އެކުވެރިއަކު ނުވަތަ މީހަކު ދީފާނެ ގެއްލުމަކަށް ބިރުގަންނަ މީހަކަށް އެނޫންކަމެއް ކުރާނެ ވަޤުތެއް ނުލިބޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
އެކުވެރިއަކު ނުވަތަ މީހަކު ދީފާނެ ގެއްލުމަކަށް ބިރުގަންނަ މީހަކަށް އެނޫންކަމެއް ކުރާނެ ވަޤުތެއް ނުލިބޭނެ!: މުފްތީ މެންކް

ﷲ ތަޢާލާގެ ވަޙީބަސްފުޅު މިއޮތީއެވެ!

"—އެއުރެން މަކަރުވެރި ނުބައި ރޭވުންތައް ރާވަތެވެ! އަދި ﷲ )އެއުރެންގެ ރޭވުންތައް ބާޠިލްކުރައްވަވައި، އެއުރެންނަށް ކެހިލިބޭނެ ގޮތަށް) ތަދްބީރުކުރައްވަވަތެވެ. ﷲ އީ، މަކަރުވެރިންނަށްވުރެ، ތަދްބީރު ކުރެއްވެވުން މޮޅު ރަސްކަލާނގެއެވެ." (އަލްއަންފާލް: 30)  

ފުރަތަމަވެސް ބުނެލަން ބޭނުންވަނީ މިވަޙީ ބަސްފުޅަށް އިތުބާރުކުރާށެވެ! އެހެން މީހުންނާއިމެދު ހިތުގައި އުފެދޭ ހުރިހާ ކަންބޮޑުވުންތަކުގެ ޙައްލަކަށް ފުދޭނެއެވެ. އެހެން މީހުން ދީފާނެ ދެރައަކާއިމެދު ހިތުގައި އުފެދޭ ބިރުވެރިކަން ފިލައިގެންދާނެއެވެ! އިން ޝާ ﷲ 

މީހުންނަށް ގެއްލުމާއި ދެރަދޭން މަސައްކަތްކުރާ މީހުން މިހާރު ގިނަވެދާނެއެވެ. ނަމަވެސް އެއީ މިއަދު ކުރަން ފަށައިގަނެގެން އުޅޭ ކަމެއް ނޫނެވެ. ދުނިޔެ ފެށުނީންސުރެ ކުރަމުން އަންނަ ކަމެކެވެ. ވީމާ ތިމާއަށް ދެރައެއް ދޭން މަސައްކަތްކޮށްފާނެ މީހަކު ނުހުންނާނެ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އަބަދުވެސް ޤަބޫލުކުރަންޖެހޭނީ އެފަދަ ބައަކު ތިބޭނެ ކަމަށެވެ.  

ތިމާއަށް ދެރައެއް ދޭން މަސައްކަތްކުރަނީ މިވެނި މީހަކު ނުވަތަ ބައަކު ކަމަށް ޝައްކުކުރެވޭ ބައަކުވެސް ތިބެދާނެއެވެ. އެހާލަތުގައި ހެކި ނެތި ޔަޤީންނުކުރާށެވެ! ނަމަވެސް ޝައްކު ކުރެވިއްޖެ ނަމަ ރައްކައުތެރިވުމަސް އަޅަންޖެހޭ ފިޔަވަޅުތައް އަޅާށެވެ!  

މިފަދަ ކަންކަން ކުރިމަތިވުމަކީ މުޅި އުމުރުގައި ނިމެން އޮތްކަމެއް ނޫނެވެ. އަބަދުވެސް ދާނީ ކަންކަން ކުރިމަތިވަމުންނެވެ. ވީމާ އެކަމަށް ބިރުގަތުމެއް ނެތެވެ. ބިރުގަންނަން ވެއްޖެނަމަ މުޅި އުމުރުގައިވެސް ހުންނަން ޖެހޭނީ ބޮޑު ބިރުވެރިކަމެއްގައެވެ. ކޮންމެވެސް ބައަކަށް ޝައްކުކުރުމުގައެވެ.  

ވީމާ އޮތް ޙައްލުގައި ހިފާށެވެ! އެއީ މީސްތަކުން ކޮށްފާނެ ކަމަކަށް ބިރުގަތުމުގެ ބަދަލުގައި ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ﷲ ތަޢަލާއަށް ބިރުވެތިވުމުން ތިބާއަށް ރައްކައުތެރިކަން އެކަލާނގެ ދެއްވަވާނެތެވެ! ތިބާ ޙިމާޔަތްކުރައްވަވާނެތެވެ!  

ތިބާއަށް ޝައްކުކުރެވޭ މީހުންނަށް ފާރަވެރިވާން ތިބާ އުޅޭނަމަ އެހެންކަމެއް ކުރާނެ ވަގުތެއް ތިބާއަކަށް ނުވާނެއެވެ! އެކަލާނގެ ދެނެވޮޑިގެން ނުވާ އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުކުރެވޭނެއެވެ. ވީމާ އެކަން ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން