މިކަންކަމަށް ވިސްނައިފި ނަމަ ބަންގިގޮވުމުގެ ކުރިން ކޮފީމޭޒުންތެދުވެ ތިބާ މިސްކިތަށްދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
މިކަންކަމަށް ވިސްނައިފި ނަމަ ބަންގިގޮވުމުގެ ކުރިން ކޮފީމޭޒުންތެދުވެ ތިބާ މިސްކިތަށްދާނެ! އިން ޝާ ﷲ

މީސްތަކުންނޭވެ! ގިނަ ބައަކަށް ނަމާދު ނުކުރެވޭ އެއްސަބަބަކީ އެކުވެރިންނެވެ. އެންމެ ގާތް މީހުންނެވެ. ޢާއިލާގެ މީހުންނެވެ. އެމީހުން ބުނާ ކަންކަން ކުރަން ހަދައިގެންނެވެ. އެމީހުން ބުނި ކަންކަން ނުކުރެވިއްޖެނަމަ ނުވަތަ އެމީހުންނާއިއެކުގައި ވަޤުތު ހޭދަނުކޮށްފިނަމަ އެމީހުން ރުޅި އަންނާނެތީއެވެ. 

އެކަމަކު ބުނަން ހެއްޔެވެ؟ ތިބާ މަރުވެގެން ވަޅުލެވޭތާ 2،3 ދުވަސްވާއިރު ތިބާ އާއިމެދު ވިސްނާނެ މީހަކު ނުހުންނާނެއެވެ! ތިބާގެ މަތިން ހަނދާންކުރާނެ މީހަކުވެސް ނުހުންނާނެއެވެ. 

ދެން އޮތީ ތިބާކުރާ މަސައްކަތެވެ. ކިތަންމެ ގިނަ މަސައްކަތެއް ކިތަންމެ ބުރަކޮށް ކޮށްފައިވީނަމަވެސް ދުނިޔެ ދޫކޮށްފައި ދާންޖެހޭނީ އެހުރިހާ ކަމެއް ދޫކޮށްލައިފައެވެ. ބޭންކުގައި މިލިއަނުން ބިލިއަނުން ފައިސާހުރިނަމަވެސް އެކުގައެއް ނުގެންދެވޭނެއެވެ. ގެންދެވޭނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރިއެއްޗެއް އެކަންޏެވެ. 

އެހެނަސް ތިބާ ނަމާދުތައް ފުރިހަމަކޮށްފައިވާނަމަ، ތިބާ މަރުވާ ވަޤުތުން ފެށިގެން ނަމާދުތައް ތިބާއަށް ރައްކައުތެރިކަން ދޭނެއެވެ. ތިބާ ކައްވަޅަށް އުފުލާނެއެވެ. ތިބާއާއިއެކުގައި ކައްވަޅުގައިވާނެއެވެ. ކައްވަޅުގެ ޢަޛާބުން ތިބާ ސަލާމަތްކޮށްދޭނެއެވެ. އަދި ޤިޔާމަތް ދުވަހުގައިވެސް ތިބާއަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިގެން ސުވަރުގެ ވައްދަން މަސައްކަތްކުރާނެއެވެ. އަދި އެކަންކަން ޤަބޫލުފުޅު ކުރައްވަވައި ﷲ ތަޢާލާ ތިބާ ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ 

ވީމާ ހަމަ މިވަޤުތުން ފެށިގެން އެންމެ ނަމާދެއްވެސް ނުކޮށް ދޫކޮށް ނުލުމަށް ޢަޒުމް ކަނޑައަޅާށެވެ! ޚާއްޞަކޮށް ފަތިސް ނަމާދަށް ހޭލައި ފަތިސްނަމާދާއި އިހުސުންނަތް ކުރަން ޢަޒުމް ކަނޑައަޅާށެވެ! ފަތިސް ނަމާދުން ދުވަސްފަށައި ދުވަހުގެ ހުރިހާ ނަމާދުތަކެއް އެނަމާދެއްގެ ވަޤުތުގައި ކުރަން މަސައްކަތްކުރާށެވެ! 

ވީމާ ދިރިއުޅެން މަސައްކަތްކުރުމަކީ ނަމާދުއަޅާ ސަބަބުކަމަށް ނުހަދާށެވެ! އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ބަންގިގޮވީމާ މަސައްކަތް ބަހައްޓާށެވެ! ބަންގިއަށް ޢިޖާބަދޭށެވެ. ތިބާއަށް މަސައްކަތްކުރެވޭނެ ގޮތް މިންވަރު ކުރެއްވެވި ﷲ ތަޢާލާ ތިބާއަށް ނަމާދަށް ދިއުމަށް ގޮވާލެއްވެވުމުން ޢިޖާބަ ނުދޭނަމަ ތިބާވާނީ ކޮންފަދަ ބޮޑު ނުކިޔަމަންތެރިއަކަށް ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން