ޒަވާޖީ ޙަޔާތް އުފާވެރިކުރެވޭނީ އަނެކާއަށް ދޫދިންވަރަކުން! ދޫދޭން ފަސްޖެހޭ މީހަކަށް އެމީހާ ބޭނުންވާ ގޮތް ކާމިޔާބުކުރަން އުނދަގޫވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޒަވާޖީ ޙަޔާތް އުފާވެރިކުރެވޭނީ އަނެކާއަށް ދޫދިންވަރަކުން! ދޫދޭން ފަސްޖެހޭ މީހަކަށް އެމީހާ ބޭނުންވާ ގޮތް ކާމިޔާބުކުރަން އުނދަގޫވާނެ!

މުސްލިމުންގެ ކައިވންޏަކީ ޙަޔާތުގެ އެންމެ މުހިންމު ބިންގަލެވެ. އެހެނީ އެމީހެއްގެ ދިރިއުޅުމުގެ ކާމިޔާބީ އާއި ނާކާމިޔާބީ ވަނީ ކައިވެންޏާއި ވަރަށް ބޮޑަށް ގުޅިފައެވެ. އެހެނީ ކޮންމެ މީހަކަށްވެސް ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެވޭނެ މިންވަރު ވަނީ ކައިވެނީގެ ކާމިޔާބީ އާއި ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. 

ކައިވެނި ކާމިޔާބުވެ އުފަލުގައި ދިރިއުޅެވޭނަމަ ދަތިޙާލުގައި އުޅެންޖެހުނަސް އުޅެނީ އުފާވެރިކަމުގައެވެ. ހަމައެފަދައިން ކިތަންމެ ތަނަވަސް ނަމަވެސް އުފާވެރި ޒަވާޖެއް ލިބިފައިނުވާ މީހުން ދިރިއުޅެނީ ހިތްހަމަނުޖެހުމުގައެވެ. ކަންބޮޑުވުމުގައެވެ. 

އެހެންކަމުން ކައިވެނިކުރެވުމާއިއެކު ދެމީހުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ އެކަކު އަނެކަކު ދެނެގަތުމަށެވެ. އަނެކާ ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ކުރުމަށެވެ. ކަންކަމުގައި އަނެކާ ބޭނުންވާ ގޮތް ދެނެގަންނަންވާނެއެވެ. 

މިއީ ގިނަބައަކަށް އިހްމާލުވެވޭ ކަމެކެވެ. އަދި ތިމާ ބޭނުންވާ ގޮތަކީ އެކަމެއް ވާންޖެހޭނެ ގޮތްކަމަށް ޤަބޫލުކުރެވުން ގިނައެވެ. މިއީ އެއްވެސް ޙާލެއްގައި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެހެންކަމުން ދޫދޭންޖެހޭ ކަންކަމުގައި ދޫދޭންވާނެއެވެ. ދޫދިނުމަކީ ދެރަވެ ނިކަމެތިވުމެއް ނޫނެވެ. އެއީ ކާމިޔާބީއެވެ. އެހެނީ ދޫދިނުމުން އަނެކާގެ ހިތުގައި އުފެދޭ ލޯބި ބޮޑުވެ ތިބާ ބޭނުންވާ ގޮތަށް ފަހުން ކަންކަން ބަދަލުކުރުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. 

ދޫދޭންޖެހޭ ޙާލަތްތަކުގައި ދޫނުދެވޭނަމަ ކަންކަން މަޑުމަޑުން ނަފްރަތަށް ބަދަލުވާންވެސް ފަށައެވެ. ބައިވެރިޔާ އާއިއެކު ދިރިއުޅެވިދާނެ ކަމާއިމެދު ޝައްކުތައް ކުރެވެން ފަށައެވެ. މިއީ ކައިންޏެއް ކާމިޔާބުކުރަން ހުރަސްއެލިގެންދާ އެއް ސަބަބެވެ. 

ހަމައެއާއިއެކު ފާހަގަކުރަންޖެހޭ އަނެއް ކަމަކީ ދޫނުދީ ބާރުގެ ބޭނުންކުރާނަމަ އެކަމެއް އެމީހަކު ބޭނުންވާގޮތަށް ފުދުނަސް އެކަމުގެ ފޮނިމީރުކަމެއް ނުލިބޭނެއެވެ. އިޚްލާޞްތެރިކަމެއްވެސް ނުލިބޭނެއެވެ. ޙާޞިލްކުރެވޭނީ ކަމަކަށް ކަމެކެވެ. އެހެންކަމުން ލިބެންވާ ހިތްހަމަޖެހުމާއި ގާތަކަށްވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ! 

ވީމާ ކައިވެންޏަށްފަހު ފުރަތަމަ ކަމަކަށްވެސް ދެމީހުން ލޯބިން އޯގާތެރިކަމާއިއެކު ވާހަކަދައްކާށެވެ. މަޝްވަރާކުރާށެވެ. އެހެނީ ކައިިވެނީގެ ކުރިން ހުންނަ ވިސްނުމާއި ކައިވެންޏަށްފަހު ހުންނަ ވިސްނުން ގިނަފަހަރަށް ބޮޑުތަނުން ބަދަލުވެގެންދާނެއެވެ. އަދި ދެމީހުން ގުޅިގެން، ނުވަތަ ލޯބިވެގެން އުޅުނުއިރު ބޭނުން ނުވާ އެތައް ކަމަކަށް ކައިވެންޏަށްފަހު ބޭނުންވާނެތީއެވެ. 

- އަލަފް

މިއަދު އޮންލައިން