މީޒާނުގަ ތިބާގެ ފަތް ކިރައިލެވޭ ވަޤުތު މިޔުޒިކުގެ ސަބަބުން ތިބާގެ ޢަމަލުތައް ފާފައިގެ ކޮޅަށް ބުރަވެގެންދާވަރު އެނގޭހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މީޒާނުގަ ތިބާގެ ފަތް ކިރައިލެވޭ ވަޤުތު މިޔުޒިކުގެ ސަބަބުން ތިބާގެ ޢަމަލުތައް ފާފައިގެ ކޮޅަށް ބުރަވެގެންދާވަރު އެނގޭހެއްޔެވެ؟: މުފްތީ މެންކް

އިސްލާމް ދީނުގައި ޙަރާމްކަންކަން މުސްލިމުންނަށް އެނގޭނެއެވެ. އެނގިތިބެވެސް ތިމާ އަށް ހިތްހަމަޖެހުން ލިބޭ ކަމެއްކުރަން ބޭނުންވުމުން އެކަމެއް އެބަކުރެއެވެ. ޢިލްމުވެރިއަކު ޙައްޤުބަސް ބުނެދީފިނަމަ ދައްކަނީ ކޮންމެވެސް ބަހަނާއެކެވެ.

މިއީ ވަރަށް ހިތާމަހުރިކަމެކެވެ. މިސާލަކަށް މިޔުޒިކް ނަގާށެވެ! މިޔުޒިކް ޙަރާމްކަމުގެ އިތުރުން ޕޮޕްސްޓާރުން ލައިގެން ތިބޭ ފޭރާމަށްބަލާށެވެ! ގިނައިން އެތިބެނީ ނިވާވެސް ނުއެވެ. ނުވަތަ ހަށިގަނޑުން ބޮޑު ބައެއް ދައްކައިގެންނެވެ.

އެހެންކަމާއިއެކުވެސް ގޭގެ ޓީވީން ބަލާކަށް ޖެހިލުމެއް ނުވެއެވެ. ގޭގެ އެންމެން ތިބެގެން ބަލަންވެސް ޖެހިލުމެއް ނުވެއެވެ. ކާރަށް އަރައިފިނަމަ އެންމެ ބޮޑު ސަމާލުކަމެއް ދެނީ މިޔުޒިކް އަޑުއެހުމަށެވެ. އަދި މިހާރު ވީޑިއޯވެސް ބަލައެވެ. ލަވައިގައި ފެންނަ ބަރަހަނާކަމުގެ އިތުރުން ކިޔާ ހަޑިމުޑުދާރު އަވަގުރާނަތައް އަޑުއެހުން އޮންނަނީ އެއްވެސް ކަމަކަށް ނުވެފައެވެ.

މީސްތަކުންނޭވެ! ލޮލުން ބަލަނީ ޙަރާމް މަންޒަރުތަކެވެ. ކަންފަތުން އަޑުއަހަނީ ޙަރާމް އަޑުތަކެވެ. މިޔުޒިކް އަޑުއަހާނަމަ ﷲ ތަޢާލާގެ މަތިން ހަނދުމައެއް ނުކުރެވޭނެއެވެ. އެފަދަ މީހެއްގެ ފަތް ޢަޛާބުގެ ކޮޅަށް ބުރަވެގެންދާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ! ޤިޔާމަތް ދުވަހު ފަތް މީޒާނުގައި ކިރައިލެވޭނެ ވަގުތު ކަންކަން ވެގެންދާނެ ގޮތް ނިކަން ހިތަށް އަރުވައިލަބަލާށެވެ!

އަހުރެންގެ އިލްތިމާސަކީވެސް އާދޭހަކީވެސް ޙަރާމް ބެލުންތަކުން ލޯތައް ސަލާމަތްކުރުމެވެ. ޙަރާމް އަޑުތަކުން ކަންފަތް ސަލާމަތްކުރުމެވެ. ލޮލާއި ކަންފަތާއި މުޅި ހަށިގަނޑުވެސް ނަރަކައިގެ ހޫނުކަންގަދަވެގެންވާ އަލިފާނުން ސަލާމަތްކުރަން މަސައްކަތްކުރުމެވެ. ސުވަރުގެއިން ލިބެން ހުރި އުފާތައް މާބޮޑުވާނެކަން ޤަބޫލުކޮށް ސުވަރުގޭގެ ނިޢްމަތްތަކަށް ދަހިވެތިކަން އިތުރުކުރުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން