ތަހައްޖުދް ނަމާދުކުރުމަކީ ފަރުޟް ނަމާދުތަކަށް ރައްކައުތެރިވާން އިތުރު ހިތްވަރުލިބޭ ކަމެއް!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ތަހައްޖުދް ނަމާދުކުރުމަކީ ފަރުޟް ނަމާދުތަކަށް ރައްކައުތެރިވާން އިތުރު ހިތްވަރުލިބޭ ކަމެއް!: ޢުމަރު ސުލައިމާން

ރަމަޟާންމަހަށްފަހު ރޭއަޅުކަން ނުވަތަ ތަހައްޖުދް ނަމާދުގެ ވާހަކަދެއްކުން ވެފައި އޮންނަނީ ވަރަށް ބީރައްޓެހި ކަމަކަށެވެ. އެއީ ގިނަބައަކު އެކަމަށް ސަމާލުކަން ނުދޭތީއެވެ. ރޭއަޅުކަން ނުވެސްކުރާތީއެވެ. 

އެހެންވެ ބައެއް މީހުން ބުނެއެވެ. "އަހުރެމެންނަށް މިއުޅެނީ ފަރުޟު 5 ނަމާދުވެސް ޤަވާއިދުން ނުކުރެވިގެންނެވެ. ވީއިރު ތަހައްޖުދް ނަމާދުގެ ވާހަކަދެއްކުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟"  

އެމީހުން އެބުނާ ބަހުގައި ބުރަދަނެއްވެއެވެ. އެހެނީ އެންމެ މުހިންމީ ފަރުޟު 5 ނަމާދުކުރުމެވެ. ސުންނަތް އަޅުކަން އަންނާނީ ފަރުޟު ނަމާދުގެ ފަހަތުންނެވެ. އެހެންކަމާއިއެކުވެސް މީހުންގެ ކިބައިން ލިބޭ މަޢުލޫމާތުގެ މައްޗަށް ބުރަވެހުރެ ބަހެއް ބުނެލާނަމެވެ.

ފަރުޟް 5 ނަމާދުކުރަން ބުރައަކަށްވެ ބައެއް ނަމާދުތައް ނުކުރެވޭ މީހުން، ދަމުނަމާދުކުރަން ފަށައެވެ. ދަމުނަމާދުގެ ފޮނިމީރުކަން އެމީހުންނަށް އިޙްޞާޞްކުރެވެން ފެށުމުން ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުން އިތުރުވެގެންދެއެވެ. އިސާހިތަކު އެމީހުންނަކީ ފަރުޟު 5 ނަމާދުކުރާ ބައަކަށް ބަދަލުވެގެންދެއެވެ.

އެކަން އެހެން އެވަނީ ސީދާ މިވެނި ސަބަބަކާއިހުރެކަން ބުނަން އުނދަގޫވެދާނެއެވެ. ނަމަވެސް އަހުރެންގެ ވިސްނުމުން ބަހެއް ބުނެލާނަމެވެ. އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ދަމުނަމާދުކުރަން ހިތް ޖެހުމެވެ. އެޙާލަތުގައި ދަމުނަމާދުގެ ފައިދާ އެމީހަކަށް ކުރާނީ ފަރުޟު 5 ނަމާދު އަދާކުރުމުންކަން ވިސްނެނީއެވެ. އެހެންވެ ފަރުޟު 5 ނަމާދު އަދާކުރަން ދެވޭ ސަމާލުކަން އިތުރުވެގެންދަނީއެވެ.

އެއްވެސް ޙާލެއްގައި މިއީ ފަރުޟްނަމާދުތަކަށް އިހްމާލުވަމުން ސުންނަތް ނަމާދުތަކަށް ރައްކައުތެރިވާން ބުނުމެއް ނޫނެވެ. ކުރިންވެސް ބުނި ފަދައިން ފުރަތަމަ ކަމަކަށް އޮތީ ފަރުޟު 5 ނަމާދު ބަރާބަރަށް ކުރަމުން ގެންދިއުމެވެ. ޚާއްޞަކޮށް ޖަމާޢަތުގައި ކުރަމުން ގެންދިއުމެވެ. މުސްލިމުންގެ ގޮތަކީ އެއީއެވެ.

ކޮންމެއަކަސް އަހުރެންގެ އާދޭހަކީ ރަމަޟާން މަސް ނިމުމުން ރޭއަޅުކަމާއި ދުރުހެލިނުވުމެވެ. ފަރުޟުތަކަށް ރައްކައުތުރިވުމެވެ. ހަމައެފަދައިން ތަހައްޖުދް ނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދުކަމަށްވާއިރު ތަހައްޖުދް ނަމާދަށްވެސް ރައްކައުތެރިވުމެވެ.

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން