މީހުން ކުރަންޖެހޭ ކަންކަން ގިނަވެ ވަޤުތު ހުސްވެއްޖެއެވެ. އެކަމަކު ވަޤުތު ހުސްވަނީ ހެޔޮ ޢަމަލުތައް ކުރާށެވެ! މައްސަލައަކީ މިއީއެވެ.
ގޭމްކުޅެން، ފިލްމުބަލަން ފަދަ ކަންކަމަށް 3، 4 ގަޑިއިރުވެސް ހޭދަކުރެވެއެވެ. އެކަމަކު ދީނީ ދަރުސެއް، ހެޔޮ ނަޞޭޙަތެއް އަޑުއަހަން 5 މިނިޓަށްވުރެ ގިނަ ވަޤުތު ދެވޭކަމަކަށް ނުވެއެވެ.
ކީރިތި ޤުރްއާން ތަޖުވީދުމަގުން ކިޔަވަން ދަސްކުރަން ބޭނުންނުވާ މީހަކު ނެތެވެ. އެކަމަކު ކިޔަވަން ދަސްކޮށްލަން، ތަޖުވީދުމަގުން ކިޔަވާ ޤާރީއެއްގެ އަޑުއަހައިލާނެ ވަޤުތު އޮންނަ ކަމަކަށް ނުވެއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރަންވެސް ބޭނުންވެއެވެ. އެކަމަކު ކިޔަވައިލާނެ ވަޤުތު އޮންނަ ކަމަކަށް ނުވެއެވެ. ކަންކަން މިޖެހެނީ އޮޓޮމެޓިކުން ވެނިމޭށެވެ!
ތިމާކަމަކަށް ބޭނުންވާއިރަށް ވަޤުތުން އެކަމެއްވުން އޮތީ ސުވަރުގޭގައެވެ. މިދުނިޔެއަކު އެކަމެއް ނުވާނެއެވެ. ދެން ކޮށްލަން ބޭނުންވަނީ ސުވާލެކެވެ. އެއީ ﷲ ތަޢާލާ ކުރަން ތިބާއަށް އެންގެވި ކަންކަން ކުރާނެ ވަޤުތު ތިބާއަށް ނުލިބޭއިރު ޤިޔާމަތް ދުވަހު ތިބާ ނަރަކައިން މިންޖުކުރައްވަވާތޯ ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސްދަންނަވާނެ ވަޤުތު ﷲ ތަޢާލާ ތިބާއަށް ނުދެއްވަވައިފިނަމަ ދެން ވާނީ ކިހިނަކުންހެއްޔެވެ؟ ވިސްނާލާފައި ޖަވާބު ދިނީމާ ރަނގަޅުވާނެއެވެ! އެކަމަކު ފައިދާކުރާނީ ޢަމަލުވެސްކޮށްގެންނެވެ!
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން