ދެމަފިރިން ވަކިވިޔަސް ނަމާދުކުރާ ކުދިންގެ ގޮތުގަ ދަރިން ތަރުބިއްޔަތުނުކޮށް ޤިޔާމަތް ދުވަހު ޒިންމާއަކުން ނުރެކެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދެމަފިރިން ވަކިވިޔަސް ނަމާދުކުރާ ކުދިންގެ ގޮތުގަ ދަރިން ތަރުބިއްޔަތުނުކޮށް ޤިޔާމަތް ދުވަހު ޒިންމާއަކުން ނުރެކެވޭނެ!

މިހާރަކަށް އައިސް ދެމަފިރިން ވަކިވުމަށްފަހު ދަރިން ނަމާދުކުރޭތޯ ބަލައިލާ ބައްޕައިން ވަރަށް މަދެވެ. އެހެނަސް ފިރިހެން ދަރިން މިސްކިތުގެ ޖަމާޢަތަށް ގެންދިއުމަކީ ބައްޕަގެ ޒިންމާއެކެވެ. އަދި އަންހެން ދަރިން ގޭގައި ނަމާދުކުރޭތޯ ބެލުމަކީވެސް ބައްޕަގެ ޒިންމާއެކެވެ. 

ދެމަފިރިން ވަކިވުމަށްފަހު ދަރިންނަށް ނުފެނި އުޅޭ ބައްޕައިންނަކީ މަދުބައެއް ނޫނެވެ. އެއީ ދަރިންނަށް ދޭންޖެހޭ ޚަރަދުވެސް ނުދޭންވެގެންނެވެ. މިއަދު ދަރިންނަށް ޚަރަދުނުކޮށް، ދަރިން ނަމާދުކުރިތޯ ނުބަލައި، ދަރިން ނަމާދަށް ނުގެންގޮސްވެސް މިދުނިޔޭގައި އުޅެވިދާނެއެވެ. ނަމަވެސް ބަނދެވި ކަސްތޮޅު އެޅުވޭ ދުވަސް ބައްދަލުކުރާނެއެވެ!    

ފިރިހެން ދަރިންނަށް މިސްކިތަށް ނުދެވޭނަމަ (ދަރިފުޅު ހުރީ މަންމަގާތުގައި ކަމަށްވާނަމަ) ގޭގައި ނަމާދުކުރުވުމާއި އަދި އަންހެންދަރިން ލައްވައި ގޭގައި ނަމާދުކުރުވުމަކީ މަންމަގެ ޒިންމާއެކެވެ. އެހެންކަމުން ދަރިން ލައްވައި ނަމާދުކުރުވުމުގެ މަސްއޫލިއްޔަތަކީ ބައްޕައާއި މަންމަވެސް އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ. 

ކުއްޖާގެ ޢުމުރުން ހަތްއަހަރުވުމުން ނަމާދު ކުރުމަށް އަމުރު ކުރަން ޖެހެއެވެ. އަދި ދިހަ އަހަރުވުމުން ނަމާދު ނުކޮށްފިނަމަ އަދަބު ދީގެން ނަމަވެސް ނަމާދު ކުރުވަން ޖެހެއެވެ. މިއީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. މިމަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރިތޯ ގިޔާމަތް ދުވަހުގައި ސުވާލު ކުރެވޭނެއެވެ.

މިގޮތުގައި ކުއްޖާ ތަރްބިއްޔަތު ކުރެވިފައިވާނަމަ، ބޮޑުވެގެންވެސް ނަމާދަށް ފަރުވާތެރިވާނެއެވެ. ފަރުވާތެރި ނުވުމުގެ މާނައަކީ ތަރްބިއްޔަތުގެ މައްސަލަ އެކެވެ. ދެމަފިރިން ވަރިވެފައި ތިބިނަމަވެސް، ދަރިންގެ ތަރްބިއްޔަތަށް މަސައްކަތް ކުރުމަކީ ދެމަފިރިންގެވެސް ޛިންމާ އެކެވެ. 

- އަލަފް  

 

 

 

މިއަދު އޮންލައިން