ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނު ސަވާރުވެވަޑައިގެން އިންނެވި ޖަމަލުގެ ފައިތައް ބުރިކޮށްލުމާއެކު، ހަނގުރާމަ ނިމުން

ކިޔުމަށް ހޭދަވާނީ 2މ 33ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޢާއިޝަތުގެފާނު ސަވާރުވެވަޑައިގެން އިންނެވި ޖަމަލުގެ ފައިތައް ބުރިކޮށްލުމާއެކު، ހަނގުރާމަ ނިމުން

ޢަލީ އިޙްޞާން ފިރާޤް 

އިރެއް އިރަކަށް ހަނގުރާމައިގެ މައިދާން ހޫނުވެ، ހަނގުރާމައިގެ ފޯރި ގަދަވަމުން ދިޔައެވެ. ސަބައީން، އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ޖަމަލަށް ޙަމަލާދެމުން ގެންދިޔައެވެ. އެބައިމީހުންގެ ޤަޞްދަކަށް ވެފައި އޮތީ އެކަމަނާވެސް ޝަހީދުކޮށްލުމެވެ. ނަމަވެސް ބަޞަރާގެ މީސްތަކުން އުއްމުލް މުއުމިނީން ދިފާޢުކުރުމުގައި ޤުރްބާންވަމުން ގެންދިޔައެވެ. އެކަމަނާގެ ޖަމަލުގެ ވައުފަށުގައި ހިފާ ކޮންމެ މީހެއް ޤަތުލުކުރަމުން ގެންދިޔައެވެ. ޖަމަލު ވަށައިގެން ވަރަށް ވަރުގަދައަށް ހަނގުރާމަ ހިނގަމުން ދިޔައެވެ. ޖަމަލު ވަށައިގެން ކުރެވުމުން ދިޔަ ހަނގުރާމައިގެ ސަބަބުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވަރަށް ދެރަފުޅުވިއެވެ. އެހެނީ ހަނގުރާމައެއް ހިނގުމަކީ އެކަމަނާ އެއްގޮތަކަށްވެސް އުއްމީދު ކުރައްވައިގެން އިންނެވި ގޮތެއް ނޫނެވެ. ހަނގުރާމަ މަތަކުރެއްވުމަށް އެކަމަނާ ކުރައްވަމުން ގެންދެވި އެއްވެސް މިންނަތެއްގެ ނަތީޖާ ފެނިވަޑައެއްނުގަތެވެ. 

އެ ވަގުތު މުޙައްމަދު ބިން ޠަލްޙަތު ވަޑައިގެން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ޖަމަލުގެ ލަގަނުގައި ހިއްޕަވައި ވިދާޅުވިއެވެ. [އޭ މަންމާފުޅާއެވެ. މަންމާފުޅު އަޅުގަނޑަށް އަމުރު ކުރައްވާނީ ކޮންކަމަކަށް ތޯއެވެ؟] އުއްމުލް މުއުމިނީން ވިދާޅުވިއެވެ. [އާދަމުގެފާނުގެ ދެދަރިކަލުންގެ ތެރެއިން އެންމެ ރަނގަޅު ކުއްޖާ ފަދައިން ވާށެވެ.] މުރާދަކީ ހަނގުރާމަ ކުރުމުން ދުރުވެގެންނާށެވެ. 

އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހަކީ، ވިސްނުންފުޅު ތޫނު ބުއްދިފުޅު ފުރިހަމަ ބޭކަލެކެވެ. ހަނގުރާމައިގެ ޢިލްމު ވަރަށް ރަނގަޅަށް ލިބިވަޑައިގެން ހުންނެވި ކޮމާންޑަރެކެވެ. އެކަލޭގެފާނަށް ވިސްނިވަޑައިގަތީ ހަނގުރާމައިގެ މައިދާނުގައި ޢާއިޝަތުގެފާނުގެ ޖަމަލު އޮތްހާ ހިނދަކު ހަނގުރާމަ ނުހުއްޓޭނެ ކަމަށެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ހަނގުރާމައިގެ މައިދާނުގައި ހުންނެވިހާ ހިނދަކު ހަނގުރާމައަށް ނިމުމެއް ނާންނާނެ ކަމަށެވެ. އެހެންކަމުން ޢަލީގެފާނު އެކަލޭގެފާނުގެ ލަޝްކަރުގެ މީސްތަކުންގެ ތެރެއިން ބަޔަކަށް ޢާއިޝަތުގެފާނުގެ ޖަމަލުގެ ފައިތައް ބުރުކޮށްލުމަށް އަމުރު ކުރެއްވިއެވެ. އެބައިމީހުންގެ ތެރޭގައި ޢާއިޝަތުގެފާނުގެ އަޚު މުޙައްމަދު ބިން އަބީބަކުރާއި، ޢަބްދުﷲ ބިން ބުދައިލު (عَبْدُ اللّه بنُ بُدَيْل) ހިމެނިވަޑައިގަންނަވައެވެ. 

އެބޭކަލުން ވަޑައިގެން ޢާއިޝަތުގެފާނު ޖަމަލު ގެ ފައިތައް ބުރިކޮށްލައި، އެކަމަނާއާ އެކު ހައުދަޖު ނަގައިގަނެގެން ގެންނަވައި ޢަލީގެފާނުގެ ފޭލިގޭގެ ކުރިމަތީގައި ބެހެއްޓިއެވެ. ދެން އަލީގެފާނު އަމުރުކުރެއްވީ އެކަމަނާ ގެންދަވައި ޢަބްދުﷲ ބިން ބުދައިލުގެ ގެކޮޅަށް ލުމަށެވެ. ޢަލީގެފާނުގެ ނިންމެވުން ވަރަށް ކާމިޔާބެވެ. އެހެނީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ހަނގުރާމައިގެ މައިދާން ދޫކުރައްވާ ވަޑައިގަންނަވާ އިރަށް ހަނގުރާމަ ހުއްޓިއްޖެއެވެ. ޢަލީގެފާނު އެކަލޭގެފާނުގެ ލަޝްކަރުގެ މީސްތަކުންނަށް އަންގަވައި އަމުރު ކުރައްވަމުން ގެންދެވީ ޢާއިޝަތުގެފާނުގެ ލަޝްކަރުގެ އެއްވެސް އެއްޗެއް ޣަނީމާގެ ގޮތުގައި ބޭނުން ނުކުރުމަށެވެ. ޖަމަލު ހަނގުރާމަ ނިމުމާއެކު ބަޞަރާގެ މީސްތަކުން ޢަލީގެފާނުގެ އަތްޕުޅު މައްޗަށް ބައިޢަތު ހިފައިފިއެވެ.

މިއަދު އޮންލައިން