މިވާހަކަ އަޑު އަހަން ބައެއް މައިންބަފައިންނަށް އުދަގޫވެދާނެއެވެ. ނަމަވެސް މިއީ ދައްކަންޖެހިފައިވާ ވާހަކައެކެވެ.
ގިނަކުދިންގެ ޢަމަލުތައް ނުބައިވެ ފޭލިއަރުންނަށްވެ އަޚްލާޤް ނުބައި ކުދިންނަށް ބަދަލުވަނީ މައިން ބަފައިންގެ ދުލުގެ ނުބައިކަމުންނެވެ. ރުޅިއަންނަ ހިނދު ދަރިންނަށް ބުނެވޭ ބަސްތަކުގެ ސަބަބުންނެވެ.
މިސާލަކަށް ދަރިފުޅު ސްކޫލްގައި ކިޔަވަނީ 10 މާއްދާއެވެ. 9 މާއްދާއިން ފާސްވިއެވެ. އެންމެ މާއްދާއަކުން ފާސްނުވުމުން "ތިއައީ ބަސްނާހާ ކުއްޖެއް! އަބަދުކުޅެން އުޅެނީ! ކަލެއަކަށް ނުކިޔެވޭނެ! ސްކޫލަށް ގޮސް ތިއަކުރާ ކަމަކީ އަހަރެމެންގެ ފައިސާ އިސްރާފްކުރުން. ޓިޔުޝަނަށް އެހައިބައިވަރު އެބަ ޚަރަދުކުރަންޖެހޭ!"
މައިންބަފައިން މިބާވަތުގެ ބަސްތައް ބުނުމުން އެއީ ހަމަ ތެދެއް ކަމަސް ކުދިންނަށް ޤަބޫލުކުރެވެއެވެ. ކިޔެވުންމަތިން ފޫހިވެއެވެ. ބަސްނާހާ ނުކިޔަވާ ކުއްޖެއްގެ އުޅެން ބޭނުންވެއެވެ. މައިންބަފައިންގެ ފައިސާ އިސްރާފް ނުކުރުވަން ކޮންމެވެސް ގޮތަކުން ފައިސާހޯދަންވެސް ބޭނުންވެއެވެ. އެކަމަށްޓަކައި މަސްތުވާތަކެތީގެ ޑީލަރުންނާއި ގުޅެއެވެ. ހަށިވިއްކަން ފަށައެވެ.
މިކަންކަމަކީ ހުރިހާ ޤަމުތަކެއްގައިވެސް ހިނގަމުންދާ ކަންކަމެވެ. ހުރިހާ މުޖުތަމައުތަކުގައިވެސް ހުރި މައްސަލަތަކެވެ. މިމައްސަކަތަކުގެ އަސްލަކީވެސް އަދި ސަބަބަކީވެސް މައިންބަފައިން ބުނާ ބަސްތަކުގެ ނުބައިކަން ބޮޑުކަމެވެ.
އެންމެ މާއްދާއަކުން ކީއްކުރަން 4، 5 މާއްދާއިން ފޭލްވިނަމަވެސް އަދި ހުރިހާ މާއްދާތަކުން ފޭލްވިނަމަވެސް ދެންމެ މިބަޔާންކުރި ފަދަ ބަސްތައް ދަރިންނަށް ނުބުނާށެވެ! މިސާލަކަށް ދެތިން މާއްދާއަކުން ފޭލްވިނަމަވެސް ބުނާށެވެ! 7 މާއްދާއިން މިއޮތީ ފާސްވެފައެވެ. ދެންފަހަރަކު ތންކޮޅެއް ބޮޑަށް ހިތްވަރުކޮށްލާނީއެވެ. މަންމަ ވެސް ބައިވެރިވާނަމެވެ. އެންމެ މާއްދާއަކުން ފޭލްވެއްޖެ ނަމަ އެކަމުގެ ވާހަކަ އެވަގުތު ނުވެސް ދައްކާށެވެ. އަނެއް 9 މާއްދާއިން ހޯދި ކާމިޔާބީ ފާހަގަކޮށް ތަޢްރީފްކުރާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން