ޢާއިޝަތުގެފާނުގެ ސީރަތު: ޢަލީގެފާނުގެ ލަޝްކަރާއި ޢާއިޝަތުގެފާނުގެ ލަޝްކަރު ޞުލްޙަވުން

ކިޔުމަށް ހޭދަވާނީ 4މ 20ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޢަލީގެފާނުގެ ލަޝްކަރާއި ޢާއިޝަތުގެފާނުގެ ލަޝްކަރު ޞުލްޙަވުން

- ޢަލީ އިޙްޞާން ފިރާޤް -

 

ބަޞަރާގައި:

ބަޞަރާގެ އުދަރެހުން ފާޅުވީ ޞުލްޙައިގެ މަންޒަރުތަކޭ

       އަސަރާއެކީ ބަޠަލުންގެ ހިތްތައް އެކުވެރިވި ޚިޔާލުތަކޭ 

ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނާއި، ޢާއިޝަތުގެފާނުގެ ޖަމާޢަތުގެ މީސްތަކުން ބަޞަރާއަށް ގޮސް އަލްޚުރައިބާ އޭ ކިޔުނުތަނަކަށް މަންޒިލު ކުރިއެވެ. އެތަނުގައި އެބޭފުޅުން ތިއްބަވައިގެން ބަޞަރާގެ ބޮޑުންނަށް، ޢުޘްމާނުގެފާނުގެ ޤާތިލުންނާދެކޮޅަށް އެބޭފުޅުންނަށް ނަޞްރުދިނުމުގައި އެއްބައިވުމަށް އެދިވަޑައިގެންނެވިއެވެ. ބަޞަރާގެ ވަރަށް ގިނަ މީސްތަކުން އެބޭފުޅުންނަށް ތާއީދުކުރައްވައި ޢުޘްމާނުގެފާނުގެ ޤާތިލުން އިންޞާފުގެ ކުރިމަށްޗަށް ގެނައުމަށް އެއްބަސްވިއެވެ. ނަމަވެސް ބަޞަރާގެ އެއްބަޔަކު ދެކުނީ ޢުޘްމާނުގެފާނުގެ ޤާތިލުން އިންޞާފުގެ ކުރިމައްޗަށް ގެނައުމަކީ ޚަލީފާގެ ޒިންމާއެއްކަމުގައެވެ. 

އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ އެންގެވުމަށް ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހު ވަޑައިގެން ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނާއި، ޢާއިޝަތުގެފާނާ ބައްދަލު ކުރެއްވިއެވެ. އޭގެ ކުރިން ޢަލީގެފާނު، ޤަޢުޤާޢުއާ މުޚާޠަބު ކުރައްވައި ވިދާޅުވެފައިވެއެވެ. [ކަލޭގެފާނު ވަޑައިގެން ޠަލްޙަތު ބިން ޢުބައިދުއްﷲ އާއި ޒުބައިރު ބުނުލް ޢައްވާމުއާ ބައްދަލުކުރައްވާ އިސްލާމީ އަޚުވަންތަކަމަށް ގޮވައިލައްވާށެވެ. އެއްބައިވަންތަކަމަށް ގޮވައިލައްވާށެވެ. ވަކިވަކިވެގަނެ ބައިބައިވުމުގެ ސީރިޔަސްކަން ބަޔާންކޮށްދެއްވާށެވެ.] 

ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހު ބަޞަރާއަށް ވަޑައިގެން އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށެވެ. ވަޑައިގެން އެކަމަނާއާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [އޭ މަންމާފުޅާއެވެ. ކަމަނާ ބަޞަރާއަށް ވަޑައިގެންނެވީ ކޮންބޭނުމަކު، ކީއްކުރައްވަންތޯއެވެ؟] އުއްމުލް މުއުމިނީން ޖަވާބު ދެއްވިއެވެ. [އޭ ދަރިފުޅާއެވެ. އަހަރެމެން ބަޞަރާއަށް މިއައީ މީސްތަކުންގެ ކަންތައްތައް ހަމަޖެސުމަށްޓަކައެވެ. މީސްތަކުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުކުރުމަށްޓަކައެވެ.] 

އެއަށްފަހު ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހު، އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުގައި އެތަނަށް ޠަލްޙަތު ބިން ޢުބައިދުއްﷲ ރަޟިޔަﷲ ޢަންހާއި ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު ހާޒިރު ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެކަމަނާ ޤަޢުޤާޢުގެ އެދިވަޑައިގަތުމަށް ފުރިހަމައަށް އިޖާބަދެއްވިއެވެ.  ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނު ވަޑައިގެންނެވުމުން އެދެބޭކަލުންނާވެސް ހަމަ މިމޭރުމުން ވާހަކަފުޅު ދެއްކެވިއެވެ. އެދެބޭކަލުންވެސް ޖަވާބުދެއްވީ ހަމަ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ޖަވާބު ދެއްވި ފަދައިންނެވެ. 

ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހު، ޠަލްޙަތުގެފާނާއި ޒުބައިރުގެފާނާއި ޢާއިޝަތުގެފާނާ ވަރަށް ގިނަ ވާހަކަފުޅުތައް ދެއްކެވިއެވެ. ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހުގެ ވާހަކަފުޅު ނިމިވަޑައިގަތުމުން ޢާއިޝަތުގެފާނު އެކަލޭގެފާނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [މިކަމުގައި ކަލޭގެފާނުގެ ނިންމެވުމަކީ ކޮބައިތޯއެވެ؟] ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.  

[އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ އިހަށް ކަންތައްތައް ހަމަޖެހެންދެން މަޑުކޮށްލުމަށެވެ. ޢުޘްމާނުގެފާނުގެ ޤާތިލުން އިންޞާފުގެ ކުރިމައްޗަށް ގެނައުމަށް ވަގުތު ބޭނުންވާނެއެވެ. އުއްމަތުގައި ބައިބައިވުންތައް ނެތި އުއްމަތް އެއްގަލަކަށް އަރައި އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ އަތްޕުޅު މައްޗަށް ބައިޢަތު ހިފުމުން، ޢުޘްމާނުގެފާނުގެ ޤާތިލުންނާ ކުރިމަތިލުމަށް ވަރަށް ފަސޭހަވެގެންދާނެއެވެ. ތިޔަބޭފުޅުން  އަމީރުލް މުއުމިނީން ގެ އަތްޕުޅު މައްޗަށް ބައިޢަތު ހިއްޕަވައި އެކަލޭފާނަށް އެހީތެރިވެވަޑައިގެންފިނަމަ، އެއީ ހެޔޮކަމުގެ އިޝާރާތެވެ. އޭރުން އެކަލޭގެފާނަށް ޢުޘްމާނުގެފާނުގެ ޤާތިލުންގެ ފަރާތުން ބައްދަލު ހިއްޕަވަން ފަސޭހަފުޅުވާނެއެވެ. ނަމަވެސް ތިޔަބޭފުޅުން އެކަލޭގެފާނަށް ބައިޢަތު ނުހިއްޕަވައި ހަނގުރާމަ ކުރަން ޤަޞްދުކުރައްވައިފިނަމަ، އެކަމުގެ ސަބަބުން މުސްލިމުންގެ ދާޚިލީ ބާރު ވަރަށް ބޮޑަށް ދެރަވެގެން ދާނެއެވެ.] 

ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހުގެ ވާހަކަފުޅަށް ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނާއި، ޢާއިޝަތުގެފާނު ވަރަށް ބޮޑަށް ތާއީދު ކުރެއްވިއެވެ. އެބޭފުޅުން ޤަޢުޤާޢު ބުނު ޢަމްރޫ އާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [ކަލޭގެފާނު ތިޔަ ވިދާޅުވީ ޙައްޤު ތެދުފުޅެވެ. ޢަލީގެފާނު މިތަނަށް ވަޑައިގެން ކަލޭގެފާނު ތިޔަ ވާހަކަފުޅު ދެއްކެވިފަދައިން ވާހަކަފުޅު ދައްކަވައިފިނަމަ މިހާރު އުފެދިގެން މިއުޅޭ ފިތުނަގަނޑު މާތްﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހަމަޖެހިގެންދާނެއެވެ.]

 

ދެން ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހު ވަޑައިގެން އެބޭފުޅުން ޞުލްޙަވުމަށް ތައްޔާރަށް ތިއްބެވި ކަމަށް އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހަށް ޚަބަރު ދެއްވިއެވެ. ޚުދު އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު ވަޑައިގެން ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނާ ދެބޭފުޅުންނާ ވާހަކަފުޅު ދެއްކެވިއެވެ. އޭގެ ތިންބޭފުޅުންނަށްވެސް ފެނިވަޑައިގެންނެވި އެންމެ ރަނގަޅުގޮތަކީ ހަނގުރާމައަކަށް ނުގޮސް ދެބައިމީހުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުކުރުމެވެ. މިވާހަކަތަކަށްފަހު ޠަލްޙަތުގެފާނާއި، ޒުބައިރުގެފާނު، އެބޭފުޅުންގެ ލަޝްކަރުގެ ކޮމާންޑަރުންނަށް ހަނގުރާމަ ނުކުރުމަށް އަމުރު ކުރެއްވިއެވެ. ހަމަ މިބީދައިން އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުވެސް އެކަލޭގެފާނުގެ ލަޝްކަރުގެ ކޮމާންޑަރުންނަށް ހަނގުރާމަ ނުކުރުމަށް އެންގެވިއެވެ. ދެ ލަޝްކަރުގެ މީސްތަކުންވެސް އެރޭ ނިދަން އޮށޯތީ ޞުލްޙަ ޤާއިމު ކުރުމަށް އެބަސްވުމަށްފަހުގައެވެ.

 

މިއަދު އޮންލައިން