- ޢަލީ އިޙްޞާން ފިރާޤް
ޢާއިޝަތުގެފާނުގެ ދިފާޢުގައި:
ޖަމަލު ހަނގުރާމަ ނިމުމުން ބައެއް މީހުން އެހަނގުރާމަ ހިނގީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ސަބަބުން ކަމުގައި ބުނެ ތަފާތު ވާހަކަތައް ދައްކަމުން ގެންދަން ފެށިއެވެ. އެކަމަނާއަށް ކުޑައިމީސް ބަސްތައް ރައްދު ކުރަމުން ގެންދިޔައެވެ. އެކަމާ އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު ވަރަށް ކޯފާވެވަޑައިގެންނެވިއެވެ. އެއްފަހަރަކު މީހަކު އައިސް ޢަލީގެފާނަށް ދެންނެވިއެވެ. [އޭ އަމީރުލް މުއުމިނީން އެވެ. ދެ މީހަކު ދޮރޮކައިރީގައި ތިބެގެން އެބަ ޢާއިޝާއަށް ނިސްބަތްކޮށް ބަދުބަސްތައް ރައްދު ކުރަމުން ގެންދެއެވެ.] ޢަލީގެފާނު ވަގުތުން ޤަޢުޤާޢު ބުނު ޢަމްރޫ ރަޟިޔަﷲ ޢަންހު އަށް އަމުރު ކުރައްވައިގެން އެމީހުންގެ ގައިގައި ސަތޭކަ އެތިފަހަރުން ޙައްދު ޖެއްސެވިއެވެ.
އެއްފަހަރަކު އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު ގެ އަރިހުގައި މީހަކު ތެދުވެ ޢާއިޝަތުގެފާނުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ވާހަކަ ދެއްކިއެވެ. އެ މަޖިލީހުގައި އިންނަވައި ޢައްމާރު ބިން ޔާސިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [އަހަރެމެންގެ ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލުންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކަން ތިޔައީ ކާކު ހެއްޔެވެ؟ އޭ ހުތުރު މީހާއެވެ. ޚަބަރުދާރެވެ. ހަމަ މިހާރު މިތަނުން ހިނގައި ދާށެވެ.]
ޢާއިޝަތުގެފާނު ބަޞަރާއަށް ވަޑައިގެންނެވީ އެއްވެސް ހާލެއްގައި އޭރު އޮތް އިސްލާމީ ދައުލަތާ ދެކޮޅަށް ހަނގުރާމަ ކުރައްވާކަށެއްނޫނެވެ. އެކަން އެނގޭ ވަރަށް ގިނަ ސާފު ދަލީދުތައް އެބަ ހުއްޓެވެ. އިބްނު ޖަރީރުއްޠަބަރީ ރިވާކުރައްވައިފައިވެއެވެ. ޢުޘްމާން ބިން ޙުނައިފަކީ، ބަޞަރާގެ ގަވަރުނަރެވެ. ޢާއިޝަތުގެފާނު ބަޞަރާއަށް ވަޑައިގެންނެވުމުން އެކަމަނާ ވަޑައިގެންނެވި ސަބަބު އޮޅުން ފިލުއްވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ.
[މާތްﷲ ގަންދެމެވެ. އަޅުގަނޑު ކަހަލަ އަންހެނަކު ސާފު ސަބަބެއްނެތި މިފަދަ ދަތުރަކު ނުނިކުންނާނެވެ. އެކި ކަންކޮޅުތަކާއި ގަބީލާތަކުގެ މީހުން މާތް ރަސޫލާގެ ޙަރަމްފުޅަށް އަރައި، އެތަނުގައި ވަރަށް ބޮޑު އަނިޔާވެރިކަމެއް ހިންގައިފިއެވެ. މަދީނާގެ މީހުންތިބީ ބާޣީންނަށް ޙިމާޔަތްދީގެންނެވެ. މުސްލިމުންގެ ވެރިޔާ އެއްވެސް ޙައްޤަކާނުކައި ޤަތުލުކުރުމުގެ ސަބަބުން އެބައިމީހުންނަށް މާތްﷲ އާއި އެކަލާނގެ ރަސޫލާގެ ލަޢުނަތް ޙައްޤުވެގެންވެއެވެ. އެބައިމީހުން ޙައްޤު ނޫންގޮތުގައި ލޭ އޮހޮރުވުން ހިންގައިފިއެވެ. މުދާތައް ފޭރިގެންފިއެވެ. ޙުރުމަތްތެރިވެގެންވާ ބިމުގެ ޙުރުމަތް ކަނޑައިލައިފިއެވެ. ޙުރުމަތްތެރިވެގެންވާ މަހުގެ ޙުރުމަތް ނަގައިލައިފިއެވެ. ޝަރަފުވެރިކަމާ ޚިލާފުވެ، ޖަމާއަތްތައް ޤަތުލުކޮށްފިއެވެ. އެބައިމީހުނަކީ އެތަނުގެ އަސްލު ވަޒަންވެރިން، އެބައިމީހުން އެތަނުގައި ވަޒަންވެރިވުމަށް ނޭދޭބަޔެކެވެ. އެބައިމީހުންނަކީ، އެބައިމީހުންގެ ފަރާތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާ ބައެކެވެ. އެއްވެސް ހެވެއް ލިބޭނެ ބައެއް ނޫނެވެ. އަޅުގަނޑު މިތަނަށް މިއައީ އެބައިމީހުންކޮށްފައިވާ ކަންތައްތައް މުސްލިމުންނަށް އެންގުމަށެވެ. އަޅުގަނޑުމެން ދޫކޮށްފައި މިއައި މީސްތަކުންގެ ވޭނާއި ތަކުލީފުތައް ބަޔާންކޮށްދިނުމަށެވެ. ކަންކަން ރަނގަޅު ކުރުމަށްޓަކައި މުސްލިމުން ކުރަންވީ ކަންތައްތައް ކިޔައިދިނުމަށްޓަކައެވެ.] މިހެން ވިދާޅުވުމަށްފަހު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ މިދަންނަވާ އާޔަތް ކިޔަވާ ވިދާޅުވިއެވެ.
"لَّا خَيْرَ فِي كَثِيرٍ مِّن نَّجْوَاهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَاحٍ بَيْنَ النَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ابْتِغَاءَ مَرْضَاتِ اللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا ﴿١١٤﴾"
މާނައީ: [صدقات އެއްކުރުމަށް، ނުވަތަ ހެޔޮކަމެއް ކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި صلح އެއް އުފެއްދުމަށް أمر ކޮށްފި މީހަކު (ސިއްރުގޮތުގައި ދައްކާ ވާހަކަ) މެނުވީ، އެއުރެން ސިއްރުގޮތުގައި ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއް ނެތެވެ. އަދި، اللَّه ރުހިވޮޑިގަތުން އެދިގެން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ.]
މިދެންނެވި އާޔަތް ވިދާޅުވުމަށްފަހު އެކަމަނާ ދެންނެވިއެވެ. [އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާކަމަކީ މިއީއެވެ. ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުމެވެ.]
އިބްނު ޙިއްބާން ރިވާ ކުރައްވައިފައިވެއެވެ. ކޫފާގައި ހުންނެވި ޢަލީގެފާނުގެ ގަވަރުނަރު އަބޫމޫސަލް ޢަޝްޢަރީ ރަޟިޔަﷲ ޢަންހުއަށް ވެސް ޢާއިޝަތުގެފާނު ސިޓީފުޅު ލިޔުއްވިއެވެ. އެ ސިޓީފުޅުގައި ލިޔުއްވައިފައިވެއެވެ. [ޢުޘްމާނުގެފާނު ޝަހީދުކުރެވުނު ޚަބަރު ކަލޭގެފާނު އައްސަވައިފައިވާނެއެވެ. އަޅުގަނޑު ނުކުމެ މިހުރީ މީސްތަކުންގެ މެދުގައި ކަންތައްތައް ޞުލްޙަކޮށް ހަމަމަގަށް އެޅުވުމަށްޓަކައެވެ. ކަލޭގެފާނުގެ ޝަހަރުގައިވާ މީސްތަކުންނަށް ގޭގައި ތިބުމަށް އަންގަވާށެވެ. އޭރުން އެބައިމީހުން އެދޭފަދައިން މުސްލިމުންގެ މެދުގައި ކަންތައްތައް ހަމަޖެއްސުމުގެ ކަންތައްތައް އަޅުގަނޑުމެންނަށް ހާސިލުވެގެންދާނެއެވެ.]
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު، ދެވަނަ ޖިލްދު، ޞަފްޙާ 42}
ޖަމަލު ހަނގުރާމަ ނިމުމުން ޚުދު ޢަލީގެފާނު ވަޑައިގެން ޢާއިޝަތުގެފާނާ ބައްދަލު ކުރެއްވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ. [މާތްﷲ ކަމަނާގެ ފާފަތައް ފުއްސަވާ ދެއްވާށިއެވެ.] ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [މާތްﷲ ކަލޭގެފާނުގެ ފާފަތައްވެސް ފުއްސަވައިދެއްވާށިއެވެ. ހަމަކަށަވަރުން ތިމަންކަމަނާ ބޭނުންފުޅުވީ ކަންތައްތައް ޞުލްޙަކުރުމަށެވެ. (ހަނގުރާމައެއް ކުރާކަށެއް ނޫނެވެ.)]
މިދެންނެވުނު ތިން ރިވާޔަތުންވެސް އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ ނިޔަތުގެ ސާފުކަން ހާމަވެގެންދެއެވެ. ނަމަވެސް ރާފިޟީންވަނީ އެކަމަނާގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އަޅުވައިފައެވެ. އެބައިމީހުން ބުނަނީ ޤުރްއާނުގައި މާތް ރަސޫލާ ﷺ ގެ އަނބިއަނބިކަނބަލުން އެކަނބަލުންގެ ގެކޮޅުގައި ތިއްބެވުމަށް އަންގަވައިފައިވާއިރު، އެކަމަނާ ގެކޮޅުން ނުކުމެވަޑައިގެންނަވައި ބަޞަރާއަށް ވަޑައިގެންނެވުމަކީ ކުށެއްކަމުގައެވެ. އެބައިމީހުން ބުނާ އާޔަތަކީ އަޙްޒާބު ސޫރަތުގެ 33 ވަނަ އާޔަތެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
"وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ﴿٣٣﴾"
މާނައީ: [އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.]
ޢިލްމީ ނަޒަރަކުން ބަލާއިރު، ރަނގަޅުކަމެއް ކުރެއްވުމަށް އެކަނބަލުން ނުކުމެވަޑައިގެންނެވުމަކީ އިސްވެދިޔަ އާޔަތުގެ ނައްޞާ ތަޢާރުޟުވާކަމެއް ނޫނެވެ. އެކަމަނާ އެ ދަތުރުފުޅުނުކުމެވަޑައިގެންނެވީ މަޙްރަމަކާއެކުގައެވެ. އެކަމަނާގެ އުޚްތު އަސްމާގެ ދަރިކަލުން ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހުއާއެކުގައެވެ.
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު، ދެވަނަ ޖިލްދު، ޞަފްޙާ 43-42}