ރަމަމާން މަހުގައި ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވީފަދައިން އެހެންމަސްތަކުގައިވެސް އެކަންކަން ނުކުރެވޭނަމަ ރަމަމާން މަހުގައި ހޯދުނު އެއްވެސް ކުރިއެރުމެއް ނެތް ވާހަކަ ވަރަށް ގިނައިން ބުނެވިއްޖެއެވެ. މިވާހަކަވެސް އަޑުއަހާށެވެ.
ރަމަޟާން މަހު ކުރާ ރޭ އަޅުކަމުގައި ކުރާ ދުޢާގައި ގިނަބައަކަށް ކަރުނައެޅެއެވެ. ގިސްލައި ރޮވޭ މީހުންވެސް މަދެއް ނޫނެވެ. އެއީ ތިމާކުރާ ދުޢާ ޢިޖާބަކުރެއްވެވުމަށް އެދެވޭ މިންވަރު ބޮޑުވުމުންނެވެ. ފާފަ ފުއްސަވައި ދެއްވެވުމަށް އެދެވޭ މިންވަރު ބޮޑުވުމުންނެވެ.
ގިނަ މީހުން އެންމެ ބޮޑަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރެވޭނީ ރަމަޟާން މަހުއެވެ. އެއީ އެމައްސަރުގައި ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދެވޭމިންވަރު ބޮޑުކަމުންނެވެ. އެއީ އެކަން ވާނެވެސް ގޮތެވެ! ރަމަޟާން މަހު އެމީހެއްގެ ފާފަތައް ފުއްސަވައި ނުދެއްވެވި އަޅަކު ވަނީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ޤަބޫލުކުރެވޭތީއެވެ.
ކަން މިފަދައިން އޮތް ނަމަވެސް ރަމަޟާން މަސްފަދައިން ހުރިހާ މަސްތަކެއްގައިވެސް ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދެންޖެހެއެވެ. ހަމައެކަނި ރަމަޟާން މަހު ކުރާ ދުޢާއިން ހުރިހާ ކަމެއް ޙާޞިލުކުރެވޭނެ ކަމަށް ބަލައިގެން ނުވާނެއެވެ. އަހަރުގެ 11 މަސްދުވަހު ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް ނުއެދި ހުންނަ މީހަކަށް ނުވަތަ އެކަމުގައި އިހްމާލްވާ މީހުންނަށް އަންނާނީ ކޮން ރަމަމާން މަހެއް ހެއްޔެވެ؟
ﷲ ތައލާއަށް އަޅުކަންކުރަން އޮތީ ދުޢާކޮށް ކަރުނައަޅަން އޮތީ ހަމައެކަނި ރަމަޟާން މަހަކު ނޫނެވެ. ބާލިޣްވީންސުރެ މަރުވެއްޖައުމަށްދާންދެނެވެ. މިއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ:
""ފަހެ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ޙަމްދާއިއެކު ތަސްބީޙް ވިދާޅުވާށެވެ! އަދި ސަޖިދަކުރާ މީހުންގެ ތެރެއިން ކަލޭގެފާނުވެވަޑައިގަންނަވާށެވެ!" (އަލްޙިޖްރް: 98)
"އަދި ކަލޭފާނުގެ އަރިއަހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާންދެން ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް އަޅަންކުރައްވާށެވެ!" (އަލްޙިޖުރު: 99)
މީސްތަކުންނޭވެ! ރަމަޟާން މަހަށް ފަހުގައިވެސް ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކަށް ރައްކައުތެރިވާށެވެ! ނަމާދުގައި ޚުޝޫޢަތްތެރިވާން ގަދައަޅައި މަސައްކަތްކުރާށެވެ! ނަމާދުގައި ކިޔަވާ ޤުރްއާނާއި ކުރާ ޛިކުރުތަކާއި ދުޢާތައް ފަތިފައްޗަށް އަމުނާނުލާށެވެ! ތިމާ ހުއްޓި މިހުރީ ﷲ ތަޢާލާގެ ޙަޟްރަތުގައިކަން ހަނދާންކޮށް ލަސްލަހުން ކިޔަވާށެވެ! އެންމެ ރިވެތިގޮތުގައި މަޑުމައިތިރިކަމާއެކު އަދި އަދަބުވެރިކަމާއިއެކު ކުރަމުން ގެންދާށެވެ! ކުރެވޭ ނަމާދު ފުރިހަމަ ނަމާދަކަށަވާނީ އެއިރުންނެވެ.
ރަމަޟާން މަސް ފަދައިން އެހެން ދުވަސްތަކުގައިވެސް އަމިއްލަ ނިކަމެތިކަން ހިތަށް ގެނެސް ދުޢާކުރުން ގިނަކުރާށެވެ! ނިކަމެތިކަން ބަޔާންކޮށް ލޮލުން ކަރުނައަޅަން މަސައްކަތްކުރާށެވެ! ތަޤްވާވެރިވުމަކީ އެއީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން