މުޖްތަމަޢުގައި ނުބައިކަންތައް ޢާއްމުވެ، ފެތުރިގެންގޮސް، އެކަންމަނާކުރުމުގައި އެންމެން ނުކުޅެދިއްޖެނަމަ އެންމެންގެ މައްޗަށް ޢާއްމު ކޯފާ އެއް ފޮނުއްވަފާނެއެވެ. ޖާބިރު-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ރަށެއްގެ އަހުލުވެރިން ބަންޑުން ޖެއްސެވުމަށް މާތް ﷲ ޖިބްރީލް ޢަލައިހިއްސަލާމް އަށް އެންގެވިއެވެ. އެހިނދު ޖިބްރީލް ޢަލައިހިއްސަލާމް ދެންނެވިއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އެރަށުގައި އިބަﷲ އަށް އެއްގޮތަކަށްވެސް އުރެދިފައިނުވާ ޞާލިޙް މީހަކު އެބަހުއްޓެވެ. ﷲ ވަޙީ ކުރެއްވިއެވެ. އެމީހާއިން ފަށްޓަވާށެވެ. އޭނާ ދުވަހަކުވެސް ހެޔޮކަމަކަށް އަމުރުކޮށް މުންކަރާތެއް ނަހީއެއް ނުކުރެއެވެ".
އުއްމުލްމުއިމިނީނަ ޒައިނަބު ބިންތި ޖަޙްޝް ގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަމަނާ ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ އަށް ދެންނެވީމެވެ. "ތިމަންމެންގެ ތެރޭގައި ޞާލިޙް ރަގަޅުމީހުން ތިއްބާ އަހަރުމެން ހަލާކުވެ ހިނގައިދާނެހެއްޔެވެ؟"، ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ. ނުބައިކަންތައް ގިނަވެއްޖެ ނަމައެވެ".
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް