ޢާއިޝަތުގެފާނުގެ ސީރަތު: މީސްތަކުން ޞުލްޙަ ކުރުމަށް ޢާއިޝަތުގެފާނު ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވުން-

ކިޔުމަށް ހޭދަވާނީ 3މ 18ސ
ޢާއިޝަތުގެފާނުގެ ސީރަތު: މީސްތަކުން ޞުލްޙަ ކުރުމަށް ޢާއިޝަތުގެފާނު ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވުން-

ޢަލީ އިޙްޞާން ފިރާޤް

 

ކުރިންވެސް ދެންނެވިފައިވާނެ ފަދައިން ހަނގުރާމަ ފެށުމުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވިއެވެ. އެކަމަނާ އިންނެވީ ޖަމަލު މަތީގައިވާ ދަގަނޑު ހައުދަޖެއްގެ ތެރޭގައެވެ. އެކަމަނާގެ ޖަމަލު ވަށައިގެން އަޒުދުވަންހައިގެ މީސްތަކުންވެސް ދިޔައެވެ. އެކަމަނާއާއެކު ބަޞަރާގެ ޤާޟީ كعب بن سور بن بكر بن الأزدي ވަޑައިގެންނެވިއެވެ. އެކަމަނާ، ކަޢުބުގެ އަތްޕުޅަށް މުޞްޙަފެއް ދެއްވައިފައި ވިދާޅުވީ މީސްތަކުން ހަނގުރާމަ ހުއްޓުމަށް ގޮވަމުން ގެންދިޔުމަށެވެ. 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ހީފުޅުކުރެއްވީ މީސްތަކުންގެ އެކަމަނާގެ ޙުރުމަތަށްޓަކައި އެކަމަނާގެ ބަސްއަހައި ހަނގުރާމަ ހުއްޓައިލާނެ ކަމަށެވެ. އެކަމަނާ ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވީ މީސްތަކުންގެ ދެމެދުގައި އުފެދިފައިވާ ފިތުނުވެރިކަން ނައްލަވައިލެއްވުމަށެވެ. އެބައިމީހުންނަށް އެކަމަނާ ނަޞޭޙަތްޕުޅު ދެއްވައިގެން މީސްތަކުންގެ މެދުގައި ކުރެވުމުން ދިޔަ ހަނގުރާމަ ހުއްޓަވައި ލެއްވުމަށެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެދިވަޑައިގެންނެވުމުން މަތީން ކަޢުބު މުޞްޙަފު ހިއްޕަވައިގެން ވަޑައިގެން މީސްތަކުންނަށް ނަޞޭޙަތް ދެއްވައި ވިދާޅުވަމުން ގެންދެވިއެވެ. 

[އޭ މީސްތަކުންނޭވެ. އަހަރެންނަކީ ބަޞަރާގެ ޤާޟީ كعب بن سور އެވެ. އަހަރެން ގޮވައިލަނީ ތިޔަބައިމީހުން މާތްﷲ ގެ ފޮތުގައިވާ ގޮތުގެ މަތީން އަމަލު ކުރުމަށެވެ. އެ ފޮތުގައިވާ ގޮތުގެ މަތީން ޞުލްޙަވެ އެއްބައިވުމަށެވެ.]  

އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ ލަޝްކަރުގައިވާ ސަބައީންގެ މީސްތަކުންނަށް كعب بن سور ގެ ވާހަކަތައް އަޑު އިވުމުން ވަރަށް ކަންބޮޑުވެއްޖެއެވެ. މީސްތަކުން އޭނާގެ ވާހަކަތައް އަޑުއަހައި ހަނގުރާމަ ހުއްޓައި ޞުލްޙަވެދާނެ ކަމުގެ ބިރު އެބައިމީހުންގެ ހިތުގައި ހިނގައިގަތެވެ. އެހެންވެ އެބައިމީހުން كعب بن سور އާ ޙަމަލަދީ އެކަލޭގެފާނުވެސް ޝަހީދުކޮށްލިއެވެ. 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އިންނެވި ހައުދަޖަށްވެސް ވަރަށް ގިނަ ތީރުތައް އަމާޒުވަމުން ދިޔައެވެ. އޭރު އެކަމަނާ އިންނެވީ ހަނގުރާމައިގެ މައިދާނުގެ މެދުގައެވެ. އެކަމަނާ ހައުދަޖުގެ ތެރޭގައި އިންނަވައިގެން މީސްތަކުންނަށް ބާރު އަޑުފުޅުން ނަޞޭޙަތްޕުޅު ދެއްވަމުން ގެންދެވިއެވެ. އެކަމަނާ ވިދާޅުވަމުން ގެންދެވިއެވެ.  

[އޭ އަހަރެންގެ ފިރިހެން ދަރީންނޭވެ. މާތްﷲ ގެ ރަސްކަންފުޅު މަތީން ހަނދާން ކުރާށެވެ. ޤިޔާމަތްދުވަހުގެ މަތީން ހަނދާން ކުރާށެވެ. ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކުރުމުން ދުރުހެލިވާށެވެ.] 

ނަމަވެސް ޢަލީގެފާނުގެ ލަޝްކަރުގެ ތެރޭގައިވާ ހިމެނޭ ސަބައީން އެކަމަނާގެ ވާހަކަފުޅު އަޑެއް ނޭހިއެވެ. އޭރު ޢަލީގެފާނުވެސް އެކަލޭގެފާނުގެ ލަޝްކަރުގެ ފަހަތްޕުޅުގައި ހުންނަވައިގެ ލަޝްކަރުގެ މީސްތަކުންނަށް ހަނގުރާމަ ނުކުރުމަށް ނަޞޭޙަތެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. ނަމަވެސް އެބައިމީހުން ހަނގުރާމަ ހުއްޓާކަށް ޤަޞްދެއް ނުކުރިއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އަށް ކަޢުބު ޝަހީދުވެވަޑައިގެންތަން ފެނިވަޑައިގެންނެވުމުންނާއި، މީސްތަކުން އެކަމަނާގެ ވާހަކަފުޅު އަޑު ނާއްސަވައި ހަނގުރާމަ ކުރަމުން ގެންދާތަން ފެނިވަޑައިގެން ވިދާޅުވިއެވެ. 

[އޭ މީސްތަކުންނޭވެ. ޢުޘްމާނުގެފާނުގެ ޤާތިލުންނަށް މާތްﷲ ލަޢުނަތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ޤާތިލުންނަށް ވާގިވެރިވާ މީސްތަކުންނަށްވެސް ލަޢުނަތް ލައްވާށިއެވެ.] 

އެއަށްފަހު ޢާއިޝަތުގެފާނު، ޢުޘްމާނުގެފާނުގެ ޤާތިލުންނާ ދެކޮޅަށް ދުޢާފުޅު ކުރައްވަމުން ގެންދެވިއެވެ. އެއަޑު އަހައި ބަޞަރާގެ މީސްތަކުންވެސް އެކަމަނާއާއެކު، ޢުޘްމާނުގެފާނުގެ ޤާތިލުންނަށް ލަޢުނަތްލެއްވުން އެދި ދުޢާ ކުރަމުން ގެންދިޔައެވެ. ޢާއިޝަތުގެފާނު ގެ ލަޝްކަރުންގެ މީސްތަކުންގެ ދުޢާގެ އަޑު އިވިވަޑައިގެން ޢަލީގެފާނު ވިދާޅުވިއެވެ. [މިއީ ކޮން އަޑެއް ހެއްޔެވެ؟] މީސްތަކުން ދެންނެވިއެވެ. [އެއީ ޢާއިޝަތުގެފާނާއި އެކަމަނާގެ އަރިހުގައިވާ މީސްތަކުން ޢުޘާމާނުގެފާނުގެ ޤާތިލުންނަށް ލަޢުނަތްލެއްވުން އެދިވަޑައިގެން ދުޢާފުޅު ކުރައްވާ އަޑެވެ.] ޢަލީގެފާނުވެސް އެ ދުޢާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން