ބަލިން ގަދަ ނުވާނެކަމަށް ޑޮކްޓަރުން ބުނެފިނަމަ ދުޢާކުރުން ގިނަކުރޭ! ދުޢާއިން ޙާޞިލުނުކުރެވޭނެ ކަމެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ބަލިން ގަދަ ނުވާނެކަމަށް ޑޮކްޓަރުން ބުނެފިނަމަ ދުޢާކުރުން ގިނަކުރޭ! ދުޢާއިން ޙާޞިލުނުކުރެވޭނެ ކަމެއް ނެތް!: މުފްތީ މެންކް

އަޅުގަނޑުގެ މާމަ ވަރަށް ބަލިޙާލުގައި އޮންނަތާ 5 އަހަރުވަރު ވެދާނެއެވެ. ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލާފައެވެ. އެކަމަކުވެސް ޒިޔާރަތްކުރާ ބައެއް މީހުން މާމައަށް ޝިފާ ދެއްވެވުން އެދިގެން ދުޢާކުރެއެވެ. އެކަމުގެ ބޭނުމަކީ ނުވަތަ ކުރާނެ ފައިދާއަކީ ކޮބައިތޯ؟

ތިއައީ މިހާރަކަށް އައިސް ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. ސުވާލުކުރެވެނީ ސުވާލު އުފެދޭތީއެވެ. ވީމާ އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ބޭނުންވެލައްވާ ކޮންމެ ކަމަކަށްވެސް ސުވާލުކުރައްވާށެވެ! ކިޔުންތެރިންގެ ސުވާލުތަކަށް ޖަވާބުދޭން މަސައްކަތްކުރާނަމުއެވެ. އިން ޝާ ﷲ

ތިރީގައި އެވަނީ ތިއަ ފަދަ ސުވާލަކަށް އިމާމް މުފްތީ މެންކް ދެއްވާފައިވާ ވަރަށް ފުރިހަމަ ޖަވާބެއްކަމަށް ދެކެމެވެ. މިލިޔުނަށްފަހުގައިވެސް ސުވާލެއް އޮތްނަމަ ކޮށްލައްވާށެވެ!

ބައެއް މީހުން ސުވާލުކުރެއެވެ. "އެކަމެއް ނުވާނެކަން އެނގޭ ކަންކަމުގަ ދުޢާކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިސާލަކަށް ގަދަނުވާނެކަން އެނގޭ ބަލިމީހުންނަށް ޝިފާ ދެއްވެވުން އެދި ފަދަ.."

ޖަވާބަކީ ނުވާނެކަން އެނގޭ އެއްވެސް ކަމެއް ނެތެވެ. ސަބަބަކީ ﷲ ތަޢާލާ އެކަމެއް ހިންމަވައި ދެއްވެވުމުން ނުވާނެ އެއްވެސް ކަމެއް ނެތުމެވެ.

ދެވަނައީ ބަލިން ގަދަކުރެއްވެވުން ވެސް ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ޑޮކްޓަރުން ގަދަނުވާނެ ކަމަށް ބުނި ކިތައް މީހުން ގަދަވޭ ހެއްޔެވެ؟ ކުރު މުއްދަތެއްގައި މަރުވާނެކަމަށް ޑޮކްޓަރުން ބުނާ ކިތައް މީހުން އެތައް އަހަރުތަކެއް ވަންދެން ދުނިޔޭގައި ތިބޭ ހެއްޔެވެ؟ އަދި ބޮޑެތި ބަލިތަކާއިއެކި ކިތައް މީހުން އެއްވެސް އުނދަގުލެއް ނެތި ދުނިޔޭގައި އުޅޭ ހެއްޔެވެ؟

މިފަދަ ކޮންމެ ކަމަކުން އެނގިގެންދަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށް ކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކޮންމެ ކަމެއްގައިވެސް އެކަލާނގެ ޙަޟްރަތުން ވާގިއެދުމަށެވެ. ވާގި އެދުމަކީ ދުޢާކުރުންމަތީގައި ދެމިހުރުމެވެ.

ދުޢާކުރާ ކޮންމެ ކަމެއް، އެމީހާ އެދުނު ގޮތަށް ހިންމަވައި ނުދެއްވަވައިފާނެއެވެ. ޔަޤީންކުރަންވީ ކަމަކީ ކުރާ ކޮންމެ ދުޢާއެއްގެ އަޑު އައްސަވައިވޮޑިގެންވާ ކަމެވެ. ޢިޖާބަކުރައްވަވާނެ ކަމެވެ. ވީމާ މިވެނިކަމަކީ ނުވާނެ ކަމެއް ކަމަށް ހީވެސް ނުކުރާށެވެ! ކޮންމެ ކަމަކީވެސް އެކަލާނގެ ހިންމަވައި ދެއްވައިފިނަމަ ވާނެ ކަމެކެވެ. އެކަލާނގެއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން