އަޅުގަނޑުގެ 4 އަހަރުގެ ކުޑަ ދަރިފުޅު، އަޅުގަނޑުގެ ބަސް ޤަބޫލުނުކޮށް މޫނުމަތީގަ ބަސްބުނާނަމަ ޙައްލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އަޅުގަނޑުގެ 4 އަހަރުގެ ކުޑަ ދަރިފުޅު، އަޅުގަނޑުގެ ބަސް ޤަބޫލުނުކޮށް މޫނުމަތީގަ ބަސްބުނާނަމަ ޙައްލަކީ ކޮބާ؟

އަޅުގަނޑުގެ 4 އަހަރުގެ ކުޑަ ދަރިފުޅު، އަޅުގަނޑުގެ ބަސް ޤަބޫލުނުކޮށް މޫނުމަތީގައި ބަސްބުނާނަމަ ޙައްލަކީ ކޮބާ؟ ދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ. އެހެންކަމުން އަދަބެއް ދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކުވެސް މިއީ އަޅުގަނޑަށް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. 

މިފަދަ މައްސލަތައް އެންމެ ބޮޑަށް ކުރިމަތިވަނީ ދަރިން ތަރުބިއްޔަތުންކުރަން ތިމާއަށް މާމޮޅަށް އެނގޭކަމަށް ޤަބޫލުކުރެވޭތީއެވެ. ދަރިން ތަރުބިއްޔަތުކުރުމާއިބެހޭ ގޮތުން ލިޔެފައިވާ ފޮތްތަކަށް މާބޮޑަށް އިތުބާރުކުރެވޭތީއެވެ. އަދި އުނގެނެން ފޮނުވޭ ސްކޫލުންދޭ ތަރުބިއްޔަތަށްވެސް މާބޮޑަށް އިތުބާރުކުރެވޭތީއެވެ. 

ހަމައެއާއިއެކު ދަރިން ކުރާ ކަންކަން މަނާކުރަން ފަސްޖެހެވުމާއި ދަރިންނާއި މުޢާމަލާތުކުރެވޭ ގޮތްވެސް މިކަމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. އެކަމުގެ ކުޑަކުޑަ މިޘާލެއް ބުނެފާނަމެވެ. ބައެއް ކުދިންގެ މިޒާޖު ހުންނަ ގޮތުން ގޭގައި ނުހިނގާ ކަމެއް ހިނގައިފިކަމަށް ބުނެފާނެއެވެ. މީހަކު ލޯބިން އަތްލާ ގޮތަކުން ނުރުހިއްޖެނަމަ ތަދުކޮށްފި ކަމަށް ބުނެފާނެއެވެ.

މިފަދަ ދޮގެއް ކުއްޖާ ހަދައިފިނަމަ ތިއައީ ދޮގުހަދާކުއްޖެކޭ ނުބުނާށެވެ! ވަރަށް ލޮބިން ބުނާށެވެ! "ދަރިފުޅާއެވެ! ދަރިފުޅު ފަދަ ބަސްއަހާ ސްމާޓް ކުދިން ނުވާކަމެއް ވެއްޖެ ކަމަކަށް ނުބުނާނެއެވެ. ތަދުނުކުރަނީސް ތަދުކޮށްފިކަމަކަށް ނުބުނާނެއެވެ."  

މިޘާލަކަށް ކޮއްކޮ ނުވަތަ ބޭބެއެއްގެ ގައިގައި ޖަހައިފާނެއެވެ. އެފަދަ ވަޤުތަކުވެސް ރިވެތިކޮށް ބުނާށެވެ! "ދަރިފުޅު ފަދަ ކޮއްކޮދެކެ ލޯބިވާ ކުދިން ކޮއްކޮ ގައަކު ނުޖަހާނެއެވެ. ކޮއްކޮއަށް ތަދުވީމާ އެންމެ ބޮޑަށް ދެރަވާނީވެސް ދަރިފުޅު ނޫންހެއްޔެވެ؟"

މިފަދަ ގޮތްގޮތުން ކުދިންގެ ޢުމުރާއި ގުޅޭ ގޮތަށް ރިވެތި ބަހުރުވައިން މުޢާމަލާތުކުރާށެވެ!

މިހުރިހާ ކަމަކަށްވުރެ މުހިންމުކަމެއް އެބައޮތެވެ! އެއީ ދަރިންނަށްޓަކައި ހެޔޮދުޢާކުރުމެވެ. ހަމައެއާއިއެކު ދަރިން ތަރުބިއްޔަތުކުރާނެ ގޮތުގެ ވިސްނުން ތިމާއަށް ދެއްވެވުން އެދިގެންނާއި ކަމެއް ކުރިމަތިވިނަމަވެސް ކެތްތެރިވެ އެކަމެއް ޙައްލުކުރެވޭނެ ރަނގަޅު ވިސްނުން ތިމާއަށް ދެއްވެވުން އެދިގެންވެސް ދުޢާކުރަންވާނެއެވެ.

މިކަމަކީ މިއަދު ގިނަ މައިންބަފައިން މުޅިން ހަނދުމަނެތިކޮށްލާފައިވާ ކަންކަމެވެ. ހަމައެއާއިއެކު ދެމަފިރިން އެކަކު އަނެކަކަށް ރިވެތި ގޮތުގައި މުޢާމަލާތުކޮށް ލޯބިން އުޅޭތަން ފެނުމަކީވެސް ދަރިންނަށް ރިވެތި ގޮތް ދަސްވެ ހެޔޮ ބަދަލުތައް އަންނަ ކަމެކެވެ.

އެންމެ ފަހު ބަހަކަށް ބުނެލަން ބޭނުންވަނީ ދެން އެހެން ގޮތެއް ނެތިގެއް އަދަބެއް ދިންނަމަވެސް ރުޅިމޫނު ދަރިންނަށް ދައްކައިގެން ކަންކަން ނުކުރާށެވެ! އަދި އަނިޔާއަކަށްވެދާނެ އެއްވެސް ކަމެއް ނުކުރާށެވެ! އުނދަގޫކުރާތީ ދުރައްލީނަމަވެސް ކޮއްޕައިނުލާށެވެ. މަޑުމަޑުން ދުރަށް ޖައްސައިލާށެވެ! އޯގާތެރިކަމާއިއެކު ޢަމަލުކުރާށެވެ! އިން ޝާ ﷲ ހެޔޮ ބަދަލުތައް ފެންނަން ފަށާނެއެވެ.

- އަލަފް

 

 

 

 

މިއަދު އޮންލައިން