ޢާއިޝަތުގެފާނުގެ ސީރަތު: ސަބައީންގެ ކެހިވެރިކަމުގެ ސަބަބުން ޢަލީގެފާނާއި ޢާއިޝަތުގެފާނުގެ ލަޝްކަރުގައި ހަނގުރާމަ ހިނގަން ފެށުން-

ކިޔުމަށް ހޭދަވާނީ 7މ 2ސ
ޢާއިޝަތުގެފާނުގެ ސީރަތު: ސަބައީންގެ ކެހިވެރިކަމުގެ ސަބަބުން ޢަލީގެފާނާއި ޢާއިޝަތުގެފާނުގެ ލަޝްކަރުގައި ހަނގުރާމަ ހިނގަން ފެށުން-

- ޢަލީ އިޙްޞާން ފިރާޤް -

 

ޖަމަލު ހަނގުރާމަ

އަސްތާ މިހިރަ ފެންނަނީ، ހަނގުރާމައިގެ ފަސްމަންޒަރޭ

         އިޞްލާޙު ކުރަން ވަޑައިގެންނެވީ، ފެނިވަޑައިގެން ކަންތަކޭ

އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ ލަޝްކަރުގެ ތެރޭގައި ޢުޘްމާނުގެފާނު ޝަހީދުކޮށްލުމުގައި ސީދާގޮތުން ބައިވެރިވި މީހުންވެސް ތިއްބެވެ. އެއީ އިބްނު ސަބާއާ އޭނާގެ އެކުވެރިންނެވެ. އެބައިމީހުންނަށް އެ ރޭ ވީ ޙަޔާތުގައިވެސް އައި އެންމެ ނުބައި ރެޔަށެވެ. އެހެނީ އެ ދެ ލަޝްކަރުގެ ދެމެދުގައި ޞުލްޙަ ޤާއިމުވެއްޖެނަމަ، ހުރިހާ ގެއްލުމަކާ ހަލާކެއް އުފުލަން ޖެހޭނެ ބަޔަކީ އެބައިމީހުން ކަމުގައިވާތީއެވެ. އެބައިމީހުން އެރޭ ހޭދަކުރީ މަޝްވަރާކުރުމުގައެވެ. އަލުން ދެލަޝްކަރުގެ ދެމެދުގައި ހަނގުރާމަ ހިނގާނެ ގޮތެއް ތަދުބީރު ކުރުމުގައެވެ. 

އެބައިމީހުން މަޝްވަރާ ކުރުމަށްފަހު އަނެއްދުވަހު ހެނދުނު މޫނު އަނދިރިކޮށް ހުއްޓައި ޢާއިޝަތުގެފާނާއި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނުގެ ލަޝްކަރުގެ މީސްތަކުންނާ ޙަމަލަދޭން ފަށައިފިއެވެ. ބަޞަރާގެ މީސްތަކުންވެސް އޭގެ ރައްދުގައި ޙަމަލަދޭން ފަށައިފިއެވެ. ސަބައީންގެ މީސްތަކުން ގެންދިޔައީ ދެލަޝްކަރުގެ ދެމެދުގައި ހަނގުރާމަ ހިނގާނެހެން ފިތުނައިގެ ވާހަކަތައް ދައްކަމުންނެވެ. ދެ ލަޝްރަކަރުގެ ދެމެދުގައި ފިތުނަޔާއި އަލިފާނުގެ ހުޅުރޯކުރަމުންނެވެ. އެބައިމީހުން ބުނަމުން ގެންދިޔައީ އެންމެ ފުރަތަމަ ހަނގުރާމަފެށީ ޢާއިޝަތުގެފާނުގެ ލަޝްކަރުގެ މީސްތަކުންކަމުގައެވެ. ސަބައީންގެ ރޭވުން ވަރަށް ކާމިޔާބެވެ. އެބައިމީހުންގެ ރޭވުމާ އެއްގޮތަށް މުސްލިމުންގެ ބޮޑު ދެލަޝްކަރުގެ ދެމެދުގައި ހަނގުރާމަ ހިނގަން ފަށައިފިއެވެ. އިސްލާމީ ތާރީޚުގައި މި ހަނގުރާމަ މަޝްހޫރުވެފައިވަނީ ޖަމަލު ހަނގުރާމައިގެ ނަމުންނެވެ.

މި ހަނގުރާމައަށް ޖަމަލު ހަނގުރާމައޭ ކިޔުނީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ޖަމަލެއްގެ މައްޗަށް ސަވާރުވެވަޑައިގެން ހަނގުރާމަ ހިނގި މައިދާނަށް  ވަޑައިގެންނެވުމުގެ ސަބަބުންނެވެ. އެކަމަށް ނިސްބަތްކޮށެވެ.  އެދުވަހު އެކަމަނާ ސަވާރުވެވަޑައިގެން އިންނެވީ ޔަޢުލާ ބިން އުމައްޔަތު   މައްކާގައި އެކަމަނާ އިންނަވަނިކޮށް ދެއްވި ޖަމަލަކަށެވެ. އޭނާ އެޖަމަލު ގެނައީ ޔަމަނުންނެވެ. އެކަމަނާ މައްކާއިން ބަޞަރާއަށް ވަޑައިގެންނެވީ އެޖަމަލަށް ސަވާރުވެވަޑައިގެންނެވެ. ޖަމަލު ހަނގުރާމާ ހިނގީ ހިޖުރައިން 36 ވަނަ އަހަރުގެ ޖުމާދުލްއޫލާ މަހުގެ ތެރޭގައެވެ.

ހަނގުރާމަ ފެށުމާއެކު ޢަލީގެފާނު އެކަލޭގެފާނުގެ ލަޝްކަރުގެ މީސްތަކުންނަށް ނަޞޭޙަތްދެއްވައި ހަނގުރާމަ ހުއްޓުމަށް އަމުރު ކުރެއްވިއެވެ. ނަމަވެސް އެބައިމީހުން އެކަލޭގެފާނުގެ އަޑުފުޅެއް ނޭއްސެވިއެވެ. ހަމަ އެފަދައިން ޠަލްޙަތުގެފާނާއި ޒުބައިރުގެފާނުގެވެސް އެބޭކަލުންގެ ލަޝްކަރުގެ މީސްތަކުންނަށް ހަނގުރާމަ ހުޓައިލުމަށް އެންގެވިއެވެ. ޢަލީގެފާނާއި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު އެބޭކަލުންގެ ލަޝްކަރުގެ މީސްތަކުންނާ މުޚާޠަބު ކުރަވައި ވިދާޅުވިއެވެ.

[ހަނގުރާމައިގެ މައިދާނުން ފިލައިގެންދާ މީސްތަކުން ޤަތުލު ނުކުރާށެވެ. ޒަޚަމުވެފައިވާ މީސްތަކުންވެސް ޤަތުލުކޮށްގެން ނުވާނެއެވެ. ހަނގުރާމައިގެ މައިދާން ދޫކޮށްދާ އެއްވެސް މީހެއް ފަހައި ދުވެގެން ނުވާނެއެވެ. އަދި ހަނގުރާމަ ނުކުރާ މީހަކާ ހަނގުރާމަ ކޮށްގެންވެސް ނުވާނެއެވެ.] 

ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު ޝަހީދުވުން: 

މި ހަނގުރާމައިގެ ތެރޭގައި އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ލަޝްކަރުގެ އެންމެ އިސްކޮމާންޑަރުން ކަމުގައި ހިމެނިވަޑައިގަންނަވާ ޠަލްޙަތު ބިން ޢުބައިދުއްﷲ ރަޟިޔަﷲ ޢަންހާއި ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހުއާ ދެބޭފުޅުން ޝަހީދުވިއެވެ. ޠަލްޙަތު ބިން ޢުބައިދުއްﷲ ރަޟިޔަﷲ ޢަންހު ޝަހީދުވީ، މީހަކު އެކަލޭގެފާނުގެ ހަށިކޮޅަށް އަމާޒުކޮށް ޖެހި ދުންޏެއްގެ ސަބަބުން އުފެދުނު ޒަޚަމެއްގައެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ ހަށިކޮޅުން ވަރަށް ގިނައިން ލޭފޮދު އޮހެރިގެން ދިޔައެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް ލިބިވަޑައިގެން ޒަޚަމަށް ފަރުވާދެއްވުމަށްޓަކައި ބަޞަރާގެ ގެއަކަށް ގެންދެވުނެވެ. ޝަހީދުވީ އެގެކޮޅުގައި އޮންނަވައެވެ. 

އެނގިވަޑައިގަންނަވާނެ ފަދައިން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި ޠަލްޙަތު ބިން ޢުބައިދުއްﷲ ރަޟިޔަﷲ ޢަންހާއި ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު ވަނީ އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުއާ ޞުލްޙަވެވަޑައިގެންނެވުމަށް އެއްބަސްވެވަޑައިގެންފައެވެ. ޙަޤީޤަތުގައި އެ ހަތަރުބޭފުޅުންވެސް ހިތްޕުޅުގެ އަޑީން އެދިވަޑައިގަންނަވަމުން ގެންދެވީ ޞުލްޙަވެރިކަމަށެވެ. ނަމަވެސް ދެލަޝްކަރުގެ ދެމެދުގައިވާ އަޑި ނުބައިމީހުންގެ ސަބަބުން ބޮޑު ހަނގުރާމައެއް ފެށުނީއެވެ. 

ހަނގުރާމަ ފެށުމުން ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހުވެސް ހަނގުރާމައިގެ މައިދާން ދޫކުރައްވައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެދިވަޑައިގެންނެވި ގޮތަށް މީސްތަކުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުވެގެން ނުދިޔުމުންނެވެ. 

އެކަލޭގެފާނު ވަޑައިގަންނަވާ މަންޒަރު عمرو بن جرموز އޭ ކިޔުނު އަބާއްޖަވެރިއަކަށް ފެނިގެން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. 

عمرو بن جرموز އެކަލޭގެފާނާ ބައްދަލުކުރެއްވީ وادي السباع ގައެވެ. އޭނާ އެކަލޭގެފާނާއެކު ވާހަކަދަންކަން ހުރެފައި ނަމާދު ވަގުތުވުމުން الزُّبَيْرُ بن العَوَّام رضى اللّـه عنــه އިމާމުވެވަޑައިގެން ނަމާދުކުރައްވަން ފެއްޓެވުމުން ކެހިވެރި ގޮތެއްގައި އެކަލޭގެފާނަށް ޙަމަލަދީ ޝަހީދުކޮށްލައިފިއެވެ. 

عمرو بن جرموز، الزُّبَيْرُ بن العَوَّام رضى اللّـه عنــه ޝަހީދުކޮށްލުމަށްފަހު އެކަލޭގެފާނުގެ އިސްތަށިފުޅު ކަނޑައިގެން أمير المؤمنين علي بن أبي طالب رضى اللّـه عنــه ގެ އަރިހަށް ދިޔައެވެ. އެއީ އެކަމުގެ ސަބަބުން أمير المؤمنين ގެ ގާތްކަން ހާސިލުވާނެ ކަމަށް އުއްމީދުކޮށް ގެންނެވެއެވެ. ނަމަވެސް أمير المؤمنين علي بن أبي طالب رضى اللّـه عنــه، އަށް الزُّبَيْرُ بن العَوَّام رضى اللّـه عنــه ޝަހީދުކޮށްލި ޚަބަރު ލިބުމުން ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އެކަލޭގެފާނުގެ އަރިހަށް عمرو بن جرموز ވަނުމުގެ ހުއްދައެއްވެސް ނުދެއްވިއެވެ. أمير المؤمنين علي بن أبي طالب رضى اللّـه عنــه ވިދާޅުވިއެވެ. 

[ޞަފިއްޔާގެ ދަރިކަލުން ޤަތުލުކުރާ މީހަކަށް ނަރަކައިގެ ގަދަފަދަ ޢަޛާބު ހުރިކަމުގެ އުފާވެރި ޚަބަރު ދޭށެވެ.] އެއަށްފަހު أمير المؤمنين علي بن أبي طالب رضى اللّـه عنــه ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވި އަޑު އެހީމެވެ. [ކޮންމެ ނަބީބޭކަލަކަށްވެސް ޙަވާރީންވެއެވެ. އަހުރެންގެ ޙަވާރީއަކީ ޒުބައިރެވެ.] 

ބައެއް ރިވާޔަތްތަކުގައި ވާގޮތުން أمير المؤمنين علي بن أبي طالب رضى اللّـه عنــه ގެ ޚިލާފަތުގެ ދުވަސްވަރުގެ ތެރޭގައި عمرو بن جرموز އަމިއްލަޔަށް މަރުވީއެވެ. އިތުރު އެހެން ރިވާޔަތެއްގައިވަނީ الزُّبَيْرُ بن العَوَّام رضى اللّـه عنــه ގެ ދަރިކަލުން مصعب ޢިރާޤުގެ ގަވަރުނަރަކަށް ހުންނެވި ދުވަސްވަރުގައިވެސް عمرو بن جرموز ދުނިޔޭގައި އުޅުނު ކަމަށެވެ. ކޮންމެވެސް މީހަކު އޭނާގެ ޚަބަރު مصعب އަށް ދެއްވުމުން ވިދާޅުވިއެވެ. [ޒުބައިރުގެފާނުގެ ބަދަލުގައި އަހަރެން އޭނާ ޤަތުލުކުރާކަށް ބޭނުމެއް ނޫނެވެ. ޒުބައިރުގެފާނުގެ ބަދަލުގައި ޤަތުލުކުރުމަށްވުރެ އޭނާގެ ގަދަރު މާކުޑައެވެ.]

މިއަދު އޮންލައިން