ޒުވާން ޞަހާބީއަކު ނަޞޭޙަތަކަށް އެދިވަޑައިގަތުމުން 3 ފަހަރު ތަކުރާރުކުރެއްވެވި ނަޞޭޙަތް- ޢަމަލުނުކުރުން މުޅި ދިރިއުޅުމުގަ އަލިފާންޖެހޭ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޒުވާން ޞަހާބީއަކު ނަޞޭޙަތަކަށް އެދިވަޑައިގަތުމުން 3 ފަހަރު ތަކުރާރުކުރެއްވެވި ނަޞޭޙަތް- ޢަމަލުނުކުރުން މުޅި ދިރިއުޅުމުގަ އަލިފާންޖެހޭ ކަމެއް!: މުފްތީ މެންކް

ފުރަތަމަވެސް ނިކަން ވިސްނާލަބަލާށެވެ! ރަސޫލް ﷺ ގެ އަރިއަހުން ނޞޭޙަތަކަށް އެދިވަޑައިގެން ޞަހާބީއަކު ދެންނެވުމުން ވިދިވިދިގެން 3 ފަހަރު އެއްކަމެއް ކުރަން ޙަދީޘްފުޅު ކުރައްވަވާނީ އެކަމެއް ކުރުމުގެ މުހިންމުކަން ކިހައި ބޮޑުވީމައި ހެއްޔެވެ؟

ޒުވާން ޞަޙާބީއަކު ރަސޫލް ﷺ ގެ އަރިއަހުން ހެޔޮ ނަޞޭޙަތްފުޅަކަށް އެދިވަޑައިގަތުމުން ޙަދީޘްފުޅުކުރެއްވެވީ ރުޅި ނައުމަށެވެ. (Don’t get Angry!) ޞަޙާބީ 3 ފަހަރުމަތިން އެދިވަޑައިގަތުމުންވެސް ޙަދީޘްފުޅު ކުރެއްވެވީ ހަމައެފަދައިންނެވެ.

މިއަދު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ އަމިއްލަ ގޭތެރެއިން ނަމަވެސް ކިތަންމެ ކުޑަކަމެއް ދިމާވި ނަމަވެސް މިއޮންނަނީ ފުރަތަމަކަމަކަށް ރުޅި އާދެވިފައެވެ. ދުލުން ނުބައި ބަސްތައް ބުނެވިފައެވެ. އަތް އިސްކުރެވިފައެވެ. އަމިއްލައަށް ބުރަ މަސައްކަތްކޮށްގެން ހޯދާފައި ހުންނަ ތަކެތިވެސް އެބަ ހަލާކުކުރެވެއެވެ.

މިފަދަ ކަންކަން މިގޮތަށް ކުރެވެނީ ރުޅިއަންނަ ވަޤުތު ޝައިޠޯނާ އެމީހެއްގެ މައްޗަށް ވެރިވެ ގަނެ އެމީހާގެ ކޮންޓްރޯލް ޝައިޠޯނާގެ ބާރުގެދަށަށް ގެނުވާތީއެވެ. މިޒަމާނުގެ ބަހުރުވައިންނަމަ އެމީހާގެ ރިމޯޓް ޝައިޠޯނާގެ އަތަށް އަރާތީއެވެ. ޝައިޠޯނާ ބޭނުންވާ ގޮތަކަށް ކަންކަން ކުރުވަނީއެވެ.

މީސްތަކުންނޭވެ! ރުޅި އައުމާއި ދުލުން ނުބައި ބަސްތައް ބުނުމާއި އަތް އިސްކުރުން ފަދަ ކަންކަމަށް ބިރުވެތިވާށެވެ! ރުޅި އައުމުގެ ހުރި ނުބައިކަން ހިތަށް ގެންނާށެވެ! ރުޅި އިސްނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން