ޢަލީ އިޙްޞާން ފިރާޤް
ހަނގުރާމައިގެ ކަންތައްތައް ނިމި މީސްތަކުން ހަމަޖެހުމުން އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު ޚާއްޞަ އިސްކަމެއް ދެއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދުނިޔެއާއި އާޚިރަތުގެވެސް އަނބިކަނބަލުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ރައްކައުތެރިކަމާއެކު މަދީނާއަށް ފޮނުއްވައިލެއްވުމަށެވެ. އެގޮތުން އެކަމަނާއަށް ދަތުރުގެ ސަވާރީ އާއި ދަތުރު މައްޗަށް ބޭނުންވާނެ އެންމެހައި ކާބޯތަކެތި ހަމަޖައްސަވައި ދެއްވިއެވެ. ޢަލީގެފާނު، އެކަމަނާގެ ހިމާޔަތުގައި ބަޞަރާގެ ސާޅީސް އަންހެނުންގެ ޖަމާއަތެއް ފޮނުއްވިއެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ބަޞަރާއިން ފުރާ ވަޑައިގަންނަވަން ހަމަޖެހިފައިވާ ދުވަހު އެކަމަނާ އާއި ޢަލީގެފާނު ބައްދަލު ކުރެއްވެވިއެވެ. އޭރު ބަޞަރާގެ މީސްތަކުން މުއުމިނުތަކުންގެ މައިކަނބަލުންނަށް އަލްވަދާޢު ދެންނެވުމަށް ވަނީ އެއްވެފައެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ މީސްތަކުންނާ އަލްވަދާޢު ދެންނެވުމަށްފަހު ވިދާޅުވިއެވެ.
[އޭ އަހަރެންގެ ދަރީންނޭވެ. އަހަރެމެން އެއްބަޔަކު އަނެއް ބަޔަކުދެކެ ނުރުހުންވީ ކަންތައްތަކަށް އަވަހަށް ޢަމަލީ ސިފައެއް ނުގެނެވިގެންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު މިހިނގައި ދިޔަ ކަންތައްތައް ދަލީލެއްގެ ގޮތުގައި ނަގައިގެން އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވާށެވެ. މާތްﷲ ގަންދެމެވެ. އަންހެނަކާއި އޭނާގެ ދަނބިދަރިއަކާ ދެމެދުގައި އޮތް ކަހަލަ ނުރުހުމެއް ނޫނީ އަހަރެންނާ ޢަލީއާ ދެމެދުގައި ނެތެވެ. މިކަންތައް ގަނޑަށްފަހުވެސް އަހަރެން ބުނަމެވެ. ޢަލީއަކީ މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު އެކެކެވެ.]
އަމީރުލް މުއުމިނީން ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
[އޭ މީސްތަކުންނޭވެ. އެކަމަނާ އެ ވިދާޅުވީ ޙައްޤު ތެދެވެ. އެކަމަނާ ވެވަޑައިގެންވީ ތެދުވެރި ވަފާތެރިންގެ ތެރެއިންނެވެ. އެކަމަނާ ވިދާޅުވި ފަދައިން އަޅުގަނޑުމެންގެ ދެމެދުގައި ދާދި ކުޑަ ކަމެއް ނޫނީ ނެތެވެ. އެކަމަނާއަކީ ތިޔަބައިމީހުންގެ ނަބިއްޔާ صلّى اللّـه عليه وسلّم ގެ ދުނިޔެ އާއި އާޚިރަތުގެވެސް އަނބިކަނބަލުންނެވެ.]
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ބަޞަރާއިން ފުރާ ވަޑައިގަތީ ހިޖުރައިން 36 ވަނަ އަހަރުގެ ރަޖަބުމަހުގެ ފުރަތަމަ ކޮޅުގައި އައި ހޮނިހިރު ދުވަހެއްގައެވެ. އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުވެސް އެކަމަނާގެ ޤާފިލާއާއެކު އެތައް މޭލަކަށް ހިނގަވައިފައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ ޙަސަންގެފާނާއި ޙުސައިންގެފާނު އެބޭފުޅުންގެ ޙުރުމަތްތެރި ދޮންމާމާފުޅާއެކު އެއްދުވަހުގެ ރާސްތާއަށް ދަތުރު ކުރުމަށް ފޮނުއްވިއެވެ. މި ޤާފިލާގެ ވެރިއަކަށް ހުންނެވީ ޢާއިޝަތުގެފާނުގެ އަޚް މުޙައްމަދު ބިން އަބީބަކުރެވެ.
ކުރިންވެސް ދެންނެވުނު ފަދައިން ޢަލީގެފާނުވަނީ ބަޞަރާގެ އެންމެ ރަނގަޅު އަންހެނުންގެ ތެރެއިން ސާޅީން އަންހެނުން ޢާއިޝަތުގެފާނާއެކު ލަޝްކަރުގައި ފޮނުއްވައިފައެވެ. އެބޭކަނބަލުން ތިއްބެވީ ބޮލުގައި ފަގުޑިއަޅައި މޫނު ނިވާކޮށްގެންނެވެ. އެއީ އަންހެންބޭފުޅުކަމެއް ޢާއިޝަތުގެފާނަށް އެނގިވަޑައެއްނުގަންނަވައެވެ. ލަޝްކަރު މަދީނާއަށް ފޯރުމުން އެބައިމީހުންގެ ފަގުޑިތައް ނަގައި، މޫނުތައް ކަޝްފުކޮށް ޢާއިޝަތުގެފާނަށް ދެންނެވީ އެއީ އަންހެނުން ކަމުގައެވެ. ޢަލީގެފާނު މިފަދަ ހެޔޮފުޅުކޮށް ކަންތައްކުރެއްވުމުން ޢާއިޝަތުގެފާނު އުފާފުޅުކުރެއްވިއެވެ.