ކައިވެނީގައާ ޢުމުރުން ދުވަސްވާވަރަކަށް ސިފަރީތިވަމުންދާނެ އަންހެނުން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކައިވެނީގައާ ޢުމުރުން ދުވަސްވާވަރަކަށް ސިފަރީތިވަމުންދާނެ އަންހެނުން: މުފްތީ މެންކް

ކައިވެނި ކުރެވެން އޮތް ނަމަވެސް ކައިވެނިނުކޮށް ތިބޭ ޒުވާނުން ގިނައެވެ. އެއީ މަދުބައެއް ނޫނެވެ. އެމީހުންނާއި ސުވާލުކޮށްލުމުން އެނގޭގޮތުގައި ކައިވެނިނުކޮށް ލަސްކުރަނީ އެމީހުން ބޭނުންވާ ސިފަތައް ހުންނަ އަނހެނަކާއި ބައްދަލުނުވެގެންނެވެ. 

އެއީ ކޮންސިފަތަކެއްތޯ ބަލައިލާއިރު އެސިފަތައްވެގެންދަނީ ބޭރުފުށުގެ ސިފަތަކަށެވެ. ދޮންމިނާއި އިސްކޮޅާއި ހަށިގަނޑުގެ ބުރުސޫރައާއި މިހެންގޮސް ބަލައިލަން ރީތިވާނެހައި ސިފަތެކެވެ. މިސިފަތައް މިބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެންމެ ބޭނުމަކުއެވެ. އެބޭނުމަކީ ތިމާގެ އަނބިމީހާއަކީ އޭނާގެ ރީތިކަމަށް އެންމެން ތަޢްރީފްކުރާ މީހަކަށް ހެދުމެވެ. 

މައްސަލައެއް ނެތެވެ. އެފަދަ އަނހެނަކު ލިބުނީއެވެ. ކައިވެނިކުރީއެވެ. ނިކަން ބުނެބަލާށެވެ! ކައިވެނިކުރިއިރު އޭނާގެ ސިފައިގައި ހުރި ރީތިކަން އެގޮތަށް ހުންނާނީ ކިތައް އަހަރުހެއްޔެވެ؟ އެރީތިކަން ގެއްލި ސިފަ ހުތުރުވަމުން ނުދާނެ ހެއްޔެވެ؟ 

އަހަރެމެންނަށް ޤަބޫލުނުކުރެވިގެން މިއުޅެނީ މިޙަޤީޤަތެވެ. އެއީ ކައިވެނިކުރަންވީ ދުވަހަކުވެސް އޭނާގެ ކިބައިން ގެއްލިގެން ނުދާނެ ރީތިކަމަށް ބަލައިގެންކަމެވެ. އެއީ އޭނާގެ ހަށިގަނޑުގައި ފޮރުވިފައިވާ ރީތިކަމެވެ. ބޭރުފުށުން ނުފެންނަ ރީތިކަމެވެ. އޭނާގެ ހިތުގެ ރީތިކަމެވެ. 

މިބުނިފަދައިން ފޮރުވިފައިވާ ރީތިކަމަށް ބަލައިގެން ކައިވެނިކުރީމާ ވާނެ ގޮތް އެނގޭހެއްޔެވެ؟ މޫނުގައި ރޫޖެހޭވަރަކަށް، ބަނޑުގައި ކޫރުން ގިނަވާވަރަކަށް އޭނާގެ ރީތިކަން ދާނީ އިތުރުވަމުންނެވެ. އެއީ ކީއްވެގެންހެއްޔެވެ؟ ޢުމުރުން ދުވަސްވާވަރަކަށް އޭނާގެ ކިބައިގައިވާ ތަޤްވާވެރިކަން އިތުރުވަމުންދާނެތީއެވެ. ރިވެތި އަޚްލާޤީ ސިފަތައް އިތުރުވަމުންދާނެތީއެވެ. 

ވީމާ އަނބިމީހާގެ ސިފަ ހުތުރުނުވެ އަބަދުވެސް ސިފަ ރީތިވަމުންދާނެ އަނހެނަކާއި ކައިވެނިކުރަން ބޭނުންވާނަމަ ބޭރުން ނުފެންނަ އެތެރެ ފުށުގެ ސިފަތައް ރީތި އަންހެނަކާއި ކައިވެނިކުރާށެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން