ޖަމަލުހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުނު ކަމަށްޓަކައި ޠަލްޙަތުގެފާނާއި، ޢަލީގެފާނާއި، ޒުބައިރުގެފާނު ހިތާމަފުޅު ކުރެއްވި ފަދައިން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވެސް ހިތާމަފުޅު ކުރެއްވިއެވެ. އެކަމަނާ ޖަމަލު ހަނގުރާމައިގެ ހަނދުމަފުޅުވާ ކޮންމެ ފަހަރު ވިދާޅުވިއެވެ.
[މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުންނާއެކު މަޑު ކުރެއްވުނު ނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފަރާތްޕުޅުން އެތައް ދަރީން ތަކެއް ލިބުން ތިމަންކަމަނާއަށް ލޮބުވެތިކަން ބޮޑެވެ. އޭގެ ތެރެއިން ކޮންމެ ކުއްޖަކީ ޢަބްދުﷲ ބިން ޒުބައިރު ނުވަތަ ޢަބްދުއް ރަޙްމާނު ބިން ޙާރިޘްފަދަ ބޭކަލުންނަށް ވުމަށްޓަކައެވެ.]
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ކީރިތި ޤުރްއާނުގެ އަހުޒާބު ސޫރަތުގެ 33 ވަނަ އާޔަތް ކިޔަވާ ވިދާޅުވާ ކޮންމެ ފަހަރަކު އެކަމަނާގެ ބުރުގާކޮޅު ފޯވަންދެން ކީރިތި ކުރައްވައެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
"وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّـهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّـهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ﴿٣٣﴾"
މާނައީ: [އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.]
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. [ޢާއިޝަތުގެފާނު ހަނގުރާމައެއް ނުކުރައްވައެވެ. އެކަމަނާ ވަޑައިގެންނެވީ ހަނގުރާމަ ކުރައްވާކަށެއްވެސް ނޫނެވެ. އެކަމަނާ ވަޑައިގެންނެވީ މީސްތަކުންގެ މެދުގައި ކަންތައްތައް ހަމަޖައްސަވައި މީސްތަކުންގެ މެދުގައި ޞުލްޙަ ޤާއިމު ކުރެއްވުމުގެ ބޭނުންފުޅުގައެވެ. އެކަމަނާ ހީފުޅު ކުރެއްވީ އެކަމަނާ ވަޑައިގެންނެވުމުން މުސްލިމުންނަށް އެކަމުން މަންފާ ކުރާނެ ކަމަށެވެ. ނަމަވެސް ކަންތައްތައް ދިމާވެވަޑައިގެންނެވި ގޮތުން ފަހުން ބަޞަރާއަށް ވަޑައިނުގެންނެވުނު ނަމައޭ އެކަމަނާގެ ހިތްޕުޅަށް އަރާވަޑައިގަންނަވައެވެ. ޖަމަލު ހަނގުރާމައިގެ ދުވަހުގެ މަތީން ހަނދުމަވާ ކޮންމެ ފަހަރަކު އެކަމަނާގެ ބުރުގާކޮޅު ފޯވަންދެން ކީރިތި ކުރައްވައެވެ.]
އިމާމު ޛަހަބީ ވިދާޅުވެފައިވެއެވެ. [ޢާއިޝަތުގެފާނު ބަޞަރާއަށް ވަޑައިގެން ޖަމަލު ހަނގުރާމައިގެ ދުވަހު އެތަނުގައި ހުރެވުނު ކަމަށްޓަކައި ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އެހެނީ އެކަންތައް ބޮޑު ހަނގުރާމައަކަށް ބަދަލުވެގެން ހިނގައިދާނެ ކަމަކަށް އެކަމަނާ އެއްގޮތަކަށްވެސް ހީފުޅު ކުރައްވައިފައެއް ނެތެވެ.]
ބައެއް މީހުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުއާ ދެމެދުގައި ވަރަށް ބޮޑު ދެކޮޅުވެރި ކަމެއް ވާކަމަށް ލިޔެފައިވެއެވެ. ނަމަވެސް ޙަޤީޤަތަކީ އެއީ އެއް ނޫނެވެ. އެދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިޙްތިރާމު ކުރައްވައެވެ. ޤަދަރު ކުރައްވައެވެ. އިސްވެ ދެންނެވި ޞަފްޙާތައް އޭގެ ދަލީލަކަށް ފުދެއެވެ.
އެއްފަހަރަކު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހަށް މީހަކު އައިސް ޚުއްފުގައި ފެންފުހުމުގެ މައްސަލައާ މެދު ސުވާލު ދެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. [ތިޔަ މައްސަލަ އަހަރެންނަށް ވުރެ އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޢަލީގެފާނަށެވެ. އެކަލޭގެފާނު ގާތަށް ގޮސް އެކަލޭގެފާނު ކުރެ އަހާށެވެ.]