ހަމަޔަޤީނުންވެސް ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅަކު ކަމުގައި ވެވިއްޖެ ނަމަ އެއްވެސް ކަމެއް މަދުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އުފަލާއި ހިތްހަމަޖެހުން ނުލިބިގެން އުޅޭކަށްވެސް ނުޖެހޭނެއެވެ. އިން ޝާ ﷲ
އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ތިމާއަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަލަކުކަމުގައިވުމެވެ. މިބަޔާންކުރަނީ އެފަދަ މީހަކަށް ވެވެން އޮތް 7 މަގެވެ. ނުވަތަ އެފަދަ މީހަކަށްވުމަށްޓަކައި ކުރަން އޮތް 7 ކަންތަކެވެ.
ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންވާ 4 މީހުންނަކީ:
1 ﷲ ތައާލާއަށްޓަކައި އެހެން މީހަކު ދެކެ ލޯބިވާ މީހާ
މިބައިގައި ހިމެނެނީ ދީންވެރި، ތަޤްވާވެރި، ދީން އުނގެނޭ، ދީން މަތިވެރިކުރަން މަސައްކަތްކުރާ، ޞަދަޤާތްކުރާ މީހުން ފަދަ މީހުން ދެކެ ލޯބިވުމެވެ.
2 އެހެން އެއްވެސް ބޭނުމެއް ނެތި ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން ބައްދަލުވުން ބާއްވައި ބައްދަލުވެ އުޅޭ މީހުން
އެހެންވެ ޢުމަރު ބިން ޢަބްދުލްޢަޒީޒް ދުވަހުގެ މަސައްކަތްޕުޅު ނިންމަވައިލެއްވެވުމަށްފަހު ދީނުގެ ޢިލްމްވެރިން އެއްކުރައްވަވައި މަޖިލިސްކުރެއްވެވިއެވެ.
3 ﷲ ތަޢާލާއަށްޓަކައި އެހެން މީހުންނަށް ޒިޔާރަތްކުރާ މީހުން
4 ﷲ ތަޢާލާގެ މަގުގައި ހޭދަކުރާ މީހުން
މިބައިގައި ހިމެނެނީ ހަމައެކަނި ފައިސާ އާއި މުދައު ހޭދަކުރާ މީހުންނެއް ނޫނެވެ. ޙާލުގައި ޖެހިފައިވާ މީހުންނާއިއެކު އެމީހުންނަށް ޚިދުމަތްކޮށްދޭން ވަގުތު ހޭދަކުރާ މީހުންވެސް ހިމެނެއެވެ. 5 ސުންނަތް ނަމާދުކުރާ މީހުން
6 ގިނަގިނައިން ތައުބާވާ މީހުން
7 އެހެން މީހުންނަށް އެހީތެރިވުމުގައި ދެމިހުންނަ މީހާ
މިބައިގައި ހިމެނެނީ ވަކި މީހަކަށް ބެލުމެއް ނެތި ﷲ ތަޢާލާއަށްޓަކައި އެހެން މީހުންގެ ބޭނުންތައް ފުއްދައިދީ އެހީތެރިވެދޭ މީހުންނެވެ.
--ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން