އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުގައި އިހްމާލުވެވެމުންގޮސް ދީނުގައި އޮންނަ ގޮތަށްވުރެ ވަޒީފާގައި އަންގާ ގޮތް، ކުރަން އަންގާ ކަންކަން ކުރުން ގިނަ ބައކަށް ދަނީ މުހިންމުވަމުންނެވެ. އެވަޒީފާ ލިބުނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ކަމާއި އިރާދަ ކުރައްވަައިފިނަމަ ވަޒީފާ ގެއްލޭނެ ކަމާއިމެދު ގިނަ ބައަކު ނުވިސްނައެވެ.
އެހެނަސް ތިރީގައި އެވަނީ އެކަމަށް ވިސްނާ އަންހެނެއްގެ ސުވާލާއި އޭނާކުރި ސުވާލުގެ ޖަވާބެވެ. އުފާކުރަންޖެހޭ ކަމަކީ މިފަދަ ސުވާލުތައް ލިބޭލެއް ގިނަވަމުން އަންނަ ކަމެވެ. އެކަމުން އަންގައިދެނީ ކަންކަން އިޞަލާޙްކުރަން ބޭނުންވާ މީހުން ގިނަވަމުން އަންނަ ކަމެވެ. އެފަދަ ފަރާތްތަކަށް ޖަވާބު ހޯދައިދިނުމުގައި މިއަދުނޫސް ވަރުބަލިކަމެއް ނެތި ދެމިއޮންނާނެއެވެ. އިން ޝާ ﷲ
އަޅުގަނޑުގެ ވަޒީފާގެގޮތުން ވަރަށް ގިނައިން ރާއްޖެތެރެއަށާއި ރާއްޖޭން ބޭރަށް ދަތުރުކުރަން ޖެހެއެވެ. ނަމަވެސް އިސްލާމްދީނުގައި މަހުރަމަކާ ނުލާ ދަތުރުކުރުމުގެ ހުކުމް ރަނގަޅަށް އޮޅުންފިލުމުން މިހާރު އުޅޭ ވަޒީފާ ބަދަލުކުރުމަށް ގަސްދުކުރަމެވެ. ނަމަވެސް އެހެން ވަޒީފާއެއް ހަމަނުޖެހެނިސް މިހާރު އުޅޭ ވަޒީފާއިން ވަކިވެއްޖެނަމަ ދިރިއުޅުމުގެ ކަންތައް ހުންނަގޮތުން ކުލިދައްކާ އެހެނިހެން ޚަރަދުކުރާނެ އިތުރު ގޮތެއް މިވަގުތުނެތެވެ. ވީމާ އެހެން ވަޒީފާއެއް ހަމަޖެހެންދެން މިހާރު އުޅޭ ވަޒީފާގައި މަޑުކުރުމާއި އަދި ކޮންމެހެން ދާންޖެހޭ ދަތުރުތަކުގައި ދިއުމުގެ ހުކުމަކީ ކޮބައިތޯ؟ އަދި މިފަދަ ހާލަތެއްގައި އަމަލުކުރުން އެންމެ ރަނގަޅުގޮތަކީ ކޮބައިތޯއެވެ؟
އަންހެނަކު މަޙްރަމަކާ ނުލާ ދަތުރުކުރުމަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މަނާ ކުރައްވާފައިވާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (لا تسافر امرأة إلا مع ذي محرم)
މާނައަކީ: "މަޙްރަމަކާ އެކު މެނުވީ އަންހެނަކު ދަތުރު ނުކުރާ ހުށި ކަމެވެ".
މިކަން ނޭނގި މަޙްރަމަކާ ނުލާ ދަތުރު ކުރެވިފައިވާ މީހާ އަށް އެކަމުގެ ސަބަބުން ކުށެއް އަދި ފާފައެއްވެސް ނެތެވެ. އެހެންނަމަވެސް، ޙުކުމް އެނގިހުރެ، މަޙްރަމަކާ ނުލައި ދަތުރުކޮށްފި މީހާ ތައުބާވެ އަސްތަޣްފާރު ކުރުން ހުއްޓެވެ.
ސުވާލުން ދޭހަވަނީ އުޚްތާ އަށް ދީނުގައި މިކަން އޮންނަ ގޮތް ވަރަށް ރަގަޅަށް ސާފުވެ، ތައުބާވުމަށް ޢަޒުމްކޮށްފައިވާ ކަމެވެ. އެހެންކަމުން، އުޚްތާ އަށް ހިދާޔަތް ދެއްކެވި ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރުމަށްފަހުގައި، އުޚްތާއަށް މަރްޙަބާ ކިޔަމެވެ.
ދީނުގައި ޙަރާމް ކުރައްވާފައިވާ ކަންތައްތައް ޟަރޫރަތަށްޓަކައި ހުއްދަވާ ފަހަރު އާދެއެވެ. އެހެންނަމަވެސް، ޟަރޫރަތަށްޓަކައި ހުއްދަވާނީ ހަމައެކަނި ޙާޖަތު ފުއްދާލެވޭ ވަރަށެވެ. އެހެންކަމުން، އުޚްތާއަށް އެހެން ވަޒީފާ އެއް ހަމަޖެހެންދެން ޟަރޫރީ ޙާލަތު ފުއްދާލެވޭ ވަރަށް ދަތުރުކުރުމަކުން މައްސަލައެއް ނެތެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް