ރަނގަޅު ނިމުމަކަށް އެދިގެން މަސައްކަތްކުރާއިރު ކަންބޮޑުވާންޖެހެންވީ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ރަނގަޅު ނިމުމަކަށް އެދިގެން މަސައްކަތްކުރާއިރު ކަންބޮޑުވާންޖެހެންވީ ކަންކަން-

އެއްވެސް ކުއްޖަކު ދުނިޔެއަށް އުފަންވަނީ އަމިއްލައަކަށް ނޫނެވެ. އެހެންވެ އެކުއްޖަކު ދުނިޔެއަށް އުފަންވި ތަނަކާއި އުފަންވި ގޮތުގެ އެއްވެސް މުހިންމުކަމެއް ނެތެވެ. މިޘާލަކަށް ބައެއް ކުދިން ވަރަށް ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުގައި އުފަންވެއެވެ. އަނެއްބައި ކުދިންގެ މައިންބަފައިންގެ ޙާލަތު ހުންނަ ގޮތުން ހޮސްޕިޓަލަކަށް ނުދެވި ގޭގައިވެސް އުފަންވެއެވެ. އަދި އެނޫން ޙާލެއްގައިވެސް އުފަންވެދާނެއެވެ. 

އެހެން ޤިޔާމަތް ދުވަހުން އެއްވެސް މީހަކާއި އޭނާ ދުނިޔެއަށް އުފަންވި ޙާލަތާއި އަދި ގޮތަކާއިމެދު ސުވާލެއް ނުކުރައްވަވާނެއެވެ. ސަބަބަކީ އެކަން ހިނގަނީ އޭނާގެ އެއްވެސް ބާރެއް ނެތް ޙާލުގައި ކަމަށްވުމުންނެވެ. 

އަހުރެމެންނާއި ސުވާލުކުރައްވަވާނީ އަހުރެމެން ދުނިޔޭގައި ކުރި ޢަމަލުތަކާއިމެދުގައެވެ. އުޅުނު ގޮތަކާއިމެދުގައެވެ. ޚުލާޞާއަކީ މުހިންމީ ދުނިޔެއަށް އުފަންވާންޖެހުނު ގޮތެއް ނޫނެވެ. ދުނިޔެއިން ނުކުންނަން ޖެހުނު ގޮތެކެވެ. ނުކުތް ގޮތެކެވެ. އެމީހާގެ އެންމެ ފަހުގެ ޢަމަލުތަކެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އެންމެ ގިނައިން ކުރެއްވެވި އެއް ދުޢާއަކީ ރަނގަޅު ނިމުމެއް ދެއްވެވުން އެދިވަޑައިގެން ކުރެއްވެވި ދުޢާއެވެ. މާނައަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ފުރާނަ ގެންދެވުން އެދިވަޑައިގަތުމެވެ. ސުވާލަކީ އަހުރެމެންނަށް އެފަދައިން އެބަ ދުޢާ އެބަކުރެވޭ ހެއްޔެވެ؟ ދުޢާކުރެވެނީ ހެއްޔެވެ؟ 

ރަނގަޅަށް ހަނދާންކުރާށެވެ! ﷲ ތަޢާލާ ޤިޔާމަތް ދުވަހުން ބައްލަވައި ވޮޑިގަންނަވާނީ އަހުރެމެންނަށް ތައުބާވެވުނުތޯއެވެ؟ ކުރެވުނު ފާފަތަކުން ސަލާމަތްވާން މަސައްކަތްކުރެވުނުތޯއެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރެވުނުތޯއެވެ؟ 

މީސްތަކުންނޭވެ! މީޒާނުގައި އެމީހެއްގެ ޢަމަލުތައް ކިރުއްވަވައި ލައްވަވާހިނދު ފާފައިގެ ކޮޅުގާ މިންވަރެއް ހުރުމަކީ މައްސަލައެއް ނޫނެވެ. އެހެނީ ކޮންމެ އިންސާނަކަށްވެސް ފާފަތައް ކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. މީޒާނުގައި ހެޔޮކަމުގެ ކޮޅަށް ބުރަވެއްޖެނަމަ އެމީހަކު ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ 

ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ގިނަގިނައިން ތައުބާވުމަށެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމަށެވެ. މީޡާނުގައި ހެޔޮ ޢަމަލުތަކުގެ ކޮޅަށް ބުރަކޮށްލެވޭތޯއެވެ. އަހުރެމެން މުސްލިމުން ޙާޞިލުކުރަން މިއުޅޭ ލަނޑުދަނޑި ޙާޞިލްކުރެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން