙަތްދީ އޭނާ އިޞްލާޙްކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެއްޗެތި ގޮވައިހެދޭތަނެވެ. އެކަމުގެ ސަބަބުން ކުރަނީ ފައިދާއެއް ނޫނެވެ. ލިބެނީ ގެއްލުމެވެ. އެހެންކަމުން މިބުނާ ބަސް އަޑުއަހާށެވެ. 

"ހަނދާނަށް އަންނަނީ ދާރުލްއަރްޤަމަށް ބައިބައަށް މީހުންގޮސް އިސްލާމްވަމުން ދިއަ ދުވަހެވެ. މިއަދު މިފެންނަނީ އެއްބަނޑު އެއްބަފާ 3 ބެއިން އެކުގައި އިސްލާމްދީން ޤަބޫލުކުރާތަނެވެ. މިއީ ވަރަށް އުފާވެރި މަންޒަރެކެވެ. 

ތިއަ 3 ބެއިންނަކީ މިހާރު ކުރިން ކުރެވިފައިވާ އެއްވެސް ފާފައެއް އޮތްބައެއް ނޫނެވެ. އިސްލާމްވި ވަގުތުން ފެށިގެން ކުރިން ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެތެވެ. 

ތިއަ 3 ބެއިން މިއަދު އިސްލާމް ދީނަށް ތިއަ ވަންނަނީ އެކެއް އަނެއްގެ ކިބައިން ހިތްވަރުލިބިގެންނެވެ. އިސްލާމްވުމަށްފަހުގައިވެސް އެގުޅުން އެގޮތަށް ދަމަހައްޓަންވާނެއެވެ. އެކަކު އަނެކަކަށް ހެޔޮ ނަޞޭޙަތްދޭންވާނެއެވެ. އެކެއްގެ އީމާންކަން ބަލިކަށިވާނަމަ ދެން ތިބި މީހުން އޭނާއަށް ހިތްވަރުދީ އެހީތެރިވާންވާނެއެވެ. 

އަދި ތިއަ 3 ބެއިންގެ ކިބައިންވެސް އިތުރު ބައަކު އިސްލާމް ދީން ޤަބޫލުކުރޭތޯ މަސައްކަތްކުރާށެވެ! އެންމެ ފައިދާހުރި މަސައްކަތަކަކީ އިސްލާމް ދީން މަތިވެރިކޮށް ކުރިއަރުވަން ކުރެވޭ މަސައްކަތްތަކެވެ." 

މިއީ މީގެ 3 އަހަރުކުރިން ޢީދެއްގައި އިމާމް ޢުމަރު ސުލައިމާންގެ އަތްޕުޅު މައްޗަށް އިސްލާމްވި 3 ބެއިންނަށް އިމާމް ދެއްވި ނަޞޭޙަތެވެ. މި ނަޞޭޙަތުގައި އަހަރެމެން ހިފަހައްޓަންޖެހޭ ބައިތަކެއް އެބަވެއެވެ. އެއީ:

- އަޚަކު ނުވަތަ އުވަތަ އުޚުތަކު އެނޫންވެސް މީހެއްގެ އީމާންކަން ކުޑަވަމުންދާކަން އެނގިއްޖެ ނަމަ އޭނާއަށް ނަޞޭޙަތްދީ އިޞްލާޙްކުރަން މަސައްކަތްކުރުން،

- އަދި އަހރެމެންގެ ކޮންމެ މީހަކީ އިސްލާމް ދީން ކުރިއަރުވަން މަސައްކަތްކުރާ މީހަކަށްވުމުގެ މުހިންމުކަން،

- ތިމާގެ ސަބަބުން އެންމެ މީހަކުވެސް އިސްލާމްވޭތޯ މަސައްކަތްކުރުމެވެ.   

ތިމާގެ ސަބަބުން މީހަކު އަލަށް އިސްލާމްވެއްޖެ ނަމަ އެކަމަށް ގިނަގުނަ ރަޙްމަތް މިންވަރުކުރައްވަވައި ތިބާގެ ދަރަޖަ އުފުއްލަވާ ފަދައިން އީމާންކަން ކުޑަވަމުންދާ މުސްލިމެއްގެ އީމާންކަން އިތުރުކުރަން މަސައްކަތްކުރމަކީވެސް އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ބޮޑުތަނުން އިތުރުކުރައްވަވާނެ ކަމެކެވެ. 

ވާހަކަ ފަށަމުން ފާހަގަކުރީ މިކަމެވެ. އަޚަކު ނުވަތަ އުޚުތަކު މަގުފުރެދެމުން ނުވަތަ މަގުއޮޅެމުންދާނަމަ އެމީހަކަށް ތެދުމަގު ދައްކައިދޭން މަސައްކަތްކުރަންވާނެވެ. ރުޅި އިސްނުކުރާށެވެ! އެއީ މަގުފުރެދިފައި ހުރި މީހެއް ކަމަށްވެސް ނުބުނާށެވެ. ހެޔޮ ނަޞޭޙަތް ދޭށެވެ! އޭނާއަށްޓަކައި ހެޔޮދުޢާކުރާށެވެ! 

މަގުފުރެދެމުންދާ މީހަކު މަގަށް އަޅުވައި އެކަމުން ސަލާމަތްކުރަން މަސައްކަތްކުރުމަކީ މީހަކު އިސްލާމް ކުރުވުން ފަދަ މަތިވެރި ކަމެއްގެ ގޮތުގައި ޢިލްމުވެރިން ބަޔާންކުރައްވަވަތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން