އެންމެ ފައިދާބޮޑު 3 ކަންތައް ޙާޞިލުކުރެވޭނެ، ހެޔޮ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލު-: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެންމެ ފައިދާބޮޑު 3 ކަންތައް ޙާޞިލުކުރެވޭނެ، ހެޔޮ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލު-: ޝައިޚް އަބޫބަކުރު ޒައުދު

ހެޔޮ ޢަމަލުތައް ބައިވަރެވެ. އެޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލަކާއިމެދު މީސްތަކުން ސުވާލުކުރެއެވެ. މިއީ ސީދާ ޖަވާބުދޭން އުނދަގޫވެސް ސުވާލެކެވެ. ނަމަވެސް އެންމެ ހެޔޮ ޢަމަލު އެނގިގެންދާ ގޮތްތަކެއް އެބަހުއްޓެވެ.

އަހުރެންގެ ވިސްނުމުގައި އެއީ ޞަދަޤާތެވެ. ޞަދަޤާތް ކުރުމުން ﷲ ތަޢަލާގެ ކޯފާއިން ސަލާމަތްކުރައްވަވަތެވެ. ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދެއެވެ. ނަރަކައިގެ އަލިފާނުން ސަލާމަތްކުރައްވަވަތެވެ.

އަބޫ ޛައްރު އިސްލާމްވެވަޑައިގަތުމަށްފަހު ކުރައްވަންވީ ޢަމަލުފުޅަކާއި ބެހޭ ގޮތުން ސުވާލުދެންނެވިހިނދު ޙަދީޘްފުޅު ކުރެއްވެވީ "ﷲ ތަޢާލާ ދެއްވެވި ތަކެތިން މިންވަރެއް" ޞަދަޤާތް ކުރެއްވުމަށެވެ.

މި ހަދީޘްފުޅަށް ބެލުމުން އެނގިގެންދަނީ ޞަދަޤާތްކުރުމަކީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަން އެކުގައި ޞަދަޤާތްކުރުން ނޫންކަމާއި އެއިން މިންވަރެއް ޞަދަޤާތްކުރުން ކަމެވެ. ވީމާ މިއީ އެއްވެސް މީހަކަށް ކުރަން ބުރަ ކަމަކަށްވެގެން ނުވާނެއެވެ!

ރަސޫލް ﷺ ގެ ގަނޑުވަރުކޮޅުގައި ބަކައްޓެއް ކަތިލެވުނެވެ. ކޮނޑެއް ފިޔަވައި އެހެން ހުރިހާ ބައިތައް ޢއިޝަތުގެފާނު ޞަދަޤާތްކުރައްވަވާފައި ފަރިއްކުޅުވަން ހަމަ އެކަނި ބޭއްވެވުމުން އެބައިވެސް ޞަދަޤާތް ކުރައްވަވަން ރަސޫލް ﷺ ހިތްވަރުފުޅު ދެއްވެވިއެވެ. އަދި ބަޔާން ކުރެއްވެވީ އެބައި ފަރިއްކުޅުއްވެވުމުން ކުރާނެ ފައިދާއެއް ނެތްކަމަށާއި ފައިދާކުރާނީ ޞަދަޤާތްކުރެއްވެވުމުން ކަމަށެވެ.

ނަމަވެސް މިއަދު މިއުޅެނީ އެހީއަކަށް އެދިގެން އަންނަ މީހަކަށް އަނބިމީހާ ޞަދަޤާތެއް ކުރުމުން އެކަމާއިވެސް ހިތްހަމަނުޖެހިގެންނެވެ. ސުންނަތް ގޮތް ކޮބައިހެއްޔެވެ؟ ޞަދަޤާތް ކުރުމަށް ދެއްވެވި ހިތްވަރުފުޅުން ޙާޞިލުކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟

މީސްތަކުންނޭވެ! ޞަދަޤާތްކުރާށެވެ! ޞަދަޤާތްކުރަން އަނބިދަރިންނަށްވެސް ހިތްވަރުދޭށެވެ. އެއާދަ އަށަގަންނުވާށެވެ! ފަށައިގަންނަމުން ބުނިފަދައިން ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް މެއެވެ. އެކަމެއް ކުރުމުން ﷲ ތަޢަލާގެ ކޯފާއިން ސަލާމަތްވާނެ، ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެ އަދި ނަރަކައިގެ އަލިފާނުން ސަލާމަތްކުރައްވަވާނެ އަމަލަކަށްވުރެ މުހިންމުވާނީ ކޮންކަމެއް ހެއްޔެވެ؟

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން