މުސްލިމުން ލައްވައި ޝިރުކު ކުރުވަން ޝައިޠޯނާ ދޭ އެންމެ ނުރައްކާތެރި 2 ޙަމަލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
މުސްލިމުން ލައްވައި ޝިރުކު ކުރުވަން ޝައިޠޯނާ ދޭ އެންމެ ނުރައްކާތެރި 2 ޙަމަލާ!

މުސްލިމް ބައެއް މުޖުތަމަޢުތަކުގައި ކަންކަމަށް ބޭނުންވުމުން މަރުވެފައިވާ މީހުންގެ ކިބައިން ވާތްގަށް އެދެއެވެ. އޭނާއަށް ބޭނުންޖެހިފައިވާ ކަންތައް ފުދުން އެދި އެމީހުން މެދުވެރިކޮށް ދުޢާކުރެއެވެ. އެމީހުންނަކީ ދުނިޔޭގައި އުޅުނު ހެޔޮލަފާ ތަޤޤްވާވެރިން ކަމުގައިވުމުން މަރުވުމަށްފަހުގައިވެސް އެމީހުންގެ ކިބައިން ފައިދާއެއްލިބިދާނެ ކަމުގެ އުންމީދުގައެވެ. 

ނަމަވެސް އެއީ އެއްވެސް އަބްލެއް ޙަޤީޤަތެއް އެކުލެވިގެންވާ ކަމެއް ނޫނެވެ. ކިތަންމެ މާތް، ކިތަންމެ ބޮޑު ތަޤްވާވެރިއެއް ނަމަވެސް މަރުވުމުން އެމީހަކަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެންމެ ކުޑަމިނުން މީހަކަށްޓަކައި ހެޔޮ ދުޢާއެއްވެސް ކޮށެއް ނުދެވޭނެއެވެ. އަދި އެމީހުންގެ މަހާނަތައް ކައިރިއަށް ގޮސް ކިތަންމެ ބާރަށް ރިޔަސް އަޑެއްވެސް އެމީހުންނަކަށް ނުއިވޭނެއެވެ. 

އެކަން ބަޔާން ކުރައްވަވައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ. 

"ތިޔަބައިމީހުން އެފަރާތްތަކަށް ގޮވިޔަސް، އެފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުމެއް ނީވޭނެތެވެ. އަދި އެގޮވުން އެފަރާތްތަކަށް އިވުނުކަމަށްވިޔަސް، ތިޔަބައިމީހުންނަކަށް އެފަރާތްތަކެއް އިޖާބައެއް ނުދޭނެތެވެ. އަދި ތިޔަބައިމީހުން ޝަރީކު ކުޅަކަމާމެދު ޤިޔާމަތް ދުވަހުން އެފަރާތްތައް އިންކާރު ކުރާނެތެވެ. ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާކަލާނގެ ފަދައިން ކަލޭގެފާނަށް ޚަބަރު  ދޭނެ ހަމަ އެކަކުވެސް ނެތެވެ." (ފާޠިރް: 14)

މީސްތަކުންނޭވެ! ވަސްވާސްދީގެން މިފަދަ ކަންކަން ކުރުވަނީ ޝިރުކުރުވުމަށެވެ. މިބުނި މަގުން މަރުވެފައިވާ މީހުންގެ ކިބައިން ވާގިނޭދޭ މުޖުތަމަޢުތަކުގައި ވަސްވާސްދޭނީ ޞިޙުރުވެރިންނާއި ފާލުބަލާ މީހުންގެ ގާތަށް ދިއުމަށެވެ. ޖެހިގެން އުޅޭ މައްސަލައިގެ ޙަޤީޤަތް އެމީހުންނަށް އެނގޭނެ ކަމާއި ޙައްލު ހޯދައިދެވޭނެކަން ވިސްނައިދެވޭނެއެވެ. 

ޝައިޠޯނާގެ މި މަޅީގައި ގިނަ ބައަކު ޖެހެއެވެ. އެމީހުންގެ ގާތަށް ގޮސް ކަންކަން އޮޅުންފިލުވަން މަސައްކަތްކުރެއެވެ. އެހިސާބުން އެމީހާއެވަނީ ޝިރުކުރެވޭ މީހަކަށެވެ. އެކަންކޮށްފި މީހެއްގެ ނަމާދު 40 ދުވަސްވަންދެން ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް އޮތް ބަސްފުޅުން އެކަމުގައި ހުރި ބިރުބޮޑުކަން އެނގިގެންދެއެވެ. 

މިއީ މީސްތަކުން ލައްވައި ޝިރުކުރުވަން ޝައިޠޯނާ އެންމެ ގިނައިން ބޭނުންކުރާ 2 އުކުޅެވެ. ވީމާ ހޭލުންތެރިވެ މިފަދަ އެއްވެސް ކަމެއް ނުކުރާށެވެ. ނުއެނގިހުރެ ޝިރުކުރެވޭ މީހަކަށްވެގެން ހިނގައިދާނެއެވެ. މިހެން ބުނި ނަމަވެސް ޙަޤީޤަތަކީ ނުއެނގި ހުރެއެއް ނޫނެވެ. މިބާވަތުގެ ކަންކަން ކުރުމުން އެއީ ޝިރުކުރެވުންކަން އެންމެންނަށްވެސް އެނގޭނެތީއެވެ. އަދި ޝިރުކުރުންމަތީގައި ހުއްޓައި މަރުވެއްޖެނަމަ އެމީހެއްގެ ފާފަ ފުއްސަވައި ނުދެއްވަވާނެކަން ނުއެނގޭ މީހަކުވެސް ނުހުންނާނެއެވެ. ވީމާ ޝިރުކުރުން ހިމެނިދާނެ އެއްވެސް ކަމެއް ނުކުރަން ވަޞިއްޔަތް ކުރަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން