"އަޅުގަނޑުގެ ފިރިމީހާ ދަރިންކޮޅު އުކާލައިފަ ހިނގައްޖެ! އެހީއެއް ނުވޭ! އަޅުގަނޑުގެ އަނބިމީހާ ތަނަވަސްމީހަކާއެކު ފިލައިފި!" މިއީ އަބަދުހެން އެންމެ ގިނައިން ލިބެމުންއަންނަ ޝަކުވާތަކެވެ.
ކިޔުންތެރިއަކު ވަރަށް މުހިންމު ސުވާލެއްކޮށްފައިވެސް އެދިފައި އޮތީ ސުވާލުވެސް ކިޔުންތެރިޔާގެ ނަންވެސް ހާމަނުކޮށް ޖަވާބެއް ދިނުމަށެވެ. އެހެންކަމުން އެކިޔުންތެރިޔާއަށް ޖަވާބވެއްގެ ގޮތުން މިގެނެސްދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.
ވިސްނާށެވެ! އިންސާނުންނަށް ރީތިކަންވެސް ދެއްވަވަނީ ﷲ އެވެ. އެހެން ނިޢްމަތްތައް ދެއްވަވަނީވެސް ﷲ އެވެ. ރީތިކަމަކީ ﷲ ދެއްވަވާ އެއްޗެކެވެ. ރީތިވާންވެގެން ﷲ ނަހީކުރައްވަވާފައިވާ ކަމެއް ކުރެވިއްޖެނަމަ ކޮންމެވެސް ސިފައެއްގައި އެކަން އައިސް އެމީހަކާއި ބައްދަލުކުރާނެއެވެ. ވީމާ ކިޔުންތެރިޔާގެ ކިބައިން އެދެން އޮތީ ކިޔައިދޭން ޖެހޭ ފަރާތަށް މިވާހަކަ ޙިއްޞާކުރުމަށެވެ. ފަހަރެއްގައި ކަންކަން ވިސްނި އެނބުރި އައުމަކީވެސް މެދުވެރިވެދާނެ ގޮތެކެވެ. އުންމީދު ކަޑައިނުލާށެވެ!
މިރޭވެސް ދަރުސް މިފަށަނީ އަހަރެންނަށް އީމޭލުން ލިބިފައިވާ ޢިބްރަތްތެރި ވާހަކައަކުންނެވެ.
އަހަރެން ކައިވެނިކުރީ ޔުނިގަ ކިޔަވަމުންނެވެ. އުމުރަކީ 20 އަހަރެވެ. އަނބިމީހާގެ އުމުރަކީ 24 އަހަރެވެ. އަހަރެންނަށްވުރެ 4 އަހަރު ދޮށްޓެވެ. ނަމަވެސް އެކަން މައްސލައެއްގެ ގޮތުގައެއް ނުދެކެމެވެ. ދެމީހުން ވެސް އެކަކު އަނެކަކު ދެކެ ނިހާޔަތަށް ލޯބިވެއެވެ.
ކައިވެނީގެ ދެވަނަ އަހަރު ދަރިއަކު ލިބިއްޖެއެވެ. ވިހެއުމާއި ހަމައަށް އަނބިމީހާ ދައްކަމުން އައީ އިންތިހާއަށް ދަރިފުޅުދެކެ ލޯބިވާ ވާހަކައެވެ. ނަމަވެސް ވިހެއުމާއިއެކު ވާހަކަ މުޅީން ބަދަލުވެއްޖެއެވެ. އަހަރެންވެސް އަދި ދަރިފުޅުވެސް ދެކެން ބޭނުންނުވާކަމަށް ބުނަން ފެށިއެވެ.
ދަރިފުޅަށް މަސްދުވަސްވެސް ނުވަނީސް އެންމެފަހުން ދަރިފުޅު އަހަރެންނާއި ޙަވާލުކޮށްފައި ގެއަށް ގޮސްލާފައި އަންނަން ދިއަމީހާ އެނބުރި އަހަރެންގެ ގެއަކަށް ނާދެއެވެ. އެހިސާބުން ދަރިފުޅުގެ ހުރިހާ ކަންކަން ބަލަހައްޓަންޖެހުނީ އަހަރެންނަށެވެ.
ކިޔަވަމުން ވަޒީފާގައި އިތުރަށް މަސައްކަތްކުރަމުން ތުއްތު ދަރިފުޅުބެލުންވީ ވަރަށްބޮޑުކަމަކަށެވެ. އެހާލަތުގައި އަހެރެންނަށް އެހީތެރިވެދިނީ އަވަށްޓެރިންނެވެ. އަހަރެންނަށްވެސް އަވަށްޓެރިންނަށްވެސް ފޫނުބެއްދުނު ކަމަކީ ބައިމީހާގެ ގާތުން ދިނުމުގެ މައްސލައެވެ. މައިމީހާގެ ގާތުން ބޯން ބޭނުންވެގެން ދަރިފުޅު ރޯ ރުއިން ހުއްޓުވުމަކީ ފަސޭހައިން ކުރެވޭ ކަމަކަށް އޮތީ ނުވެފައެވެ.
އަހަރެން އިތުރު ކައިވެންޏެއްވެސް ނުކުރަމެވެ. އަހަރެންގެ ހުރިހާ އުފަލެއް ޤުރްބާންކޮށްފައި މަސައްކަތްކުރީ ދަރިފުޅު ރަނގަޅު ރަނގަޅު ގޮތުގައި ބަލަހައްޓައި ތަރުބިއްޔަތުކުރުމަށެވެ. އެކަން ކާމިޔާބުކުރެވުނެވެ.
ދަރިފުޅަށް ދަރިފުޅަކު ލިބުނީ އޭނާގެ އުމުރުން 25 އަހަރުގައެވެ. އެއީ އަހަރެންގެ ފުރަތަމަ ކާފަ ދަރިފުޅެވެ. އެދަރިފުޅު ލިބުނުތަނާހެން އެއް ދުވަހަކު މީހަކު އައިސް ދޮރުގައި ޓަކި ޖެހުމުން ހުޅުވިއިރު ހުރީ އަހަރެންގެ ދަރިފުޅުގެ މަންމަގެ މަންމައެވެ. (މާމައެވެ.) އަހަރެން އޭނާއަށް މަރުޙަބާކީމެވެ. ނަމަވެސް ދަރިފުޅުގެ ސުވާލުތައް ވަރަށް ގިނައެވެ.
"އަހަރެންގެ މަންމަ ކޮބައިހެއްޔެވެ؟ އަހަރެން އެއްލާލާފައި ދިއައީ އަހަރެންގެ ކޮންކުށެއް އޮވެގެންހެއްޔެވެ؟ މާމަވެސް އަހަރެން ދެކެލަންވެސް މިހައިތަނަށް ނައިސް ތިއަހުރީ ކީއްވެގެންހެއްޔެވެ؟"
މާމަކިޔައިދިނެވެ. "ކުށްވެރިއަކީ އަހަރެންގެ ދަރިފުޅެވެ. ނަމަވެސް އެދަރިފުޅަކީ ވަރަށް ބޮޑަށް މިނިވަންކަން ބޭނުންވާ ކުއްޖެކެވެ. އެހައި ޅަ އުމުރުގައި ދަރިއަކު ލިބުމުން މިނިވަންކަން ގެއްލިގެން ހިނގައިދާނެތީ އެކަން އެގޮތަށް އޭނާއަށް ކުރެވުނީއެވެ.
މިގެއިން ދިއަތާ 6 އަކަ މަސްވެސް ނުވަނީސް ދެއުރަމައްޗަށް ކެންސަރު ޖެހިގެން ކުރި ފަރުވާއަށް ނުގުޑައިގެން ޖެހުނީ ދެއުރަމަތި ނަގާށެވެ. އެކަމާއިހުރެ އޭނާ މާބޮޑަށް ދެރަވީއެވެ. އޭނާއަށްވެސް އޭނާގެ ކުށް ވިސްނުނެވެ. ދަރިފުޅަށް ގާތުން ނުދީ އެކަމުން ދަރިފުޅު މަޙްރޫމްކުރެވުނުކަން ވިސްނުނެވެ. ވީމާ ކަންކަން ވިސްނުމުން ކުރިމަތިލާންވެސް ނުކެރުނީއެވެ!"
މާމަގެ ވާހަކަ އަޑު އިވުމުން ދަރިފުޅު ބުންޏެވެ! "އަހަރެން އަހަރެންގެ މަންމައަށް މާފުކޮށްފީމެވެ!" އަހަރެންނަށްވެސް ބުނެވުނީ ހަމަ އެ އިބާރާތެވެ!
ދަރިފުޅުގެ އެދުމުގެ މަތީން އަހަރެން އަލުން ދަރިފުޅުގެ މަންމަ އާއި ކައިވެނިކުރީމެވެ. އަދި މިހާރު ދިރިއުޅެމުން މިގެންދަނީ އެންމެން އެކުގައެވެ.
އަހަރެންގެ އަނބިމީހާއަށް އަލުން ލިބުނު އުފާ ކޮންމެ އަންހެނަކަށް ނުލިބިދާނެއެވެ. އެއީ އެގޮތަށް ކަންކަން ކުރުމުން ދަރިން މާފުކުރުމެވެ. އަހަރެންގެ ދަރިފުޅަށް އެހައި ފަސޭހައިން މަންމައަށް މާފުކުރެވުނީ އަހަރެން އެކަންކުރަން އޭނާއަށް ދަސްކޮށްދީފައި ހުރުމުންނެވެ. އަދި މަންމަ އެގޮތަށް ކަންތައްތައް ކުރުމުންވެސް މަންމަގެ ނުބައިވާހަކަ ނުދައްކާތީއެވެ.
ކިޔުންތެރިން ވިސްނާށެވެ! އަހަރެމެން އެކަކު އަނެކަކަށް މާފުކުރީއެވެ. ނަމަވެސް އަނބިމީހާގެ އުރަމަތިން ކުރި ކުށަށް ލިބުނު އަދަބު ބަދަލުކުރުމުގެ ބާރު ހަމައެކަކަށްވެސް ލިބިގެނެއް ނުވެއެވެ. މައިން ވިސްނައި ސަމާލުކަންދޭންވީ މިފަދަ ކަންކަމަށެވެ!
މިވާހަކައަށް ބަލައިފިނަމަ ޙާޞިލުކުރަންޖެހޭ ޢިބްރަތްތައް ވަރަށް ގިނައެވެ. މައިންބަފައިން އެމީހުންގެ ޙައްޤުތައް އަދާކުރުމަށް ސަމާލުކަންދޭންޖެހޭ މިންވަރެވެ. އެކަމުގައި އިހުމާލުވާ ކޮންމެ މަންމައަކަށް އަދި ބައްޕައަކަށް ވަގުތުން ކެންސަރު ނުވަތަ އެނޫންވެސް ކޯފާއެއް ނުފޮނުއްވަވައިފާނެއެވެ. ނަމަވެސް މިދުނިޔޭގައި ނޫންނަމަ އާޚިރަތުގައި ނަމަވެސް އެކަންކަމަށް ކުރިމަތިލާން ނުޖެހިއެއް ނުދާނެއެވެ.
މިވާހަކައިގައި އެވަނީ ގާތުން ނުދިން މަންމައެއްގެ ވާހަކައެވެ. ދަރިން ވިހާތަނުން ފިލައި އެތައް އަހަރެއް ވަންދެން ލޮލަށް ނުފެންނަނީ ކިތައް ބައްޕައިން ހެއްޔެވެ؟ އެމީހުންނަށް ލިބޭ ހިތްދަތިކަމާއި ކުރިމަތިވާ ހާދިސާތަކުގެ ވާހަކަވެސް ލިބެއެވެ. ވީމާ މިފަދަ ކޮންމެ ކަމަކުން ވެސް އޮތީ ޢިބްރަތް ޙާޞިލުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން